ވިޔަފާރި / ޚަބަރު

ވޮންޑަރލަސްޓް އެވޯޑް: 'އެންމެ ހިތްއެދޭ ޤައުމު' އާއި 'އެންމެ ހިތްއެދޭ ރަށްތަކުގެ' ގިންތިން ރާއްޖެ ނޮމިނޭޓްވެއްޖެ!

ވޮންޑަރލަސްޓް އެވޯޑް: 'އެންމެ ހިތްއެދޭ ޤައުމު' އާއި 'އެންމެ ހިތްއެދޭ ރަށްތަކުގެ' ގިންތިން ރާއްޖެ ނޮމިނޭޓްވެއްޖެ!

ރާއްޖޭގެ ރިސޯޓެއް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 ޖުލައި 2025، 07:15

04 ޖުލައި 2025، 07:15

އިނގިރޭސިވިލާތުގެ މަޝްހޫރު ދަތުރުފަތުރުގެ މެގަޒިން، ވޮންޑަރލަސްޓްއިން ކޮންމެ އަހަރަކު ދެމުން ގެންދާ "ވޮންޑަރލަސްޓް ރީޑަރ ޓްރެވެލް އެވޯޑް" ގެ ދެ މުހިންމު ގިންތިއަކުން ދިވެހިރާއްޖެ ނޮމިނޭޓްވެއްޖެއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު ފަޚުރުވެރި ކާމިޔާބީއެކެވެ.

ވޮންޑަރލަސްޓް މެގަޒިންއަކީ ޚާއްސަކޮށް އިނގިރޭސިވިލާތުގެ ދަތުރުވެރިންގެ މެދުގައި ވަރަށް މަޤްބޫލު އަދި އިތުބާރު ހިފޭ މެގަޒިންއެކެވެ. މި އެވޯޑަކީ ދަތުރުފަތުރުގެ ދާއިރާގައި ދެވޭ އެންމެ މަޤްބޫލު އެވޯޑުތަކުގެ ތެރޭގައި ހިމެނޭ އެވޯޑެކެވެ. މިއަހަރު ރާއްޖެ ނޮމިނޭޓްވެފައިވަނީ 'އެންމެ ހިތްއެދޭ ޤައުމު' (މޮސްޓް ޑިޒައަރަބަލް ކަންޓްރީ) އަދި 'އެންމެ ހިތްއެދޭ ރަށްތައް' (މޮސްޓް ޑިޒަޔަރަބަލް އައިލެންޑްސް) މި ދެ ކެޓަގަރީންނެވެ. މިއީ ރާއްޖެއަށް ދުނިޔޭގެ ފަތުރުވެރިންގެ ތެރޭގައި ލިބިފައިވާ މަޤްބޫލުކަން ދައްކުވައިދޭ ކަމެކެވެ.

މި ދެ ކެޓަގަރީން ރާއްޖެއަށް ވޯޓު ދިނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ވޯޓު ދިނުން އޮކްޓޯބަރ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ވޯޓުލާން ބޭނުންފުޅުވާ ފަރާތްތަކުން ވޮންޑަރލަސްޓް ޓްރެވެލް އެވޯޑް ޕޯޓަލް މެދުވެރިކޮށް ފޯމެއް ފުރާލައިގެން ވޯޓުލެވޭނެއެވެ. މީގެ އިތުރުން ވޯޓުލާ ފަރާތްތަކުން އިންސްޓަގްރާމް ނުވަތަ ފޭސްބުކް މެދުވެރިކޮށް ވޮންޑަރލަސްޓް ފޮލޯކުރަން ޖެހެއެވެ. ވޮންޑަރލަސްޓް މެގަޒިން އިން ބުނާ ގޮތުގައި މި އަހަރުގެ އެވޯޑަށް 200،000 އަށްވުރެ ގިނަ މީހުން ވޯޓުލާނެ ކަމަށް ބެލެވެއެވެ.

މި އެވޯޑް ހަފްލާ އޮންނާނީ މިއަހަރު ފަހުކޮޅު އިނގިރޭސިވިލާތުގައި ބާއްވާ ވޯލްޑް ޓްރެވެލް މާކެޓް ފެއަރ އޮންނަ ދުވަސްވަރާއި ދިމާކޮށެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން