ކޮލަމް
ހަނޑޫ ތޮށިން ގެދޮރު އެޅުމުގެ އީޖާދީ މަސައްކަތް ފަށައިފި، ތިމާވެއްޓާއި ނުހަނު ރައްޓެހި އުސޫލެއް

ހަނޑުލުގެ ތޮށިން ހަދާ ގަލުން ހަދާފައިވަ ގެއެއް
ތިމާވެއްޓާ ރަޙްމަތްތެރި ގޮތަކަށް ގެދޮރު އެޅުމުގައި އާ އީޖާދެއް ޤިރްޣިސްތާނުން ފެންނަން ފަށައިފިއެވެ. މިހާރު މިއީ އެޤައުމުގައި ވަރަށް މަޝްހޫރުވަމުން އަންނަ ގޮތެކެވެ. ޤިރްޣިސްތާނުގެ ދެކުނުގައިވާ ކިޒިލް-ކިޔާ ރަށުގެ ރައްޔިތެއް ކަމަށްވާ އަކްމަތްބެކް އުރާއިމޯވްގެ އާގޭގެ ބިންގާ އަޅަމުންދަނީ ހަނޑުލުގެތޮށިން ހަދާފައިވަ ގަލުންނެވެ. މިއީ އާދައިގެ ގެދޮރު ބިނާކުރުމުގެ ތަކެއްޗަށްވުރެން ތިމާވެއްޓާ ރަޙްމަތްތެރި ބަދަލެކެވެ.
ދުނިޔެ ހޫނުވުމުގެ ސަބަބުންނާއި، ފެނުގެ ދަތިކަމާ ކުރިމަތިލާން ޖެހިފައިވާ މެދުތެރޭ އޭޝިޔާގެ މިޤައުމުގައި، މިފަދަ ތިމާވެއްޓާ ރަޙްމަތްތެރި ބަދަލުތަކަށް އާދަޔާ ޚިލާފު ކުރިއެރުމެއް ވަނީ ލިބިފައެވެ. އުރާއިމޯވް ވިދާޅުވީ، އޭނާ މިފަދަ އާދަޔާ ޚިލާފު މެޓީރިއަލްތަކަށް ބަލާފައި، ހަނޑޫތޮށިން އުފައްދާ ގަލަކީ އެންމެ އެކަށީގެންވާ އަދި އަގުހެޔޮ ގޮތްކަމުގައި ނިންމީ ކަމަށެވެ.
"އިންސުލޭޝަންގެ ގޮތުން، އަގުގެ ގޮތުން، އަދި މަސައްކަތްކުރާ މީހުންނަށްވެސް މިއީ ވަރަށް ފަސޭހަ ގޮތަކަށް ވީ،" އުރާއިމޯވް އެއެފްޕީއަށް ވިދާޅުވިއެވެ. "މީގެ ކުރިން މީހުންނަކަށް މިކަމެއް ނޭނގެއެވެ. މިހާރު އެމީހުން މިކަން ފެނިގެން، ޝައުޤުވެރިވެ، ގުޅާކަމަށް އޭނާ ހާމަކުރިއެވެ."
ސެންޓްރަލް އޭޝިއާގައި މިޓެކްނޮލޮޖީގެ މަސައްކަތް އިސްނަގައިގެން ފެށި އެއްފަރާތަކީ ނޫރުސުލްތާން ތާބަލްޑިޔޭވްއެވެ. މިކަން ސިފަކުރެވެނީ ފެން ގިނައިން ބޭނުންކުރާ ސިމެންތިއަށް ތިމާވެއްޓާ ރަޙްމަތްތެރި ބަދަލެއްގެ ގޮތުގައެވެ. ތާބަލްޑިޔޭވްގެ އުފަން ސަރަޙައްދު ކަމަށްވާ ބަތްކަންގައި ހުރި އޭނާގެ ވޯކްޝޮޕްގައި، ހަނޑޫތޮށިން އުފެދޭ ކުނޑި ވައިގެ ތެރެއަށް ބުރައިގެންދާ މަންޒަރު ފެނެއެވެ. މޫނުގައި މާސްކު އަޅައިގެން ތިބި މަސައްކަތްތެރިން ވަނީ ގައުތައް ފިއްތައި، ހިއްކަން އަވަސްކޮށް، ގައުތައް ލޯޑުކުރަން ކަސްޓަމަރުންނަށް އެހީތެރިވެދީފައެވެ.
ތާބަލްޑިޔޭވް އެއެފްޕީއަށް ވިދާޅުވީ، މި ހިލަތަކަކީ "60 އިންސައްތަ ހަނޑޫކުނޑި. ބާކީ ޗަކަ، ސިމެންތި، އަދި ކެމިކަލް ނުހުންނަ ތެރަހެއް" ލައިގެން ހަދާފައިވާ ތަކެތި ކަމަށެވެ. ހިކުމުން، ހަނޑޫކުނޑީގައި ތަބީޢީ ގޮތުން ހުންނަ ސިލިކާގެ ސަބަބުން މި ހިލަތައް ސިމެންތިހާ ވަރުގަދަވެއެވެ.
"މި ހިޔާލު މިއައީ ތުއްތުއިރު ބައްޕަ ގާތު ވަޑާންކުރަން އުޅެނިކޮށް،" ތާބަލްޑިޔޭވް ކިޔައިދިނެވެ. 27 އަހަރުގެ މި ޒުވާނާ ވަނީ ފަސް އަހަރުގެ ތެރޭގައި "300 ގޭގެ" މަސައްކަތް ކޮށްފައެވެ. ފުރަތަމަ އޭނާ މަސައްކަތްކުރީ ކީސްކުނޑިން ކަމަށްވިޔަސް، މިހާރު ބޭނުންކުރަނީ ހަނޑޫކުނޑިއެވެ. އޭނާ މިމަސައްކަތް ފެށިއިރު، މިޓެކްނޮލޮޖީއާ ބެހޭ ގޮތުން އެހާ ގަދަފަދަ ދިރާސާތަކެއް ނެތެވެ. ނަމަވެސް މިހާރު މިކަން ބަދަލުވަމުންދެއެވެ. އެކި ޤައުމުތަކުން ކުރެވުނު އެތައް ދިރާސާތަކަކުން ވަނީ، ގެދޮރު ބިނާކުރުމުގައި ހަނޑޫތޮށި ބޭނުންކުރުމުގެ އިޤްތިޞާދީ އަދި ތިމާވެށީގެ ފައިދާތައް ފާހަގަކޮށްފައެވެ.
ޚާއްޞަކޮށް، މި ހިލަތައް ބޭނުންކުރުމުން ސިމެންތި ބޭނުންކުރަންޖެހޭ މިންވަރު މަދުވެއެވެ. 2023 ވަނަ އަހަރުގެ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދުނިޔޭގެ ކާބަން ޑައިއޮކްސައިޑްގެ 8 އިންސައްތަ އުފެދެނީ ސިމެންތިންނެވެ.
ފަރުބަދަމަތީ އަދި ހިކި ސަރަޙައްދެއްގައި ހުންނަ އޭނާގެ ރަށުގައި، އިޚްވަލް ބޯރިޔޭވާ ވެސް ހަނޑޫކުނޑި ބޭނުންކޮށްފައިވެއެވެ. އޭނާ ފާހަގަކުރީ ހިލަތަކުގެ އިންސުލޭޓިންގް ސިފަތަކެވެ. އޭނާގެ ގެ "ފިނި މޫސުމުގައި ހޫނުކޮށް އަދި ހޫނު މޫސުމުގައި ފިނިކޮށް" ބަހައްޓަނީ އެހިލަތަކުގެ ތާމަލް ކޮންޑަކްޓިވިޓީ ދަށްވުމުގެ ސަބަބުންނެވެ.
މި މެޓީރިއަލް އީޖާދުކުރުމަށް ބޭނުންކުރަނީ ވަރަށް ފަސޭހައިން ލިބޭ ތަކެއްޗެވެ. ބަތްކަން ސަރަޙައްދުން ޤިރްޣިސްތާނުގެ ހަނޑޫ ބިމުގެ ތިންބައިކުޅަ އެއްބައިގައި އުފައްދައެވެ. ތާބަލްޑިޔޭވް ވިދާޅުވީ، "ހަނޑޫކުނޑި ބިމަށް އުކާލައި، މަޑުމަޑުން ފަނާވެ، ތިމާވެއްޓަށް ގެއްލުންދެއެވެ. އަދި ގަސްގަހާގެހި ގޯވާންކުރަންވެސް ބޭނުމެއް ނުކުރެއެވެ. އެހެންކަމުން ނިންމީ ރީސައިކަލްކުރަންށެވެ.
ހަނޑޫ އުފައްދާ ބޮޑެތި ޤައުމުތަކުގައި، ހަނޑޫކުނޑި ނައްތާލުމުގެ މައްސަލަ އިތުރަށް ބޮޑުވެފައިވެއެވެ. މިދިޔަ އަހަރު ސްޕްރިންގަރ ނޭޗަރ އިން ޝާއިޢުކުރި ދިރާސާއެއްގައިވާ ގޮތުން، އިންޑިއާގައި "31.4 މިލިއަން ޓަނުގެ ހަނޑޫކުނޑި ލޭންޑްފިލްތަކަށް އަޅައި، ތިމާވެށީގެ މައްސަލަތައް އުފައްދައެވެ.