ކޮލަމް

އަސަރާއެކު ތޭރަވާ ކިޔައިދިނީ މިއަދު އޭނާ އިޙުސާސް ކުރަމުންދާ ހިތްދަތިކަން

އަސަރާއެކު ތޭރަވާ ކިޔައިދިނީ މިއަދު އޭނާ އިޙުސާސް ކުރަމުންދާ ހިތްދަތިކަން

އަލްސަންގެ ޖަނާޒާ، ފޮޓޯ: އަދަދު

farudhun logo

ފަރުދުން

15 ޖުލައި 2025، 06:33

15 ޖުލައި 2025، 06:33

ތިމާގެ ފުރާނަ ފަދައިން ލޯބިވާ ދަރިއަކު ވަކިވެ ދިއުމަކީ އެއްވެސް މަޔަކަށް އަދި ބަފަޔަކަށް ބަރުދާސްތު ކުރަން ފަސޭހަކަމަށް ނުވާނެކަން ހަމަ ޔަޤީނެވެ. އަދި އެ ދަރިފުޅާ މި ދުނިޔެއިން ދެން ދުވަހަކުވެސް ބައްދަލުނުވާނެކަން އެނގުމަކީ، ޤަބޫލުކުރަން އުނދަގޫވާނެ ހަޤީޤަތެކެވެ. އެކަމަކު އެއީ ބަދަލެއް ނުވާނެ ދުނިޔޭގެ އާދައެވެ. މިއަދު އެކީގައި ހުރި މީހާ، މާދަމާގެ މިވަގުތު ޖެހޭއިރު ކަށްވަޅުގައި އޮތުމަކީ، ނުވުމަށްވުރެ ވުން ގާތްކަމެކެވެ.

އެގޮތުން އާދީއްތަ ދުވަހުގެރޭ ހިނގާދިޔަ އެކްސިޑެންޓުގައި ރާއްޖޭގެ މަޝްހޫރު ދެ ފަންނާނުން ކަމުގައިވާ، މުޙައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅު، އުމުރުން 17 އަހަރުގެ ޔޫސުފް އަލްސަން މުޙައްމަދުގެ ވަކިވެ ދިއުމުން އެ ދެ މީހުން ތަޙައްމަލު ކުރާނެ ހިތާމަ އާއި ހިތްދަތިކަމަކީ، އެހެންމީހަކަށް އިޙުސާސް ކުރެވޭނެ ކަމެއް ނޫނެވެ. އެ ހިތްދަތިކަން އެއަށްވުރެ މާ ބޮޑު ވާނެއެވެ. ވަކިވެގެން އެ ދިޔައީ 17 އަހަރުގެ ހަނދާންތަކެއް ދޫކޮށްލުމަށްފަހުއެވެ. ދުނިޔޭގައި މަޔަކާއި ބަފަޔަކަށް ލިބޭނެ އެންމެ އުފާވެރި ދުވަސްތަކަކީ، އެ މީހުންގެ ކުޑަ ދަރިފުޅު ދުނިޔެއަށް ދޫކޮށްލާ ފުރަތަމަ ނޭވާއިން ފެށިގެން ދެން އެ އަންނަ މަރުހަލާތަކުގައި އެ ދަރިފުޅު ގެނެސްދޭ އުފާވެރިކަމަށްވީހިނދު، އެ ހުރިހާ ހަނދާންތަކެއް ދޫކޮށްލާ، ކުއްލިއަކަށް ވަކިވެ ދިއުމަކީ އެ ބަޔަކަށް ނޫނީ އަންދާޒާ ވެސް ނުކުރެވޭނެ ހިތްދަތިކަމެކެވެ.

އެ އިޙުސާސްތައް އަންދާޒާ ކޮށްލަން އުނދަގޫވި ނަމަވެސް، މިފަދަ ވަގުތެއްގައި މަޔަކަށް ނުވަތަ ބަޔަކަށް ކުރެވޭނެ އިޙުސާސްތައް ތޭރަވާ ވަނީ އަހަރެމެންނަށް ސިފަކޮށްދޭން މަސައްކަތްކޮށްފައެވެ. އޭނާ އެންމެ ފަހުން އާންމުންނަށް ދޫކޮށްލި އަސަރުގަދަ ބަސްތަކަކީ، އޭނާއަށް މިވަގުތު ކުރެވޭނެ އިޙުސާސްތައް ކިޔައިދޭ އާދޭސްތަކެކެވެ. 

މިހާރު އޮލިމްޕަހުގައި ދައްކަމުންދާ ދިވެހި ފިލްމު ޕްރޮމޯޓުކުރުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރިޔަށްދާއިރު، އެ ފިލްމުގެ ތީމް ލަވައިގައި ތޭރަވާ ކިޔައިދެނީ ދަރިއަކާ ގުޅުންހުރި ކުއްލި ހިތާމަވެރިކަމަކާ ދިމާވުމުން، ބަފަޔަކަށް ކުރެވޭނެ އިޙުސާސްތަކެއްގެ ވާހަކައެވެ. އޭރު އޭނާ އެ ލަވަކިޔައިދިނީ ފިލްމަކަށްކަމަށް ވީނަމަވެސް، މިއަދު އެ ޅެން ސީދާ މި ގުޅުނީ އޭނާއާއެވެ. އޭނާގެ ޙާލަތާއެވެ. އޭނާގެ އިޙުސާސްތަކާއެވެ. 

އެ ލަވައިގައި ތޭރަވާގެ މިވަގުތުގެ ޙާލަތާ އެންމެ ގުޅޭ ކަޑިތަކުގައި ކިޔައިދެނީ، ދަރިއެއްގެ ކަމެއްގައި ކުއްލި ހިތާމައެއް ލިބުމުން ބަފަޔަކަށް ކުރަމުންދާ އިޙުސާސްތަކެވެ. 

<< ޔާރައްބަ ކަލާކޯއޭ، ޔާރައްބަ ކަލާކޯއޭ،

މި ލިބުނު ފުން ސިހުމުން، ހިތް ފުނޑުފުނޑުވާ ވަރުވޭ،

ރޮތްވައިފި މި ހިތް ގިސްލާ، 

ނޭންގި އައި މި ތޫފާނުން، ހިތް ކުދިކުދިވާވަރު ވޭ. >>

އަދި އެ ލަވައިގެ އެންމެ ފަހު ކަޑީގައި އޭނާ ކިޔައިދެނީ ދަރިފުޅު ވަކިވެގެން ދިއުމުން ކުރާ ފުން އިޙުސާސްތަކެވެ.

<< ދިރިއުޅުމުގާ ލިބުނު ހަމައެކަނި އުފަލާ ޖެހުން ހިނދުން ވަކިވާން،

ކެތްނުމެވެޔޭ ހާދަ ހިތްދަތިވެޔޭ މި ގޮތަށް މިހެން ދުރުވާން، 

ނުފިލާނެ އެތަކެއް ހަނދާނެއްވެޔޭ ރައްކާކުރެވި ހިތުގާ،

ދާ ކޮންމެ ތަނަކަށް އަމާނޭ މިވާ ގެންދާނަމޭ އެކުގާ.>>



ކޮންމެ އަކަސް، މިފަދަ ކޮންމެ މަރަކުން ދިރިތިބީންނަށް އެތައް ގިނަގުނަ ފިލާވަޅުތަކެއް ލިއްބައިދެއެވެ. މި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ ފޫޓޭޖު އާންމުވެފައިވާއިރު، މަގުމަތި ބޭނުން ކުރުމުގައި އެންމެން ވެސް ސަމާލުކަންދޭންޖެހޭ މިންވަރު ހާމަވެގެން ދެއެވެ. އެއީ ދުއްވާ މީހުންނާއި، ދުވާ މީހުންނާއި، މަގު ހުރަސްކުރާ މީހުން ހިމެނޭހެން، މަގު ބޭނުންކުރާ އެންމެނެވެ. 

މި ކަމަށް އިޙުމާލުވުމުން ގެއްލިގެންދާ ކޮންމެ ފުރާނައެއް ވެސް މި ވަކިވެގެން ދަނީ ބޮޑު ހިތާމައެއް ދިނުމަށްފަހުއެވެ. މަރަކީ ކޮންމެ އިންސާނަކާ އެންމެ ކައިރީގައިވާ ހަޤީޤަތެވެ. ނަމަވެސް މަރުވެދާނެ ކަންކަމުން ރައްކާތެރިވުމަކީ އަހަރެމެންނަށް ކޮންމެހެން ވާޖިބުކަމެކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން