ފަރުދުން

ސިވާން ކަހަލަ އިޖުތިމާޢީ ޚިދުމަތްތެރީން ހޯދަން މިހާރު އުނދަގޫވާނެ

ސިވާން ކަހަލަ އިޖުތިމާޢީ ޚިދުމަތްތެރީން ހޯދަން މިހާރު އުނދަގޫވާނެ

ސިވާން އިޖުތިމާޢި ގޮތުން ވެލިދޫގައި ހަރަކާތްތެރިވާދާ މިހާރު ވިއްސަކަށް އަހަރުވެއްޖެ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

16 ޖުލައި 2025، 08:31

16 ޖުލައި 2025، 08:31

އިޖުތިމާޢީ ގޮތުން ޚިދުމަތްކުރުމަށް ދިވެހީންގެ ތެރޭގައި ޒަމާނުއްސުރެން އޮތް ލޯބި، ޒަމާނަށް އަންނަންފަށާފައިވާ ބޮޑެތި ބަދަލުތަކާއެކީ ފަނޑުވާން ފަށައިފިއެވެ. މިފަދަ ކަންކަމަށް ވަގުތުދޭ މީހުން ތަދުވެއްޖެއެވެ. މިކަމުގެ އެންމެ ބޮޑު ގޮންޖެހުމެއްކަމަށް ބެލެވެނީ، ދިވެހީންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބޮޑެތި ބަދަލުތަކެވެ. ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމެވެ. އަހަރެމެންގެ ބޭނުންތައް އިތުރުވެގެން ދިއުމެވެ. އެހެންކަމުން، ލިބޭ އާމްދަނީއިން ފަރުނުޖެއްސި އިތުރު އާމްދަނީ ބޭނުންވެއްޖެއެވެ. ކުރުކޮށް ބުނާނަމަ، އިޖުތިމާޢީ ގޮތުން ވިޔަސް، ހިލޭ ސާބަހަށް ކަންކަން ކުރުމަކީ ވަގުތު ބޭކާރުކުރުންކަމަށް ބައެއް މީހުންނަށް ވިސްނެންފަށައިފިއެވެ. އެންމެ ފައިދާހުރި ގޮތަކީ އެ ވަގުތު ވެސް އާމްދަނީ ލިބޭ މަސައްކަތެއް ކުރުންކަމުގައި ހީވާންފަށައިފިއެވެ. ނުވަތަ ކުރިން ހިލޭ ސާބަހަށް ކޮށްދިން މަސައްކަތުން އަގު ނެގުމަކީ ޒަމާނީ ގޮތްކަމަށް ޤަބޫލުކުރެވެން ފަށައިފިއެވެ. މިއީ ވިސްނުމުގެ ކޮށިކަމެއް ބާވައެވެ؟

ކަންމިހެން އޮތް ނަމަވެސް އިޖުތިމާޢީ ޚިދުމަތަކީ، އަހަރެމެންގެ މި މުޖުތަމަޢު ދުށް ރީތި އާދައެކެވެ. ދިވެހިވަންތަކަމުގެ ސިފައެކެވެ. އެއްބައެއްވަންތަކަން އިޙުސާސްކޮށްދިން ހަކަތައެކެވެ. ގޮންޖެހުންތައް ގިނަ ނަމަވެސް، މި ރީތި އާދަތައް އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަހަރެމެންގެ މައްޗަށް ލާޒިމުކަމެކެވެ. 

ނ. ވެލިދޫ / އޮއެވަރު، އަޙުމަދު ސިވާންއަކީ އިޖުތިމާޢީ ކަންކަމުގައި ނުހަނު އިޙުލާސްތެރި ފަރާތެއްކަން އޭނާ އެނގޭ މީހުން ދެބަހެއް ނުވާނެއެވެ. ރަށުގެ އިޖުތިމާޢީ ކަންކަމުގައި އޭނާ އަބަދުވެސް ހަރަކާތްތެރިވެއެވެ. ވަގުތު ހުސްކުރެއެވެ. އަދި އެ ކަމެއްގެ ތެރެއަށް އެހެން ބަޔަކު ވެއްދޭތޯ މަސައްކަތްކުރެއެވެ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްދަރިވަރުންގެ ޖަމްޢިއްޔާގެ މަޝްވަރާތައް އަޑުއިވި، އޭނާގެ ޅަ ދުވަހު ފެނުނު އިޖުތިމާޢީ ރޫޙު، އޭނާ މެދުވެރިވެ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރެއެވެ. މިކަންކަމުގެ މައްޗަށް، މުޖުތަމަޢުން އޭނާ އެންމެ ބަލައިގަންނަނީ، އިޚުލާސްތެރިކަމާއި، ތެދުވެރިކަމާއި އަދި ނޭދެވޭ ސިފަތަކުން ދުރުހެލިވެހުރި ލާމަސީލު ޒުވާނަކަށް ވީތީއެވެ.

"ފަރުދުން" މީޑިއާއަށް ދިން ޙާއްސަ އިންޓަވިއުއެއްގައި ސިވާން ބުނީ، އިޖުތިމާޢީ ޚިދުމަތުގެ ތެރެއަށް އޭނާއަށް ވަދެވުނީ ވެލިދޫ ޔޫތު ޑިވެލޮޕްމެންޓު ސޮސައިޓީ (ވީޑްސް) ގެ މަސައްކަތްތަކުގެ ތެރެއިން، އަލްމަރުޙޫމް ފަތުޙުالله މުޙައްމަދު އާއި ޢަބްދުالله އަބްދުއްރައްޒާޤު ދިން އިރުޝާދުގެ ދަށުން ކަމަށެވެ. އޭރު އޭނާއަކީ އުމުރުން ވަރަށް ހަގު ކުއްޖެކެވެ. ނަމަވެސް އެ ޖަމްޢިއްޔާގެ ކަންކަން ހިންގަމުން އައި ގޮތް ގޭތެރެއިން ފެނި، އިޖުތިމާޢީ ކަންކަމަށް ޝައުގު އުފެދުނީއެވެ. 

އެ ޝައުގުވެރިކަން އިތުރުވީ ވެލިދޫ ރަށް ކުރިއަރުވާ ކޮމެޓީ (ރ.ކ. ކޮމެޓީ)ގެ އިދާރީ މުވައްޒަފެއްގެ ވަޒީފާއަދާކުރި ދުވަސްވަރުއެވެ. އެ ކޮމެޓީގެ މަސައްކަތްތަކުގެ ތެރެއިން ލިބުނު މަޢުލޫމާތާއި ތަޖުރިބާއާއެކު، އިޖުތިމާޢީ ކަންކަމަށް ސިވާންގެ ހިތުގައި ވަރަށް ބޮޑަށް ލޯބިޖެހުނެވެ. އެއަށްފަހު މުޖުތަމަޢުއަށް ޚިދުމަތްކޮށްދިނުމަކީ އިޖުތިމާޢީ ވާޖިބެއް ކަމުގައި ދެކި، އެ ވާޖިބު އަދާކުރުމަކީ އުފަލަކަށް ހެދީއެވެ.

ރ.ކ. ކޮމެޓީގެ މަސައްކަތުގައި އުޅުނު ދުވަސްވަރު، މިހާރު ވެލިދޫ ކައުންސިލްގެ އެސިސްޓެންޓު ކައުންސިލް އެކްޒެކެޓިވްގެ މަޤާމުގައި ހުންނެވި އިބްރާޙިމް ޒަކީ ދެއްވި ފުރުޞަތަކަށް، 2010 ވަނަ އަހަރު ވަގުތީ ގޮތުން މިސްކިތުގެ އިމާމެއްގެ މަޤާމު ވެސް އޭނާ އަދާކުރިއެވެ. އަދި އޭގެ ފަހުން އެ ދާއިރާއިން ކުރިޔަށް ދިއުމުގެ ތަމްރީނު ހޯދިއެވެ.

ވީޑްސްގެ އެއް މުއައްސިސް، އަދި މިހާރުގެ ކައުންސިލް މެންބަރު ޢަބްދުالله އަބްދުއްރައްޒާޤު ވިދާޅުވީ، އިޖުތިމާޢީ ހަރަކާތުގެ ތެރެއަށް ސިވާން ގެންދިޔައީ، އޭނާ އެފަދަ ކަންކަމަށް ހުންނަ ޝައުގުވެރިކަން ފާހަގަކުރެވިގެން ކަމަށެވެ. 

ސިވާންގެ ހުރި އެންމެ ފާހަގަ ކުރެވޭ އެއް ކަމަކީ، ކަމެއް ހަވާލު ކުރުމުން އެކަމެއް އެންމެ ފުރިހަމައަށް ނިންމުމަށް މަސައްކަތްކުރުން. އެހެންވެ، ކޮންމެ ކަމަކު ވިޔަސް ޖަމްޢިއްޔާގައި އިސްކޮށް ހަރަކާތްތެރިވި އެންމެން ސިވާން ހޯދާނީ އެ އިތުބާރު އޭނާއާ މެދު އޮންނާތީ. އެ އިތުބާރާއެކު ވީޑްސްއިން ފަހުން ސިވާންއަށް ޙާއްސަކުރީ މީޑިއާގެ މަސައްކަތްތައް. އޭގެތެރެއިން "ދެހަފޮޅު" މަޖައްލާއަކީ ސިވާންގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތް. އެ މަޖައްލާ މެދުވެރިކޮށް ރަށުތެރޭގެ ކަންކަން އޭނާ އާންމުންނާ ހިސާބަށް ގެނަސްދިން. ލިޔުންތެރިކަމަށް ބަލާލިޔަސް، އެއީ ވަރަށް ފުރިހަމަ މަސައްކަތެއް.

ޢަބްދުالله އަބްދުއްރައްޒާޤު ވިދާޅުވިއެވެ.

ޢަބްދުالله އަބްދުއްރައްޒާޤު އިތުރަށް ވިދާޅުވީ، އޭރު ރަށުތެރޭގައި އިޖުތިމާޢީ ގޮތުން އެންމެ ހަރަކާތްތެރިވާނީ ވީޑްސް ކަމަށާއި، އަދި އެ ޖަމްޢިއްޔާއިން ހިންގާ ހުރިހާ ހަރަކާތެއްގައި ވެސް ސިވާން އިސްދައުރެއް އަދާކޮށްފައިވާކަމަށެވެ. އަދި އެއީ ގާތްގަނޑަކަށް މީގެ ވިއްސަކަށް އަހަރުކުރި ކަމަށާއި، އޭރު އިޖުތިމާޢީ ކަންކަމުގައި އޭނާގެ ހުރި ރޫހު، މިހާރު ވެސް އޭނާގެ ފުށުން ފެންނަކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން ޢީދު ކުޅިވަރުތަކާއި، ރަށު ތެރޭގައި ބާއްވާ އެހެން މުބާރާތްތަކުގައި އިސްކޮށް ހަރަކާތްތެރިވުމަކީ އޭރުން ފަށައިގެން މިއަދާ ހަމައަށް ވެސް މެދުނުކެނޑި ސިވާން ކޮށްދެމުން އަންނަ ޚިދުމަތްތަކެއްކަން ފާހަގަކުރެއްވިއެވެ.

ސިވާން ކަހަލަ އިޖުތިމާޢީ ޚިދުމަތްތެރީން ހޯދަން މިހާރު އުނދަގޫވާނެ

ވީޑްސްގެ "ދެހަފޮޅު" މަޖައްލާ

ނ. ވެލިދޫ ފެނަކަ ބްރާންޗުގައި އެސިސްޓެންޓް މެނޭޖަރެއްގެ މަޤާމުގައި މިހާރު މަސައްކަތްކުރަމުން އަންނަ ސިވާންއަކީ، އޭނާގެ ރަސްމީ މަސައްކަތުގައި ވެސް ފާހަގަކޮށްލެވޭ މުވައްޒަފެކެވެ. 12 އަހަރުގެ ދިގު ޚިދުމަތުގެ ތެރޭގައި ވަޒީފާގެ މަސްއޫލިޔަތުތައް އަންނަނީ ފަރުވާތެރިކަމާއެކު އަދާކުރަމުންނެވެ. އަދި އިޖުތިމާޢީ ކަންކަމަށް ވަގުތު ހުސްކުރި ނަމަވެސް، ވަޒީފާއަށް، ފުކެއް ވެސް ފަރުވާކުޑަ ނުކުރެއެވެ.

އިޖުތިމާޢީ ހަރަކާތްތަކަށް އޮންނަ ލޯތްބާއެކު، ކްލަބް ޖަމްޢިއްޔާތައް މެދުވެރިވެގެން ވެސް ސިވާން އަންނަނީ ގިނަ ޚިދުމަތްތަކެއް ކޮށްދެމުންނެވެ. އެގޮތުން މިހާރު ވެލިދޫގައި އެންމެ ހަރަކާތްތެރިކޮށް ފެންނަ އެއް ޖަމްޢިއްޔާ ކަމުގައިވާ "ބައޮކަލޯ"ގެ އެއް ފައުންޑަރ މެންބަރަކީ ސިވާންއެވެ. އެ ޖަމްޢިއްޔާގެ ލީޑާރޝިޕްގައި މިހާރު އިސްކޮށް ހަރަކާތްތެރިވާ ޒުވާނުންނަކީ ސިވާންމެންގެ ދަރިވަރުންނޭ ބުނުމަކީ ގޯހަކަށް ނުވާނެއެވެ. އެ ޒުވާނުންގެ ސްކޫލް ދުވަސްވަރުން ފެށިގެން، އިޖުތިމާޢީ ކަންކަމަށް އަޙުލުވެރިކުރުވުމަށް ގިނަ މަސައްކަތަތްކެއް އޭނާ ވަނީ ކޮށްފައެވެ. އެ ޖަމްޢިއްޔާއިން އަންނަނީ ރަށުގެ އިޖުތިމާޢީ ކަންކަމުގައި މި އަހަރު ވެސް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

ސިވާންއަކީ މީގެ ތިން އަހަރު ކުރިން ވެލިދޫގައި އުފެއްދި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރުސީ) ވެލިދޫ ޔުނިޓުގެ ޗެއާރވެސް މެއެވެ. އަދި މި އަހަރު އޮތް އިންތިޚާބުގައި ދެވަނަ ދައުރަކަށް އިންތިހާބުކުރީ ވެސް އޭނާއެވެ. މި ހަރަކާތުގެ ތެރެއިން، ސިވާން އަންނަނީ އިޖުތިމާޢީ ކަންކަމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދެމުންނެވެ. އަދި ސްކޫލް ނިމޭ އުމުރުގެ ކުދިންނަށް މިފަދަ ހަރަކާތްތަކުގެ މުހިންމުކަން ވިސްނައިދީ، އެ ކުދިންނަށް ވެސް ފުރުސަތު ހޯދައިދެއެވެ. އެ ކުދިން ނޭދެވޭ މަގަކުން ދިޔުމުގެ ކުރިން، ހަމަމަގުގެ މުހިންމުކަން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިސްނައިދީ، މުޖުތަމަޢު ބަލައިގަންނަ ބަޔަކަށް ހެދުމަށް މަސައްކަތް ކުރެއެވެ. 

ސިވާން ކަހަލަ އިޖުތިމާޢީ ޚިދުމަތްތެރީން ހޯދަން މިހާރު އުނދަގޫވާނެ

ނ. ހެނބަދޫގައި ފެންބޮޑުވެގެން ރެޑްކްރެސެންޓުން އެ ރަށުގެ ހާލަތު ދެނެގަތުމަށް މަސައްކަތްކުރަނީ---

މިކަން އިތުރަށް ޔަޤީންކޮށްލުމަށް، މި އަހަރުގެ ފެބުރުއަރީ މަހު އެމްއާރުސީ ވެލިދޫ ޔުނިޓުގެ ޔޫތު ކައުންސިލްގެ ވައިސް-ޗެއާރގެ މަޤާމަށް އައްޔަނުކުރި، ޙުސެއިން ހޫދުއާ ވާހަކަ ދައްކާލީމެވެ. ހޫދު ފާހަގަކުރި ގޮތުން، އޭނާ ރެޑްކްރެސެންޓުގެ ވޮލެންޓިއަރެއްގެ ގޮތުގައި މަސައްކަތްކުރަން ފެށީ، "ސޯޝަލައިޒް" ވުމަށް ބޭނުންވެގެންނާއި، އިޖުތިމާޢީ ގޮތުން ރަށަށާއި މުޖުތަމަޢަށް ޚިދުމަތް ކުރުމަށް ބޭނުންވެގެނެވެ. އަދި މިކަމުގައި އޭނާއަށް ލިބުނު އެންމެ ބޮޑު އެހީއަކަށްވީ، ރެޑްކްރެސެންޓު ހަރަކާތުގެ ތެރެއިން ލިބުނު ތަމްރީނާއި، ޔުނިޓުގެ ޗެއާރގެ ގޮތުގައި ހުރެ ސިވާން ދިން އެހީތެރިކަންކަން އޭނާ ފާހަގަކުރިއެވެ. 

ރެޑް ކްރެސެންޓު ހަރަކާތުގެ ތެރެއިން އެންމެ ބޮޑަށް ދަސްވީ ކަންކަމުގައި އިސްނަގައި ހަރަކާތްތެރިވެ އުޅެން. މިއީ ކުރިން ވަރަށް އުނދަގޫ ކަންކަން. މި ހަރަކާތުގެ ތެރެއިން ސިވާންގެ އެހީތެރިކަމާއެކު ސެލްފް ކޮންފިޑެންސް ރަގަޅުކުރުމަށް ވަރަށް ފަސޭހަވި. އެކަންކަމުގެ ފައިދާ އަމިއްލަ ދިރިއުޅުމަށް މިހާރު ކުރަމުން އަންނަކަމަށް ޤަބޫލުކުރަން.

ހޫދު ބުންޏެވެ.

ސިވާންއަކީ ގިނަ ކުޅިވަރުތަކެއްގެ ރެފްރީއެއް ވެސް މެއެވެ. ފުޓުބޯޅައިގެ ރެފްރީއަކަށް އޭނާވީ ސްކޫލްގައި ކިޔަވަން އުޅުނު ދުވަސްވަރު، މިހާރުގެ ސްކޫލް އެޑްމިނިސްޓްރޭޓިވް އޮފިސަރ އިބްރާޙިމް ޙަސަން ދިން ފުރުސަތެއްގައެވެ. މި ދާއިރާއިން އޭނާގެ ފުރަތަމަ ތަޖުރިބާއަކަށްވީ ނ. ފޮއްދޫގައި އޮތް ފުޓުބޯޅަ މުބާރާތަކެވެ. އަދި އޭގެ ދުވަސްތަކެއް ފަހުން އޭނާ ވަނީ ގިނަ ކުޅިވަރުތަކަކުން ރެފްރީ ކޯސް ހަދާފައެވެ. އޭގެ ތެރޭގައި ފުޓްސަލް، ފުޓުބޯޅަ، ވޮލީ ހިމެނެއެވެ. 

ސިވާން ކަހަލަ އިޖުތިމާޢީ ޚިދުމަތްތެރީން ހޯދަން މިހާރު އުނދަގޫވާނެ

ނ އަތޮޅު ތަޢުލީމީ މަރުކަޒުގެ އިންޓަރ ހައުސް ފުޓުބޯޅަ މުބާރާތުގެ ރެފްރީއަކަށް ސިވާން ހަރަކާތްތެރި ވަނީ---

މިކަމުގައި ސިވާން އާއި އެހެން ގިނަ ފަރާތްތަކާއި އޮތް ތަފާތަކީ، ގިނަ ޒުވާނުން މިފަދަ ފާސްތައް ހޯދަނީ ހުސްވަގުތުގައި އާމްދަނީ ހޯދޭނެ ފުރުސަތުތަކަށް މަގުފަހިކުރުމަށް ކަމަށްވުމެވެ. ނަމަވެސް ރަށު ފެންވަރުގައި ބާއްވާ މުބާރާތްތަކާއި، ސްކޫލް މުބާރާތްތަކަށް ސިވާން އިންސާފުކޮށްދެނީ ހިލޭ ސާބަހަށްކަމަށް ވުމެވެ. މި ޒަމާނުގައި ރަށު ފެންވަރުގެ މުބާރާތެއްގައި އިންސާފުކޮށްލުމަކީ ބުރަކަމަކަށް ވިޔަސް، އެކަމުގައި އޭނާގެ ފަރުވާލެއް ނެތެވެ. އެއީ ވެސް އޭނާގެ އިޖުތިމާޢީ ޙިދުމަތެކެވެ. 

ދެން އޮތީ ވެލިދޫ ޢީދު ކޮމެޓީއަށް ސިވާންކޮށްދޭ ޚިދުމަތެވެ. ވެލިދޫ ޢީދު ކޮމެޓީއަކީ އަޟްޙާ ޢީދުގެ ހަރަކާތްތައް ރާވައި އިންތިޒާމުކުރުމަށް ކޮންމެ އަހަރަކު ވެލިދޫ ކައުންސިލް އިދާރާއިން އެކުލަވާލާ ކޮމެޓީއެކެވެ. އެ ކޮމެޓީގައި އާންމުކޮށް ތިބެނީ، ވަޒީފާގެ ގޮތުން ޚިދުމަތްކުރަން ޖެހޭ މީހުންނެވެ. ނަމަވެސް ވޮލެންޓިއަރެއްގެ ގޮތުގައި މެދުކެނޑުމެއްނެތި ސިވާން މި ކޮމެޓީއަށް ކޮށްދޭ ޚިދުމަތް ފާހަގަވާނީ ޢީދު ކުޅިވަރުގެ ހަރަކާތްތަކުގެ ތެރެއިންނެވެ. ވާ ދެމިޔަސް، ފައިގަތަޅާ ކުޅުނަސް، ބައިބަލާ ކުޅުނަސް، ތިން މުގޯލި ކުޅުނަސް، ޢީދުގެ ކުޅިވަރުތައް އިންސާފުވެރިކޮށް ކުރިޔަށް ގެންދިއުމަށް އެންމެ ފަހުގެ ނިންމުންތައް ނިންމާނީ އޭނާއެވެ. 

ސިވާން ކަހަލަ އިޖުތިމާޢީ ޚިދުމަތްތެރީން ހޯދަން މިހާރު އުނދަގޫވާނެ

ވެލިދޫ ޢީދު ހަރަކާތުގެ ތެރެއިން ވާދެމުމުގެ މެޗެއްގައި ސިވާން ރެފްރީއަކަށް، ފޮޓޯ: ނޫނު ފޮޓޯ

ޢީދު ކޮމެޓީއަށް ސިވާންކޮށްދޭ ޚިދުމަތްތައް އަންދާޒާ ކޮށްލުމަށް، ކައުންސިލް މެންބަރ ޢަބްދުالله ފާއިޤުއާ ބައްދަލުކޮށް ވާހަކަ ދައްކާލީމެވެ. ފާއިޤު ވިދާޅުވީ، ޢީދުގެ ހުރިހާ ކުޅިވަރުތަކެއް ހިންގުމުގައި ވެސް ސިވާންގެ ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބޭ ކަމަށެވެ. އަދި ޢީދުގެ އިތުރުން، ކައުންސިލުން އެހީތެރިކަމަކަށް އެދިއްޖެ ކޮންމެ ހިނދެއްގައި އޭނާ ތައްޔާރަށް ހުންނަކަން ފާހަގަ ކުރެއްވިއެވެ. 

ޢީދު ކޮމެޓީއަށް ސިވާންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ. ފައިގަތަޅާ ކުޅުނަސް، ވާ ދެމިޔަސް، ތިން މުގޯލި ކުޅުނަސް އިސް ރެފްރީއަކަށް ހުންނާނީ ސިވާން. އަދި ޢީދު ކުޅިވަރެއްގެ ގޮތުގައި މި ރަށަށް ތިން މުގޯލި ތަޢާރަފް ކުރުމަށް ވެސް އެންމެ އިސްދައުރެއް އަދާކުރި މީހަކީ އެއީ. އެ ކުޅިވަރު ކުޅޭނެ ޤަވާއިދު ވެސް ހެދީ އޭނާ. އަދި ޢީދު ނޫނަސް ކައުންސިލުން ބާއްވާ އެހެން މުބާރާތްތަކާއި އެހެނިހެން ކަންކަމުގައި ވެސް ސިވާންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ. އެއީ ހަމަ ލާމަސީލު ރައްޔިތެއް.

ކައުންސިލް މެންބަރ ޢަބްދުالله ފާއިޤު

މިގޮތުގައި ކުރިޔަށް ދިއުމަށް ސިވާންއަށް އޮތް އެންމެ ބޮޑު ހިތްވަރަކީ އޭނާގެ އަނބިމީހާ އާއި އާއިލާގެ ފަރާތުން ލިބޭ އެއްބާރުލުންކަމަށް ޝިވާން ފާހަގަކުރިއެވެ.

އިޖުތިމާޢީ މަސައްކަތްތަކުގެ ތެރެއިން، އަހަރެމެންނަށް ނޭންގި ނަމަވެސް ފަރުދީ ގޮތުންނާއި އިޖުތިމާޢި ގޮތުން ގިނަ ފައިދާތަކެއް ލިއްބައިދިންކަން އަހަރެމެންގެ ކާބަފައިން ހެކިވާނެއެވެ. އޭގެ ތެރެއިން އެއްކަމަކީ އެކަކު އަނެކަކަށް އެހީތެރިވުމުގެ މާތް ސިފައެވެ. މީގެއިތުރުން، އެންމެންގެ އެއްބައިވަންތަކަމަކީ ބޮޑެތި މަޝްރޫޢުތައް ހިންގާލަން ޖެހުނު ނަމަވެސް، ކުރިޔަށް ދިއުމަށް އޮތް ހިތްވަރެއްކަމަށް އަހަރެމެންނަށް ވިސްނައިދިނީ އިޖުތިމާޢީ ހަރަކާތްތަކެވެ. 

ޒަމާނީ ވަސީލަތްތަކާއެކު ބޮޑެތި ކުންފުނިތަކުން ރަށްފުށުގައި މިހާރު އެ ކުރިޔަށްގެންދާ ބަނދަރު ހެދުން ފަދަ މަޝްރޫޢުތަކަކީ، ކުރިން ރަށުގެ އެންމެން އެކަތިގަނޑަކަށް ވެގެން ނިކުމެ އެ މީހުންގެ ދެ އަތުން ކުރި މަސައްކަތްތަކެވެ. އެ މަސައްކަތްތަކަށް ހަކަތަ ފޯރުކޮށްދިނީ ހީވާގި ކަނބަލުންނެވެ. އެއް ދުވަހު އެއް އަވަށުން ވިއްޔާ، އަނެއް ދުވަހު އަނެއް އަވަށުން ގިރި ސަޔާއި އެޅި ބޯކިބާތަކެވެ.

މި މަންޒަރުތައް ކާބަފައިންގެ ފުށުން ފެނުނު ޖީލުގެ މީހުންގެ ސިކުނޑީގައި އެ ހަނދާންތައް ހަރުލާފައި ހުންނާނެކަން ޔަޤީނެވެ. ނަމަވެސް ޒިންމާތަކާއި، ބޭނުންތަކާއި އަދި "ބިޒީ" ޝެޑިއުލްގެ ސަބަބުން އިޖުތިމާޢީ ގޮތުން ހަރަކާތްތެރިވުމަށް ހުރަސްއަޅަނީ ކަންނޭގެއެވެ. ދުނިޔަވީ ހަމަތަކުން ވިސްނާނަމަ، އެއްވެސް ޒަމާނެއްގައި އިޖުތިމާޢީ ކަންކަން ކުރަމުން އައީ ކުރާނެ ކަމެއް ނެތިގެން ފޫހިފިލުވަން ނޫންކަމެވެ. ނަމަވެސް މުޖުތަމަޢަށް ފައިދާހުރި ޚިދުމަތްތަކެއް ކޮށްދިނުމުގެ އިޚުލާސްތެރި ނިޔަތުގައި ވަގުތު ހުސްކޮށްގެންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން