ދީން
ސޫރަތުލް ޔޫސުފުން ދަސްކުރެވިދާނެ، ހިތުގައި ސާބިތުވެ ދެމިހުންނާނެ މުހިންމު 5 ކަމެއް

ހަނަފަސް ސަޙަރާއެއްގައި ބެހެއްޓިފައިވާ ފެންވަޅެއް ފޮޓޯ:އިންޓަނެޓް
ހުލާސާ
ބައެއް ވާހަކަތަކަކީ ހަމައެކަނި މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، އިންސާނުންގެ ދިރިއުޅުމަށް އަސާސީ ބަދަލުތަކެއް ގެނެސްދޭ ބާރުވެރި ވާހަކަތަކެކެވެ. ޤުރުއާނުގެ 12 ވަނަ ސޫރަތް ކަމުގައިވާ ސޫރަތުލް ޔޫސުފަކީ މިފަދަ އެންމެ މަތިވެރި ވާހަކަތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ވާހަކައެވެ.
މި ސޫރަތް ވަނީ "އަޙްސަނުލް ޤަޞަޞް" ނުވަތަ "އެންމެ ފުރިހަމަ ވާހަކަ" ގެ ގޮތުގައި ސިފަކުރައްވާފައެވެ. މި ސޫރަތަކީ ހަމައެކަނި ނަބިއްޔެއްގެ ހަޔާތްޕުޅުގެ ވާހަކައެއް ނޫނެވެ. މިއީ ކެތްތެރިކަމާއި، އީމާންކަމާއި، މަޢާފުކުރުމާއި، އަދި އިލާހީ ޙިކުމަތުގެ އެތައް ޢިބްރަތްތަކެއް އެކުލެވިގެންވާ ސޫރަތެކެވެ.
އަޅުގަނޑުމެން ކޮންމެ މީހެއްގެ ހާލަތު އަދި ދިރިއުޅުމުގެ މަރުޙަލާ ކޮންމެ ގޮތަކަށް ހުއްޓަސް، ސޫރަތުލް ޔޫސުފުން ދަސްކުރެވިދާނެ، ހިތުގައި ސާބިތުވެ ދެމިހުންނާނެ 5 މުހިންމު ދަރުސް ތިރީގައި މި ބަޔާންކުރަނީއެވެ:
މަގު ނުފެންނަ ހިނދުވެސް މާތްﷲގެ ރޭވުމަށް އިތުބާރުކުރުން
ޔޫސުފުގެފާނު (ޢަލައިހިއްސަލާމް) ގެ ޙަޔާތްޕުޅުގައި ކުރިމަތިވެވަޑައިގެންނެވި ގިނަގުނަ ދަތިތަކާއި އުނދަގޫތަކުގެ ތެރޭގައި، އެކަލޭގެފާނުގެ އަޚުންގެ ޙަސަދަވެރިކަމުން ފެށިގެން، ވަޅަށް އެއްލާލެވުމާއި، އަޅެއްގެ ގޮތުގައި ވިއްކާލެވުމާއި، ނުކުރައްވާ ކުށަކަށް ޖަލަށްލެވުން ހިމެނެއެވެ. އެހެންނަމަވެސް، މި ހުރިހާ ދަތިތަކެއްގެ ތެރެއިންވެސް އެކަލޭގެފާނު މާތްﷲގެ ރޭވުންފުޅަށް އިތުބާރުކުރެއްވުން ދޫކޮށްނުލެއްވިއެވެ.
މި ސޫރަތުން އަޅުގަނޑުމެންނަށް ހަނދުމަކޮށްދެއްވަނީ އެންމެ އަނދިރި ވަގުތުތަކުގައިވެސް މާތްﷲގެ ރޭވުންފުޅު އަބަދުވެސް ހިނގަމުންދާކަމެވެ. ފަހަތަށް ޖެހުމެއް ކަމަށް ޤަބޫލުކުރެވޭ ކަމެއް، އެއަށްވުރެ މަތިވެރި މަޤްޞަދެއްގެ ފެށުމަކަށް ވެދާނެއެވެ. ދިރިއުޅުން އިންޞާފުވެރި ނޫން ކަމަށް ހީވާ ހިނދު، ހަނދާންކުރަންވީ، އަނދިރި ވަޅު ވެގެންދިޔައީ ތަޚުތާ ހަމައަށް ވާޞިލުވުމުގެ ޔޫސުފުގެފާނުގެ ދަތުރުފުޅުގެ ފެށުންކަމެވެ.
އަޅުގަނޑުމެންނަށް އުނގަންނައިދެނީ، ދަތިތަކާއި ހިތްދަތިކަން ކުރިމަތިވާ ހިނދު، މާތްﷲގެ ރަޙްމަތާއި ޙިކުމަތަށް އިތުބާރުކުރުމުގެ މުހިންމުކަމެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގައި ދިމާވާ ކޮންމެ ހާދިސާއަކީވެސް މާތްﷲގެ ރޭވުންފުޅުގެ ބައެއްކަން ޤަބޫލުކޮށް، ކެތްތެރިކަމާއެކު އެކަލާނގެ ވަޢުދުފުޅުތަކަށް އިންތިޒާރުކުރުމަކީ އީމާންތެރިންގެ ސިފައެކެވެ.
ޢިއްޒަތާއި ގަދަރުވެރިކަމަކީ މަޤާމާއި ޙާލަތުގައި އެކުލެވިގެންވާ އެއްޗެއް ނޫނެވެ. އެއީ ޝަޚްޞިއްޔަތުގައި އަށަގެންފައިވާ ސިފައެކެވެ.
ޔޫސުފް ޢަލައިހިއްސަލާމްގެ ޙަޔާތްޕުޅުގައި، އެކަލޭގެފާނަށް ހިތްދަތިވެ، ރުޅިވެރިކަމާއި ދެކޮޅުވެރިކަން ފާޅުކުރެއްވުމަށް އެތައް ސަބަބުތަކެއް އޮތްކަން ފާހަގަކުރެވެއެވެ. އެކަލޭގެފާނުގެ އަމިއްލަ ޢާއިލާއިން ލިބުނު އަނިޔާ، ޚިޔާނާތް، ނިކަމެތިކަން އަދި ޖަލަށްލެވުމުގެ ހިތި ތަޖުރިބާތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އެހެންނަމަވެސް، މި ހުރިހާ ދަތިތަކާ ކުރިމަތިލައްވަމުންވެސް، އެއްވެސް ހިނދެއްގައި އެކަލޭގެފާނުގެ ޢިއްޒަތްތެރިކަމާއި މާތް އަޚްލާޤު ގެއްލިވަޑައެއް ނުގަތެވެ.
ޝަހުވަތުގެ ފިތުނައިން އިމްތިޙާނު ކުރެވުނު ދަނޑިވަޅުގައިވެސް، އެކަލޭގެފާނުގެ ޢަޒުމާއި އީމާންކަން ވަރުގަދަވެގެންވާކަން ހާމަވެގެންދެއެވެ. މިކަން ސާބިތުވަނީ އެކަލޭގެފާނުގެ މި ދުޢާއިންނެވެ:
﴿33﴾ قَالَ رَبِّ السِّجْنُ أَحَبُّ إِلَيَّ مِمَّا يَدْعُونَنِي إِلَيْهِ ۖ وَإِلَّا تَصْرِفْ عَنِّي كَيْدَهُنَّ أَصْبُ إِلَيْهِنَّ وَأَكُن مِّنَ الْجَاهِلِينَ
"އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާ ކުރުމަށް އެއުރެން އެ އެދޭކަންތަކަށްވުރެ، ޖަލުގައި ހައްޔަރުވުންވެސް، ތިމަންއަޅާއަށް ލޮބުވެތިކަން މާބޮޑެވެ. އަދި އިބަރަސްކަލާނގެ އެއުރެންގެ މަކަރުވެރިކަން ތިމަން އަޅާގެ ކިބައިން ދުރުނުކުރެއްވިނަމަ، ތިމަންއަޅާ އެއުރެންނަށް ލެނބިގެން ހިނގައިދާނެތެވެ. އަދި ޖާހިލުންގެ ތެރެއިން ތިމަންއަޅާ ވެދާނެތެވެ." (ސޫރަތުލް ޔޫސުފު، 12:33)
