ވިޔަފާރި / ޚަބަރު
މޯލްޑިވިއަންގެ ވައިޑް-ބޮޑީ ހިދުމަތް ދެކުނު އެފްރިކާއަށް ފުޅާކުރުމަށް އެޖެންޓުން ހޯދަނީ

މޯލްޑިވިއަންގެ ވައިޑް ބޮޑީ ބޯޓު
ޤައުމީ އެއަރލައިން، މޯލްޑިވިއަންއިން ދެކުނު އެފްރިކާއަށް ވައިޑް-ބޮޑީ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަމަށް ހާމަކޮށްފިއެވެ. މިކަމަށްޓަކައި، އެ ޤައުމުގައި މޯލްޑިވިއަންގެ ޖެނެރަލް ޕެސެންޖަރ ސޭލްސް އޭޖެންޓެއް (ޖީއެސްއޭ) ހަމަޖެއްސުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ، މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ ވައިޑް-ބޮޑީ އޭ330-200ގެ ދަތުރުތައް ދެކުނު އެފްރިކާއަށް ފެށުމުގެ ގޮތުންނެވެ.
މޯލްޑިވިއަންއިން ބުނީ، ދެކުނު އެފްރިކާގައި ޖީއެސްއޭއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން، އިޢުލާނާއެކު އެއްކުރެވިފައިވާ އެކްސްޕްރެޝަން އޮފް އިންޓެރެސްޓް (އީއޯއައި) ފޯމު ފުރިހަމަ ކުރުމަށްފަހު، އެ ކުންފުނީގެ އީމެއިލް އެޑްރެހަށް ފޮނުވުމަށް އެދޭކަމަށެވެ. މި ހުށަހެޅުންތައް ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ މިއަންނަ ޖުލައި މަހުގެ 4ވަނަ ދުވަހުގެ ރޭގަނޑު 23:59 ކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ޚިދުމަތަށް ފުރަތަމަ ފަހަރަށް ވައިޑް-ބޮޑީ މަތިންދާ ބޯޓެއް ގެނެސްފައިވަނީ މި ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް، މި އަހަރުގެ ޖަނަވަރީ މަހުގެ 6ވަނަ ދުވަހުއެވެ. މި ބޯޓަކީ 264 މީހުންގެ ޖާގައިގެ އެއަރބަސް އޭ330ގެ 200 ވޭރިއަންޓްގެ މަތިންދާ ބޯޓެކެވެ.
މިހާރު މި ވައިޑް-ބޮޑީ މަތިންދާ ބޯޓުގެ ދަތުރުތައް ދަނީ ޗައިނާގެ ތިން މަންޒިލަކަށް ކަމަށްވާ ބެއިޖިން، ޝަންގހާއީ އަދި ޗެންޑޫއަށް ކުރަމުންނެވެ. މޯލްޑިވިއަންއިން މަސައްކަތް ކުރަމުންދަނީ މި އަހަރުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ ބޯޓެއް ގެނައުމަށެވެ. މީގެ އިތުރުން، ޔޫރަޕްގެ އިތުރު މަންޒިލްތަކަށް ދަތުރުތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ދެކުނު އެފްރިކާއަށް މި ދަތުރުތައް ފެށުމުން މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ ނެޓްވޯކް އިތުރަށް ފުޅާވެ، ދަތުރުފަތުރުގެ ފަސޭހަތައް އިތުރުވެގެންދާނެއެވެ.