ދުނިޔެ

އީރާނަށް އިސްރާއީލުން ދިން ހަމަލާތަކެއްގައި އީރާން ރައީސްއަށް އަނިޔާވެ، ނިއުކްލިއަރ މައްސަލަ ހޫނުވެއްޖެ

އީރާނަށް އިސްރާއީލުން ދިން ހަމަލާތަކެއްގައި އީރާން ރައީސްއަށް އަނިޔާވެ، ނިއުކްލިއަރ މައްސަލަ ހޫނުވެއްޖެ

އީރާނުގެ ރައީސް މަސްއޫދު ޕެޝްކެޝްކިއަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

13 ޖުލައި 2025، 01:44

13 ޖުލައި 2025، 01:44

އީރާނުގެ ނިއުކްލިއަރ އިންފްރާސްޓްރަކްޗަރ އަދި ސަރުކާރުގެ އިސްވެރިންނާއި އަސްކަރީ ކޮމާންޑަރުންނާއި، ނިއުކްލިއަރ ސައިންޓިސްޓުންނަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކެއްގައި އީރާނުގެ ރައީސް މަސްއޫދު ޕެޝްކެޝްކިއަންގެ ފަޔަށް އަނިޔާވެފައިވާ ކަމަށް އެ ގައުމުގެ އިސް ސަރުކާރުގެ އޮފިޝަލުން ހާމަކޮށްފިއެވެ. ޖޫން 13 ވަނަ ދުވަހު ފެށި މި ހަމަލާތަކުގައި، ދިހައެއްހާ އިސް އަސްކަރީ އޮފިޝަލުންނާއި ނިއުކްލިއަރ މާހިރުން މަރުވެފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާ ރިޕޯޓްކޮށްފައިވެއެވެ.

މި ހަމަލާތަކުގެ ތެރެއިން އެންމެ ބޮޑު އެއް ހަމަލާއެއް ދީފައިވަނީ ޖޫން 15 ވަނަ ދުވަހު އީރާނުގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ މުހިންމު ބައްދަލުވުމެއް ކުރިއަށް ދިޔަ ސިއްރު ބިމުގެ އަޑީގެ ތަނަކަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހަމަލާ ދީފައިވަނީ އިސްރާއީލުގެ ހަނގުރާމަވެރި މަތިންދާބޯޓުތަކުން ބޮންއަޅައިގެންނެވެ. ހަމަލާ ދިން އިރު ރައީސް ޕެޝްކެޝްކިއަންއާއި އެހެނިހެން އިސް އޮފިޝަލުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ތިއްބެވިއިރު، ބައްދަލުވުން އޮތީ ރައްކާތެރިކުރެވިފައިވާ ބިމުގެ އަޑީގެ ތަނެއްގައި ކަމަށްވާތީ އެބޭފުޅުންނަށް ވަނީ ކުދިކުދި އަނިޔާތަކެއް ލިބިވަޑައިގެން ސަލާމަތްވެވަޑައިގެންފައެވެ. އެ ބޭފުޅުން ވަނީ ރައްކާތެރި، ސިއްރު މަގުތަކުން ހެނދުނު އެ ސަރަހައްދުން ބޭރުކުރެވިފައެވެ.

ނޫސްވެރިންނަށް ދާދި ފަހުން ދެއްވި އިންޓަވިއުއެއްގައި ރައީސް ޕެޝްކެޝްކިއަން ވަނީ އިސްރާއީލުން އެމަނިކުފާނު އަވަހާރަކޮށްލަން މަސައްކަތްކުރި ކަމަށް ބުނެ ތުހުމަތުކުރެވޭ ހަމަލާއެއް ދިން ކަން ކަށަވަރުކޮށްދެއްވައި، ނަމަވެސް އެ މަސައްކަތް ނާކާމިޔާބުވި ކަމަށް ވިދާޅުވެފައެވެ.

މިދަނޑިވަޅުގައި އީރާނުގެ ފޮރިން މިނިސްޓަރ އަބާސް އަރާގްޗީ ވަނީ ތެހެރާނުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން، އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ (އައި.އޭ.އީ.އޭ) އާއެކު އެއްބާރުލުން ދެމިހުރި ނަމަވެސް، ދާދި ފަހުން ހިނގި ކަންތައްތަކާ ގުޅިގެން އޭގެ ދާއިރާއަށް ބަދަލު އައިސްފައިވާ ކަމަށް ވިދާޅުވެފައެވެ. ބަޔާން ނެރުއްވަމުން މިނިސްޓަރ އަރާގްޗީ ވަނީ ހަލާކުވެފައިވާ ނިއުކްލިއަރ ސައިޓްތަކުން ރޭޑިއޭޝަން ލީކުވުމާއި، ނުގޮޮވާ ހުރި ބޮންތަކުން ކުރިމަތިވެދާނެ ނުރައްކާތަކުގެ ސަބަބުން ސަރަހައްދީ އަދި ބައިނަލްއަޤްވާމީ އިތުރު ނަތީޖާތަކެއް ކުރިމަތިވެދާނެ ކަމަށް އިންޒާރު ދެއްވާފައެވެ.

އަރާގްޗީ ވަނީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފުވުމުގެ ސަބަބުން އިސްރާއީލާއި އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢު ހިމޭނުން ތިއްބައި، އެ ދެޤައުމުން ވަނީ ދުނިޔޭގެ ސަލާމަތީ އޮނިގަނޑު ހަލަބޮލިކޮށްލާފައި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

      

Ads by MSS

މި ލިޔުން ކިޔާލުމުން