މި އާޔަތުން އަޅުގަނޑުމެންނަށް އެނގިގެންދަނީ، އެކަލޭގެފާނު ޚިޔާރުކުރެއްވީ ފަސޭހައަށްވުރެ ތެދުވެރިކަމާއި، ނަފްސާނީ އެދުންތަކަށްވުރެ ޢިއްޒަތްތެރިކަން ކަމެވެ. މި މަތިވެރި ނަމޫނާއިން އަޅުގަނޑުމެންނަށް އުނގެނިގެންދަނީ، ޙަޤީޤީ މާތްކަމާއި ޢިއްޒަތްތެރިކަން ވަނީ މަޤާމުތަކާއި ދަރަޖަތަކުގައެއް ނޫން ކަމެވެ. އޭގެ ބަދަލުގައި، އެ ވަނީ ދަތި އުނދަގޫ ޙާލަތްތަކުގައި އަޅުގަނޑުމެން އަމިއްލަ ނަފްސު ގެންގުޅޭ ގޮތާއި، އަޚްލާޤީ މިންގަނޑުތައް ހިފަހައްޓާ މިންވަރުގައެވެ.
ޔޫސުފް ޢަލައިހިއްސަލާމްގެ ޙަޔާތްޕުޅުން އަޅުގަނޑުމެންނަށް ދަސްވެގެންދަނީ، ޙަޤީޤީ ޢިއްޒަތްތެރިކަމަކީ ބޭރުފުށުގެ ޙާލަތްތަކުން ލިބޭ އެއްޗެއް ނޫން ކަމެވެ. އެއީ އިންސާނާގެ އަޚްލާޤާއި ސުލޫކުގައި އަށަގަނެފައިވާ، އަދި ކޮންމެ ޙާލަތެއްގައިވެސް ދެމިގެންދާ ސިފައެކެވެ.
މާފުކުރުން - ހަނދާނުން ފޮހެނުލެވޭ ކަންކަމަށް ވެސް މަތިވެރި ނަޒަރަކުން ބެލުން
ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންނާ އެންމެ ފަހުން ބައްދަލުކުރެއްވި ހިނދު، އެކަލޭގެފާނަށް އެ ބޭކަލުންނަށް އަދަބު ދެއްވުމުގެ ފުރިހަމަ އިޚްތިޔާރު ލިބިވަޑައިގެންފައި ވީނަމަވެސް، އެކަލޭގެފާނު ޚިޔާރުކުރެއްވީ މާތްވެގެންވާ މަގެވެ. އެކަލޭގެފާނު ވިދާޅުވިއެވެ:
﴿92﴾ قَالَ لَا تَثْرِيبَ عَلَيْكُمُ الْيَوْمَ ۖ يَغْفِرُ اللَّهُ لَكُمْ ۖ وَهُوَ أَرْحَمُ الرَّاحِمِينَ
"އެކަލޭގެފާނު ވިދާޅުވިއެވެ. މިއަދު ތިޔަބައިމީހުންގެ މައްޗަކަށް މަލާމާތެއް ދެރަބަހެއް ނެތެވެ. ތިޔަބައިމީހުންނަށް ﷲ ފާފަފުއްސަވާށިއެވެ! އަދި އެކަލާނގެއީ، ރަޙްމަތް ލައްވާ އެންމެ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ." (ސޫރަތު ޔޫސުފު، 12:92)
މި ޢިބްރަތްތެރި ހާދިސާއިން އަޅުގަނޑުމެންނަށް އުނގަންނައިދެނީ މާފުކުރުމަކީ ހަމައެކަނި ވެދިޔަކަން ހަނދާން ނައްތާލުމެއް ނޫން ކަމެވެ. އެއީ ވޭނާއި ހިތްދަތިކަމުގެ ބަދަލުގައި ސުލްޙަވެރިކަމާއި ރަޙުމަތްތެރިކަން ޚިޔާރުކުރުމެވެ. އަދި އެއީ އަނިޔާގެ ސަބަބުން ލިބުނު ހިތްދަތިކަން ދެމިއޮތް ނަމަވެސް، އޭގެ މައްޗަށް އިސްވެ، މަތިވެރި ސިފަތަކުން ސިފަލިބުމުގެ ޤާބިލުކަމެވެ.
ކެތްތެރިކަމަކީ ނަތީޖާ ނެތް ކަމެއް ނޫން، ބާރުގަދަ ކަމެއް: ޔަޢުޤޫބުގެފާނުގެ މިސާލު
އިސްލާމީ ދީނުގައި ކެތްތެރިކަމަށް ދެވިފައިވާ މަޤާމަކީ ވަރަށް މަތިވެރި މަޤާމެކެވެ. މިއީ ހަމައެކަނި ކެތްތެރިވެގެން ހުރުމެއް ނޫނެވެ؛ ބޮޑެތި އިމްތިޙާނުތަކާއި ހިތްދަތިކަން ކުރިމަތިވާއިރުވެސް، ﷲގެ ރަޙްމަތަށް އުންމީދުކޮށް، އެކަލާނގެއަށް ވަކީލުކުރުމުގެ ބާރެވެ. ޙަޤީޤީ ކެތްތެރިކަމަކީ ބަލިކަށިކަމެއް ނޫންކަން، ވަކިން ޚާއްޞަކޮށް ޔަޢުޤޫބު ޢަލައިހިއްސަލާމް ގެ ޙަޔާތްޕުޅުން ވަރަށް ރީތިކޮށް ދައްކުވައިދެއެވެ.
ނަބީބޭކަލުންގެ ތާރީޚުން ދޭހަވާ ގޮތުގައި، ޔޫސުފުގެފާނުގެ ބައްޕާފުޅު ޔަޢުޤޫބުގެފާނު (ޢަލައިހިއްސަލާމް) އަށް ކުރިމަތިވެވަޑައިގަތީ އެއް ދަރިކަލަކު ގެއްލިވަޑައިގަތުމުގެ ހިތާމަޔެއް ނޫނެވެ. ބޮޑެތި އިމްތިޙާނުތަކެއްގެ ތެރެއިން އެކަލޭގެފާނުގެ ދެ ދަރިކަލުން ގެއްލިވަޑައިގަތުމުގެ ހިތާމަވެރިކަމެވެ. އެކަލޭގެފާނުގެ ހިތްޕުޅު ފުނޑުފުނޑުވެގެން ދިޔައެވެ. ނަމަވެސް އެކަލޭގެފާނުގެ އީމާންކަން ފުނޑުފުނޑުވެގެނެއް ނުދިޔައެވެ. އެކަލޭގެފާނު ދުވަހަކުވެސް ﷲގެ ރަޙްމަތުން އުންމީދު ކަނޑައެއް ނުލައްވައެވެ.
މި ހިތާމަވެރި ވަގުތުގައި، އެކަލޭގެފާނުގެ ބަސްފުޅުތަކުން އެކަލޭގެފާނުގެ އީމާންތެރިކަމާއި ކެތްތެރިކަމުގެ ބާރު ހާމަވެގެންދިޔައެވެ. ޤުރުއާނުގެ ސޫރަތު ޔޫސުފުގެ 18 ވަނަ އާޔަތުގައި ވަނީ މި ބަސްފުޅުތައް ހިމެނިފައެވެ:
﴿18﴾ وَجَاءُوا عَلَىٰ قَمِيصِهِ بِدَمٍ كَذِبٍ ۚ قَالَ بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْرًا ۖ فَصَبْرٌ جَمِيلٌ ۖ وَاللَّهُ الْمُسْتَعَانُ عَلَىٰ مَا تَصِفُونَ
އަދި އެއުރެން އެކަލޭގެފާނުގެ ގަމީސްކޮޅުގައި ދޮގު ލެޔެއް އުނގުޅައިގެން ގެނައޫއެވެ. (ޔަޢުޤޫބުގެފާނު) ވިދާޅުވިއެވެ. އެހެންނަކުންނޫނެވެ. ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް (ނުބައި) ކަމެއްކުރުމަށް، ތިޔަބައިމީހުންނަށް ތަންދިނީއެވެ. ފަހެ، (ތިމަންކަލޭގެފާނަށް އޮތީ) ރިވެތިވެގެންވާ ކެތްކުރުމެކެވެ. އަދި ތިޔަބައިމީހުން، ސިފަކޮށް ބުނާ އެއްޗެއްގެ މައްޗަށް (ކެތްކުރުމުގައި) އެހީދެއްވާ ފަރާތަކީ ﷲއެވެ.
މި އާޔަތުން ދައްކުވައިދެނީ، ކެތްތެރިކަމަކީ ހަމައެކަނި ހަނުހުރުމެއް ނޫންކަމެވެ. އެއީ ﷲއަށް ފުރިހަމައަށް އިތުބާރުކޮށް، އެކަލާނގެއަށް ވަކީލުކުރުމުގެ ސިފައެވެ. އިސްލާމްދީނުގައި ކެތްތެރިކަމަކީ ބަލިކަށިކަމެއް ނޫނެވެ. އެއީ އިތުބާރުގައި ބަނދެވިފައިވާ ބާރެކެވެ. އެއީ ހަމައެކަނި ކަމަކަށް މަޑުކޮށްގެން ތިބުމެއް ނޫނެވެ. އެއީ ފަސޭހަކަން އަންނާނެކަމުގެ ޔަޤީންކަމާއެކު ކެތްތެރިކަމާއިއެކު ތިބުމެވެ. އެއީ ﷲ އެކަލާނގެ އަޅުތަކުން ދޫކޮށްނުލައްވާނެތީއެވެ.
މިއަދު އަޅުގަނޑުމެންގެ ޙަޔާތުގައި ކުރިމަތިވާ އެކި ބާވަތުގެ ދަތިކަންތައްތަކާއި އިމްތިޙާނުތަކުގައި ވެސް، ޔަޢުޤޫބުގެފާނުގެ ޙަޔާތްޕުޅުންނާއި، ކެތްތެރިކަމުގެ މަތިވެރިކަމުން އަޅުގަނޑުމެންނަށް ފިލާވަޅު ލިބެއެވެ. ޙަޤީޤީ ކެތްތެރިކަމަކީ ބާރުގަދަ ކަމެކެވެ. އެކަމުން އަޅުގަނޑުމެންގެ އީމާންތެރިކަން ވަރުގަދަވެ، ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއަށް މަގުފަހިކޮށްދެއެވެ.
އަނދިރިކަމަށްފަހު އަލިކަން ވޭ
ޔޫސުފުގެފާނުގެ ހަޔާތްޕުޅުގެ ވާހަކައަކީ އިންސާނުންނަށް ދަސްވާން އެތައް ޢިބްރަތްތަކެއް ލިބިދޭ ވާހަކައެކެވެ. އެކަލޭގެފާނުގެ ދިރިއުޅުއްވުމުގެ ކޮންމެ މަރުޙަލާއެއްގައި ވެސް ، އަޅުވެތިކަމުގެ ވަޅުގަނޑުން ފެށިގެން މިޞްރުގެ ޢަޒީޒުކަމުގެ މަޤާމާ ހަމައަށް ، ކުރިމަތިވި ކޮންމެ ދަތިކަމަކާއި، އުނދަގުލަކާއި، އިމްތިޙާނަކީ އެއަށްވުރެ މާތް އަދި މަތިވެރި މަންޒިލަކާ ދިމާއަށް ކުރެއްވި ދަތުރުފުޅެއްގެ ބައެއްކަން ފާހަގަކުރެވެއެވެ. މިއީ އެއްވެސް ވޭނެއް، އެއްވެސް ދަތިކަމެއް ބޭކާރުނުވާނެކަމުގެ ހެއްކެކެވެ.
މި ރީތި ސޫރަތުން އަޅުގަނޑުމެންނަށް އުނގަންނައިދެނީ، ދިރިއުޅުމުގައި ކަންކަން ނޭދެވޭ ގޮތަކަށް ބަދަލުވަމުންދާ ކަމަށް ހީވާ ހިނދުގައި ވެސް، އެ ބަދަލުވުންތައް ޙަޤީޤަތުގައި ވަމުންދަނީ ﷲ ސުބްޙާނަހޫ ވަތަޢާލާ އިރާދަކުރައްވާ ރަނގަޅު އަދި ޙިކުމަތްތެރި ގޮތަކަށް ކަމުގައި ވެދާނެކަމެވެ.
އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވާހަކަ ﷲ ލިޔުއްވަމުން ގެންދަވާއިރު، އަޅުގަނޑުމެންނަށް ލިބޭ ހިތްދަތިކަމާއި، ވޭނާއި، ޒަޚަމްތައް ވެސް ވެގެންދަނީ ރަޙްމަތާއި ޝިފާއަށް މަގުފަހިކުރާ ވަސީލަތްތަކަކަށެވެ.
މި ވާހަކައިން އަޅުގަނޑުމެންނަށް ދަސްވާ އެންމެ މުހިންމު އެއް ފިލާވަޅަކީ، އުއްމީދު ގެއްލުވައިނުލުމާއި، ﷲގެ ރަޙްމަތާމެދު ޝައްކުނުކުރުމެވެ. އެހެނީ، އެންމެ އަނދިރި ރޭގަނޑުގެ ފަހުން ވެސް އަލިކަން އަންނާނެކަން ކަށަވަރެވެ.
ސޫރަތުލް ޔޫސުފަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ޙަޤީޤަތްތައް ދައްކުވައިދޭ ލޯގަނޑެކެވެ. ދިރިއުޅުމުގައި ކޮންމެ މީހަކުވެސް ޙަސަދަވެރިކަމާއި، ވަކިވުމާއި، އަނިޔާވެރިކަމާއި، ނުވަތަ ގެއްލުމުގެ ތަޖުރިބާތަކާ ކުރިމަތިލާންޖެހެއެވެ. ނަމަވެސް، ޔޫސުފުގެފާނު (ޢަލައިހިއްސަލާމް) ގެ ނަމޫނާއިން އަޅުގަނޑުމެންނަށް ދަސްވަނީ ބިރުވެރިކަމުގެ ބަދަލުގައި އީމާންކަން، ހިތާމައިގެ ބަދަލުގައި ޢިއްޒަތްތެރިކަން، އަދި ބަދަލުހިފުމުގެ ބަދަލުގައި މާފުކުރުން އިޚްތިޔާރުކުރުމުގެ މާތްކަމެވެ.
އެހެންކަމުން، ދަތި އުނދަގޫ ޙާލަތެއް ޖެހި، ވަޅުގަނޑެއްގެ އަޑީގައި ވާކަމުގެ އިޙްސާސް ކުރެވޭ ހިނދު، ހަނދުމަކުރަންވީ އެއީ އާ ފެށުމެއްގެ ފާލެއްކަމުގައި ވެދާނެކަމެވެ. ސޫރަތުލް ޔޫސުފުން އަޅުގަނޑުމެންނަށް އުނގަންނައިދެނީ މާތްﷲގެ ރަޙްމަތާއި ޙިކުމަތް އަބަދުވެސް އަޅުގަނޑުމެންގެ ދިރިއުޅުމުގައި ވާކަމާއި، އެންމެ އަނދިރި ދަނޑިވަޅުތަކުގައިވެސް އުއްމީދު ދޫކޮށްނުލުމުގެ މުހިންމުކަމެވެ.
މި މާތް ސޫރަތުގެ ޢިބްރަތްތަކުން އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުމުގައި ދަސްކުރަންވީ ކެތްތެރިކަމާއި، އިތުބާރާއި، މާފުކުރުމުގެ މަތިވެރި ސިފަތަކެވެ. އަދި މާތްﷲގެ ޤަދަރަށް ފުރިހަމައަށް ބޯލަނބައި، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ މަރުޙަލާއެއްވެސް އެއަށްވުރެ މާ ފުރިހަމަ އަދި ރީތި ނަތީޖާއަކާ ދިމާއަށް ކުރިއަށްދާކަން ޤަބޫލުކުރުމެވެ.