ދުނިޔެ

ކުރުދިސްތާނުގައި 33,000 އަށް ވުރެ ގިނަ ބައިވެރިންނާއިއެކު ސޫރަތުއްރަޙްމާނު ހިތުދަސްކުރުމުގެ ހަރަކާތެއް

ކުރުދިސްތާނުގައި 33,000 އަށް ވުރެ ގިނަ ބައިވެރިންނާއިއެކު ސޫރަތުއްރަޙްމާނު ހިތުދަސްކުރުމުގެ ހަރަކާތެއް

ކުރިދިސްތާނުގައި ބޭއްވުނު ސޫރަތުއްރަޚްމާން ދަސްކުރުމުގެ ހަރަކާތުގެ ބައެއް ބައިވެރިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 ޖޫން 2025، 05:55

29 ޖޫން 2025، 05:55

އިސްލާމީ އެއްބައިވަންތަކަމާއި އީމާންތެރިކަމުގެ ހިތްގައިމު މަންޒަރެއް ދައްކުވައިދެމުން، 2025 ޖޫން 28 ވީ ދުވަހު އިރާޤުގެ ކުރުދިސްތާނުގައި ސޫރަތުއްރަޙްމާނު ހިތުދަސްކުރުމުގެ ބޮޑު ހަރަކާތެއް ބާއްވައިފިއެވެ. މި ހަރަކާތުގައި 33,000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.

ޤުރުއާނާބެހޭ ތަޢުލީމު ކުރިއެރުވުމަށް އެ ސަރަޙައްދުގައި ހިންގާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު މި ބޮޑު ހަރަކާތުގައި، އިރާޤުގެ ކުރުދިސްތާނުގެ އެކި ރަށްރަށާއި ސިޓީތަކުން ކޮންމެ އުމުރެއްގެ ބައިވެރިން ވެސް ބައިވެރިވެފައިވެއެވެ. ޤުރުއާނުގެ ޒީނަތްކަމަށް ސިފަ ކުރެވޭ ސޫރަތުއްރަޙްމާނަކީ، އޭގެ ފުރިހަމަކަމާއި، މާތް ﷲގެ ރަޙްމަތްތެރިކަން ހަނދާންކޮށްދޭ ބާރުގަދަ އާޔަތްތަކެއް އެކުލެވޭ ސޫރަތެކެވެ. މިފަދަ ރޫޙާނީ ދީނީ ހަރަކާތަކަށް މި ސޫރަތް އިޚްތިޔާރުކުރުމަކީ ވަރަށްވެސް ގުޅޭ ކަމެކެވެ.

ބައިވެރިން ވަނީ ސޫރަތުއްރަޙްމާނު ހިތުދަސްކުރުމުގެ އިތުރުން، އެ ސޫރަތް ކިޔެވުމާއި، އެ ސޫރަތާބެހޭ މައުލޫމާތުތައް އިމްތިޙާން ކުރުމުގެ ހަރަކާތްތަކުގައި ވެސް ބައިވެރިވެފައެވެ. މިއީ އެބައިމީހުންގެ ދީނީ ގުޅުން ބަދަހިކުރުމާއި، ވިސްނުމުގެ ގާބިލިއްޔަތު އިތުރުކުރުމަށްޓަކައި ހިންގުނު ހަރަކާތެކެވެ.

މި ތާރީޚީ އެއްވުމުން ދައްކުވައިދެނީ އިސްލާމީ ތަޢުލީމަށް ކުރުދިސްތާނުގައި ވަރަށް ވަރުގަދަ ގަދީމީ ތަރިކައެއް އޮތް ކަމެވެ. އެގޮތުން ހާހަކަށް ވުރެ ގިނަ މިސްކިތްތަކާއި ޤުރުއާނާބެހޭ މަރުކަޒުތަކުން ވަނީ އެ ސަރަޙައްދުގެ ރައްޔިތުންގެ މެދުގައި ދީނީ ރޫޙު އާލާކުރުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން މުޖުތަމަޢުގެ ގުޅުން ބަދަހިވެ، ދީނީ ވަންތަކަން ރައްކާތެރިވެ، ޤުރުއާނާ މެދު އަލަށް އުފެދޭ ޖީލުތަކުގެ ގުޅުން ބަދަހިކުރުމަށް ހިތްވަރު ލިބިގެންދެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS