ކޮލަމް / ސައިންސް
"ހާޓް އެޓޭކް" އެއް ޖެހުމުގެ މަހެއް ކުރިން ހަށިގަނޑުން ދޭ އިޝާރާތްތައް

ހާޓް އެޓޭކް ޖެހުމުގެ އެއް މަސް ދުވަސް ކުރިން ހަށިގަނޑުން އޭގެ އަލާމާތްތައް ދައްކަން ފަށާ
"ހާޓް އެޓޭކް " ނުވަތަ ހިތުގެ ބަލީގެ ހަމަލާއެއް އެއްވެސް އިންޒާރެއް ނުދީ އަންނަނީ ވަރަށް މަދު ފަހަރަކުއެވެ. ޙަޤީޤަތުގައި، މި ހާދިސާ ހިނގުމުގެ އެއް މަސް ދުވަސް ކުރިން ވެސް ހަށިގަނޑުން އޭގެ އަލާމާތްތައް ދައްކަން ފަށައެވެ. އޭގެ ކުރިން އަލާމާތްތައް ދެނެގަތުމަކީ ފުރާނަ ސަލާމަތްކުރެވިދާނެ ކަމެކެވެ. އެހެންނަމަވެސް، ގިނަ މީހުން މިފަދަ އަލާމާތްތަކަށް އަހައްމިއްޔަތުކަމެއް ނުދީ ނުވަތަ އެއީ އެހާ ސީރިއަސް ނޫން ކަންކަމަށް ހަދައެވެ.
އިންޒާރުގެ އަލާމާތްތައް:
- އާދަޔާ ޚިލާފު ވަރުބަލިކަން : ސާފު ސަބަބެއް ނެތި، އަދި އަރާމުކުރުމަށްފަހުގައި ވެސް ވަރުބަލިވެފައި އޮތުމަކީ ހިތަށް ލޭ ޕަމްޕްކުރުމަށް ދަތިވެފައިވާކަމުގެ ނިޝާނެއް ކަމުގައި ވެދާނެއެވެ.
- ނޭވާލުމަށް ދަތިވުން: އާދައިގެ ޙަރަކާތްތައް ކުރާއިރު ނުވަތަ އޮށޯވެ އޮންނައިރު ނޭވާލުމަށް ދަތިވުމަކީ ހިތުން އޮކްސިޖަން ހަށިގަނޑަށް ފޯރުކޮށްދިނުމަށް ދަތިވެފައިވާކަމުގެ އިޝާރާތެއް ކަމުގައި ވެދާނެއެވެ.
- މެއަށް އުނދަގޫވުން: މޭމައްޗަށް ތަކުރާރުކޮށް ބާރުވުން، ފިތުން، ނުވަތަ ކުޑަކޮށްނަމަވެސް ރިހުން މިއީ ދޫކޮށްނުލައި ސަމާލުކަން ދޭންޖެހޭ ކަމެކެވެ. ޚާއްޞަކޮށް މިނެޓުތަކަކަށްވުރެ ގިނައިރު ދެމިގެންދާނަމަ ނުވަތަ އިރުއިރުކޮޅުން ތަދު އަރާނަމަ ފަރުވާ ހޯދުން މުހިންމެވެ.
ނިދުމުގައި ދަތިތަކެއް ކުރިމަތިވުން: ނިދަން އުނދަގޫވުން ނުވަތަ ނިދިފައި އޮއްވާ ހޭލެވުން، ނުވަތަ ހޭލެވޭއިރު ކަންބޮޑުވެފައި ނުވަތަ ނޭވާލުމަށް ދަތިވެފައި އޮތުމަކީ ހިތުގެ ބައްޔެއްގެ ކުރީކޮޅުގެ އަލާމާތެއް ކަމުގައި ވެދާނެއެވެ.
ބޮލަށް ބަރުވުން ނުވަތަ ބޯއެނބުރުން: ބޯއެންބުރުން ނުވަތަ ބޮލަށް ބަރުވުމަކީ ސިކުނޑިއަށް ލޭ ދައުރުވުން މަދުވުމުގެ ސަބަބުން ދިމާވާ ކަމެއް ކަމުގައި ވެދާނެއެވެ. މިއީ ހިތް ރަނގަޅަށް މަސައްކަތް ނުކުރާކަމުގެ އިންޒާރެކެވެ.
ކުއްލިއަކަށް ދާހިތްލުމާއި ހޮޑުލެވުން: ކުއްލިއަކަށް، ސަބަބެއް ނެތި ދާހިތްލުމާއި، ހޮޑުލުމާއި ނުވަތަ ބޯ އެނބުރުން އަންނަނަމަ، މިއީ ހިތުގެ ބަލީގެ ހަމަލާއެއްގެ ކުރިން އަންނަ އަލާމާތެއް ކަމުގައި ވެދާނެއެވެ.
މި އަލާމާތްތަކަށް އަހައްމިއްޔަތުކަން ނުދީ ނުހުންނާށެވެ.
އެމެރިކަން ހާޓް އެސޯސިއޭޝަނުން ބުނާ ގޮތުގައި، ހިތުގެ ބަލީގެ ހަމަލާ ކުރިމަތިވާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 50 އިންސައްތަ މީހުންނަށް މި ހާދިސާ ހިނގުމުގެ ދުވަސްތަކެއް ނުވަތަ ހަފްތާތަކެއް ކުރިން އިންޒާރުގެ އަލާމާތްތައް ފެންނަ ކަމަށް ވެއެވެ.
މި އަލާމާތްތައް އެހާ ގަދަފަދަ ގޮތެއްގައި ނުދެއްކި ކަމުގައި ވިޔަސް، އެއަށް ސީރިއަސްކަމެއް ދޭންޖެހެއެވެ. ޚާއްޞަކޮށް ލޭގެ ޕްރެޝަރ މަތިވުން، ދުންފަތުގެ އިސްތިޢުމާލުކުރުން، ފަލަވުން، ނުވަތަ ހަކުރު ބަލި ފަދަ ރިސްކް ފެކްޓަރތައް ހުރި މީހުންނަށެވެ.
އަވަހަށް ފިޔަވަޅު އެޅުމަކީ ފުރާނަ ސަލާމަތްކުރެވިދާނެ ކަމެކެވެ. އަމިއްލައަށް ނުވަތަ އެހެން މީހަކަށް މި އަލާމާތްތަކުގެ ތެރެއިން އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ވަގުތުން މެޑިކަލް ލަފާ ހޯދަންވާނެއެވެ. ރައްކާތެރިވުމާއި ވަގުތުން ބަލި ދެނެގަތުމަކީ މި ކަމުގައި ބޮޑު ތަފާތެއް ގެނެސްދޭނެ ކަމެކެވެ.
މި މަޢުލޫމާތު އެހެން މީހުންނަށް ހިއްސާކުރުމަކީ އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ގިނަ ފުރާނަތަކެއް ސަލާމަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި ހަމައެހެންމެ، ޞިއްޙީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ޤަވާޢިދުން ޑޮކްޓަރަށް ދެއްކުމާއި، ދުޅަހެޔޮ ކާނާ ކެއުމާއި، ޖިސްމާނީ ދުޅަހެޔޮކަން ހިފެހެއްޓުމަކީވެސް ވަރަށް މުހިންމު ކަންކަމެވެ.