ކޮލަމް / ސައިންސް
ޓިކްޓޮކް، އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތަކުގެ "ޝޯޓްސް" ވީޑިއޯތަކުން ސިކުނޑިއަށް ގެއްލުން: މަސްތުވާތަކެއްޗާ އެއްފަދަ ނުރައްކަލެއް!

ތުއްތު ކުއްޖެއް ޔޫޓިއުބް ޝޯޓްސް ބަލަނީ
ޓިކްޓޮކް، އިންސްޓަގްރާމް ނުވަތަ ޔޫޓިއުބް ފަދަ ޕްލެޓްފޯމްތަކުން ކުރު ވީޑިއޯ ބެލުމަކީ ސިކުނޑިއަށް ނުރައްކާވެދާނެ ކަމެއް ކަމަށް އައު ދިރާސާއަކުން ބުނެފިއެވެ. "ނިއުރޯއިމޭޖް" ޖަރނަލްގައި ޝާއިޢުކޮށްފައިވާ މި ދިރާސާއިން ހާމަވެފައިވަނީ، ގިނައިން ކުރު ވީޑިއޯ ބަލާ މީހުންގެ ސިކުނޑީގެ ބައެއް ހިސާބުތަކަށް ބަދަލުތަކެއް އަންނަކަމަށެވެ.މި ބަދަލުތައް ގުޅިފައިވަނީ ކަންކަމުގައި ނިންމުން ނިންމުމާއި މާލީ ކަންކަމަށް ކުރާ އުންމީދުތައް ބޮޑުވުމާ ކަމަށް ދިރާސާއިން ދައްކައެވެ.
ދިރާސާ ކުރި ފަރާތްތަކުން ބުނާ ގޮތުގައި، ކުރު ވީޑިއޯތަކަށް ދެވިހިފުން ނުވަތަ އެޑިކްޝަންއަކީ މަސްތުވާތަކެތި ބޭނުންކުރުމާއި ޖުވާކުޅުމާ އެއްފަދަ ކަމެކެވެ. މިފަދަ ކަންކަމުގައި އިންސާނުން އިސްކަންދެނީ ދުރު މުސްތަގުބަލަށް ވުރެ، ވަގުތުން ލިބޭ އުފަލަށާއި އަދި އަވަހަށް ލިބޭ ރިވޯޑުތަކަށެވެ.
ދިރާސާއިން އިންޒާރުދީފައިވާ ގޮތުގައި، އެއްވެސް ބޭނުމަކާ ނުލައި ކުރު ވީޑިއޯތައް ނުހުއްޓާ ބެލުމުގެ ސަބަބުން ސިކުނޑިއަށް ބަދަލުތަކެއް އައުމަށް މެދުވެރިވެ، އެކަމުގެ ސަބަބުން މީހުން އަވަސް އަވަހަށް ނިންމުން ނިންމައި، ނުރައްކާތަކަށް ފުންކޮށް ވިސްނާ، އުފެއްދުންތެރިކަމާއެކު ނިންމުންތައް ނިންމުމުގެ ގާބިލިއްޔަތު ގެއްލިގެންދެއެވެ.
ދިރާސާ ކުރި ފަރާތްތަކުން މި އެޑިކްޝަން ސިފަކޮށްފައިވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ސިއްހީ ކަންބޮޑުވުމެއްގެ ގޮތުގައެވެ. މިސާލެއްގެ ގޮތުން، ހަމައެކަނި ޗައިނާގައިވެސް، އިންޓަރނެޓް ބޭނުންކުރާ މީހުންގެ %95.5 އިން މިފަދަ ވީޑިއޯތަކަށް އިސްކަންދޭއިރު، ދުވާލަކު އެވްރެޖްކޮށް 151 މިނެޓު މިފަދަ ވީޑިއޯތައް ބެލުމުގައި ހޭދަކުރާކަމަށް ފާހަގަކޮށްފައިވެއެވެ.
އަދި މި އެޑިކްޝަންގެ ސަބަބުން ސަމާލުކަން ދިނުމުގެ ގާބިލިއްޔަތު، ނިދީގެ ފެންވަރު އަދި ނަފްސާނީ ސިއްހަތަށްވެސް ނޭދެވޭ އަސަރުކޮށް، ޑިޕްރެޝަން ޖެހުމުގެ ފުރުސަތު އިތުރުވާކަމަށް ދިރާސާ ކުރި ފަރާތްތަކުން ހާމަކޮށްފައިވެއެވެ.