ވިޔަފާރި / ޚަބަރު
ބީއެމްއެލްގެ ކާޑުތަކުން ކޮންމެ މަހަކު 33 މިލިއަން ޑޮލަރު އޮންލައިން ވިޔަފާރިތަކަށް ޚަރަދުކުރޭ

ބީއެމްއެލް ކާޑުތަކުން މަހަކު 33.75 މިލިއަން ޑޮލަރު އޮންލައިން ވިޔަފާރިތަކަށް ހޭދަކުރޭ، ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑުތަކުން ކޮންމެ މަހަކު 33 މިލިއަން ޑޮލަރު އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިގެ ޓްރާންސެކްޝަންތަކަށް ޚަރަދުކުރާކަމަށް އެ ބޭންކުން މިއަދު ހާމަކޮށްފިއެވެ.
ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖެއިން ބޭރުން ކުރާ ވިޔަފާރިތަކަށް މަހަކު 45 މިލިއަނަށް ވުރެ ގިނަ ޑޮލަރު އެ ބޭންކުގެ ކަސްޓަމަރުންނަށް ހަމަޖައްސައިދޭން ޖެހެއެވެ. އަދި އޭގެތެރެއިން 75% ހޭދަކުރަނީ އޮންލައިން ވިޔަފާރިތަކަށެވެ.
އެހެންކަމުން މަހަކު 33.75 މިލިއަން ޑޮލަރު އޮންލައިން ވިޔަފާރިތަކަށް ހޭދަކުރެއެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ މަހަކަށް 520 މިލިއަން ރުފިޔާ، އަދި އެވަރެޖުކޮށް ދުވާލަކަށް 17.35 މިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ތިންބައިކުޅަ އެއްބައި ހޭދަކުރަނީ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭއަށްކަމަށް ބީއެމްއެލްއިން ހާމަކުރެއެވެ.
މީގެތެރެއިން ޗައިނާގެ އޮންލައިން ވިޔަފާރި ޕްލެޓްފޯމް "ޓީމޫ" އިން ވިޔަފާރިކުރަން އެކަނިވެސް މަހަކު ހަތް މިލިއަން ޑޮލަރު މިހާރު ދޫކުރަން ޖެހޭ ކަމަށާއި އެ ޕްލެޓްފޯމުން ގެންނަ ގިނަ އެއްޗެހި ބޭނުންކުރަނީ ވެސް ވިޔަފާރިގެ ބޭނުމަށް ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލްއިން މިއަދު ވަނީ އެ ބޭންކުގެ ކާޑުތަކުން ކުރާ ބޭރުގެ މުޢާމަލާތްތަކަށް ބަދަލުތަކެއް ގެނަސްފައެވެ. އެގޮތުން ޑެބިޓު ކާޑުތަކުން ކުރާ މުޢާމަލާތްތައް 500 ޑޮލަރަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. މިއާއެކު ބައެއް ވެބްސައިޓުތަކުން ގެންނަ މުދަލުން %30 އާ ހަމައަށް ފީއެއް ނެގޭނެކަމަށް ބޭންކުން ހާމަކުރެއެވެ. މި ފީއަކީ މިހާރު ޑެބިޓު ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ގެނައި ބަދަލެއްކަމަށް ބޭންކުން ހާމަކުރެއެވެ.
ނަމަވެސް ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުޢާމަލާތްކުރާ ސައިޓްތަކުން ޚިދުމަތް ހޯދާއިރު، މި ފީ ދައްކަން ނުޖެހޭނެކަމަށް ބޭނުންކުން ހާމަކުރެއެވެ. އަދި ޑޮލަރު އެކައުންޓްތަކަށް ދޫކުރެވިފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތައް ވެސް މީގެ ތެރޭގައި ނުހިމެނޭކަމަށް ބޭންކުން ހާމަކުރެއެވެ.
މީގެ އިތުރުން އޭޓީއެމްއިން ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޔޫއެސް ޑޮލަރުކަމަށާއި، ފައިސާ ނެގުމުން ޗާޖްކުރެވޭނީ 10 ޔޫއެސްޑޮލަރުކަމަށް ވެސް ބޭނުންކުން ވަނީ ހާމަކޮށްފައެވެ.