ދުނިޔެ
ޔުރެނިއަމް މުއްސަނދިކުރުން ހުއްޓާލުމަށް އިންކާރުކޮށް އެމެރިކާއާ ނިއުކްލިއަރ ވާހަކަތައް ނުފަށާނެ ކަމަށް އިރާނުން ބުނެފި

އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ
ޔުރެނިއަމް މުއްސަނދިކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށް އެމެރިކާއިން އެދިއްޖެ ކަމަށް ވާނަމަ، އެމެރިކާއާ އެކު ނިއުކްލިއަރ ވާހަކަތަކަށް ނުވަންނާނެކަމަށް އިރާނުން ބުނެފިއެވެ. ދުނިޔޭގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިކަން އިރާނުން ހާމަކޮށްފައިވަނީ ހޯމަ ދުވަހުއެވެ. މި ޙާލަތުގައި ވާހަކަތައް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތް ކަމަށް އިރާނުން ވަނީ ހާމަކޮށްފައެވެ.
އިޒްރޭލުން ދާދި ފަހުން ދިން އަސްކަރީ ހަމަލާތަކާ ގުޅިގެން މަޑުޖެހިފައިވާ ނިއުކްލިއަރ ވާހަކަތައް، ސަރަހައްދުގެ ނުރައްކާތެރިކަން ކުޑަވެއްޖެނަމަ އަލުން ފަށާނެ ކަމަށް ކުރިން ވަނީ ބެލެވިފައެވެ. ނަމަވެސް، އަމިއްލަ ސުލްހަވެރި ބޭނުންތަކަށް ނިއުކްލިއަރ ބާރު ހޯދުމުގެ ޙައްޤު އިރާނަށް ލިބިގެންވާކަމަށް އެޤައުމުން ވަނީ ތަކުރާރުކޮށް ބުނެފައެވެ.
އިރާނުގެ ސުޕްރީމް ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީގެ ޚާއްޞަ އެޑްވައިޒަރ އަދި އިރާނުގެ އިސް މަޤާމެއް ފުރުއްވާ އަލީ ވެލާޔަތީ ވިދާޅުވީ، އުރެނިއަމް މުއްސަނދިކުރުން ހުއްޓާލުމަށް އެދޭނަމަ އެފަދަ އެއްވެސް ވާހަކައެއް ޤަބޫލުނުކުރެވޭނެ ކަމަށެވެ. ވެލާޔަތީ އިތުރަށް ވިދާޅުވީ، "ޔުރެނިއަމް މުއްސަނދިކުރުން ހުއްޓާލުމަކީ ވާހަކަތަކުގެ ކުރިން ހުށަހަޅާ ޝަރުތެއް ކަމަށް ވާނަމަ، ވާހަކަތައް ކުރިއަށް ނުދާނެ" ކަމަށެވެ. މިއީ މިމައްސަލައިގައި އިރާނުން ދުވަހުން ދުވަހަށް ގެންގުޅޭ ދިގު ރެކޯޑުގެ ކަށަވަރުކަމެކެވެ.
މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި އިރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބާޤާއީ ވިދާޅުވީ، ދެފަރާތުގެ މެދުގައި ބާއްވާނެ ވާހަކަތަކެއްގެ ވަގުތެއް، ތަނެއް ނުވަތަ ތާރީޚެއް އަދި ކަނޑައެޅިފައި ނުވާ ކަމަށެވެ. ކުރީގެ ރިޕޯޓުތައް ބުނާ ގޮތުގައި އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީއާއި އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޯފް ވަރަށް އަވަހަށް ބައްދަލުކުރަން ހަމަޖެހިފައިވެއެވެ.
މިދިޔަ އޭޕްރީލް މަހުން ފެށިގެން ދެފަރާތުން ވަނީ ފަސް ބުރެއްގެ ނުސީދާ ވާހަކަތައް ބާއްވާފައެވެ. މި މަސައްކަތްތަކުން އެއްބަސްވުމަކަށް ނާރައި އެއްވެސް ޙައްލެއް ނުލިބިފައި ވެއެވެ. 2018 ވަނަ އަހަރު އެމެރިކާއިން 2015 ވަނަ އަހަރުގެ ނިއުކްލިއަރ އެއްބަސްވުމުން ވަކިވި ފަހުން، ތެހެރާނާއި ވޮޝިންގޓަންގެ މެދުގައި ކުރެވުނު ސިފްލޯމެޓިކް މަސައްކަތްތަކުގެ ތެރެއިން އެންމެ އުފެންދިގެން މިހާތަނަށް އައިސްފައިވަނީ މި ވާހަކަތަކެވެ. އުރެނިއަމް މުއްސަނދިކުރުމުގެ މައްސަލައަކީ ނިއުކްލިއަރ އެއްބަސްވުން އަލުން ފެށުމަށް ހުރަހަކަށް ވެފައިވާ މައިގަނޑު ކަމެކެވެ.
ވޮޝިންގޓަނުން ވަކިވަރަކަށް ޔުރެނިއަމް މުއްސަނދިކުރުމަށް ހުއްދަ ދެވިދާނެކަމަށް އިޝާރާތްކޮށްފައި ވީނަމަވެސް، އިރާނުން މިކަމާމެދު ޝައްކުކޮށް، އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމަކީ ސިވިލިއަން ބޭނުންތަކަށް ކަމަށް ވަނީ ތަކުރާރުކޮށް ބުނެފައެވެ.