ރިޕޯޓް

ޙަލާލް ޓުއަރިޒަމް: އަހަރުގެ ކޮންމެ ދުވަހަކު ފަތުރުވެރިކަމުން ފައިދާ!

ޙަލާލް ޓުއަރިޒަމް: އަހަރުގެ ކޮންމެ ދުވަހަކު ފަތުރުވެރިކަމުން ފައިދާ!

ފަތުރުވެރިކަމަށް ޚާއްސަ ރަށެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 ޖޫން 2025، 05:20

29 ޖޫން 2025، 05:20

ޔޫރަޕުގެ ފިނިމޫސުމުގައި އާންމުކޮށް ނޮވެމްބަރުން އޭޕްރީލް މަހާ ހަމައަށް  ދިވެހިރާއްޖޭގެ ފަތުރުވެރިކަން އެންމެ ކުރިއަރާ މޫސުމެވެ. މި މޫސުމުގައި ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ އޮކިއުޕަންސީ ރޭޓް ވަރަށް މަތިވެއެވެ. ސަބަބަކީ ފިނި މޫސުމުން ދުރުވެ، ހޫނު މޫސުމަށް އަންނަން ބޭނުންވާ ފަތުރުވެރިންގެ އަދަދު ގިނަވުމެވެ.

 ނަމަވެސް، މި މޫސުން ނިމި ޔޫރަޕުގައި ހޫނު މޫސުން ފެށުމާއެކު، ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވެއެވެ. މީގެ ސަބަބުން ގިނަ ރިސޯޓުތަކާއި، ޚާއްޞަކޮށް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކުގެ އޮކިއުޕަންސީ ވަރަށް ބޮޑަށް ދަށްވެއެވެ.
މޫސުމަށް ބަރޯސާވުމުގެ ސަބަބުން އަހަރުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް އާމްދަނީ ލިބުމުގައި ދަތިތަކާ ކުރިމަތިވެ، ފަތުރުވެރިކަމުގެ ވަސީލަތްތައް އެކަށީގެންވާ ގޮތުގައި ބޭނުން ނުކުރެވި ދެއެވެ. މި ގޮންޖެހުމަށް ޙައްލެއްގެ ގޮތުން ޙަލާލް ފަތުރުވެރިކަމަކީ އެންމެ އެކަށޭނަ އަދި އެންމެ ފައިދާހުރި ގޮތެވެ.މިއީ އަހަރުގެ ހުރިހާ ދުވަހެއްގައިވެސް ސީޒަން ނިމުނަސް ފަތުރުވެރިކަން ކުރިއެރުވޭނެ އުކުޅެކެވެ.

ޙަލާލް ސެޓިފިކެޓް ލިބިފައިވާ ރިސޯޓުތައް ތަރައްޤީކޮށް، އިސްލާމީ ޝިޢާރުތަކާ އެއްގޮތްވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރުމުން، ދިވެހިރާއްޖެއަށް އާންމުކޮށް ފަތުރުވެރިކަން މަޑުޖެހޭ މޫސުމުގައިވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާނެއެވެ. މިކަމުގެ ސަބަބުން އަހަރުގެ ހުރިހާ މޫސުމެއްގައިވެސް އޮކިއުޕަންސީ ރޭޓް ހަމަހަމަ މިންވަރެއްގައި ހިފެހެއްޓި، ރަށު ފެންވަރުގެ ވިޔަފާރިތަކަށް އެހީތެރިވެދެވި، އަދި މުޅި ޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެއްހަމައެއްގައި އާމްދަނީ ލިބުމަށް މަގުފަހިވެގެންދާނެއެވެ.

ޙަލާލް ޓުއަރިޒަމް އަކީ ކޮބާ ؟ 

ޙަލާލު ޓުއަރިޒަމް ނުވަތަ ފަތުރުވެރިކަމަކީ ހަމައެކަނި ދަތުރުފަތުރުގެ ޓްރެންޑެއް ނޫނެވެ. އެއީ އަރާމާއި، އިޙްތިރާމާއި އަދި އަޚްލާގީ ރިވެތި އުސޫލު އެކުލެވިގެންވާ ގޮތަށް ބައްޓަންކުރެވިފައިވާ، އަގުހުރި އަސާސްތަކެއްގެ މައްޗަށް ބިނާކުރެވިފައިވާ ތަޖުރިބާއެކެވެ. އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވީ ނަމަވެސް، ޙަލާލު ފަތުރުވެރިކަމަކީ ހަމައެކަނި މުސްލިމުންނަށް އަމާޒުކުރެވިފައިވާ ކަމެއް ނޫނެވެ. އެއީ ހުރިހާ ފަރާތްތަކަކަށްވެސް މަރުޙަބާ ކިޔާ ކަމެކެވެ.
ޙަލާލު ފަތުރުވެރިކަމުގެ ތެރެއިން ޚިދުމަތް ފޯރުކޮށްދެނީ މަޑުމައިތިރި، ޢާއިލާއާ ރައްޓެހި، އަދި ސަގާފީ ގޮތުން ހޭލުންތެރި މާޙައުލުތަކެއް ހޯދުމަށް އެދޭ ފަތުރުވެރިންނަށެވެ. މީގެ ތެރޭގައި ހިމެނެނީ ބަނގުރާ  ނުވިއްކާ ރިސޯޓުތަކާއި، ޙަލާލު ކާނާ ލިބެންހުންނަ ތަންތަނާއި، ޕްރައިވެސީ ލިބޭ ވިލާތަކާއި ފޫލް ފަދަ ތަންތަނާއި، ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ތަންތަނާއި، އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް ހިންގޭ ސްޕާ އަދި ދުޅަހެޔޮކަމުގެ ޚިދުމަތްތަކާއި، އަދި އަޚްލާޤީ އަދި ރޫޙާނީ ދުޅަހެޔޮކަމާ އެއްގޮތްވާ ޙަރަކާތްތަކެވެ.

އިސްލާމްދީނުގެ އުސޫލުތަކާ އެއްގޮތަށް ދަތުރުފަތުރުކުރަން ބޭނުންވާ މުސްލިމު ފަތުރުވެރިއަކަށް ވިޔަސް، ނުވަތަ ހަމައެކަނި ހިތްހަމަޖެހޭ އަދި އިޙްތިރާމު ލިބޭ މާޙައުލެއް ހޯދަން ބޭނުންވާ  ފަތުރުވެރިއަކަށް ވިޔަސް، ޙަލާލު ފަތުރުވެރިކަމަކީ މުޖުތަމަޢު ގަބޫލުކުރާ، މުހިންމު އަދި ފުރިހަމަ ބަދަލެކެވެ. މިއީ ޒަމާނީ ފަތުރުވެރިކަމާއި ދީނީ އަދި ރޫޙާނީ އުސޫލުތައް އެއްކޮށްލައިގެން އުފެދިފައިވާ ފަތުރުވެރިކަމުގެ ބާވަތެކެވެ.

ޚަލާލް ޓުރިޒަމަކީ އަދުގެ ސަރުކާރުން ވެސް ވަރަށް ބޮޑަށް ތާއީދުކުރާ ކަމެއް

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މަންޒަރު އަލުން ބައްޓަންކުރާނެ ފަދަ ފިޔަވަޅެއްގެ ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްްޖޭގައި ޚަލާލު ޓުއަރިޒަމް ތަރައްޤީކުރުއްްވުމުގެ މަސައްކަތް ފައްޓަވާފައެވެ. ދިވެހިރާއްޖޭގައި ހަލާލް ޓޫރިޒަމް ފުޅާކޮށް އެކަން އެހެން ހަރުފަތަކަށް ގެންދަން އިންވެސްޓަރުންނަށް ގިނަ ލުއިތަކަކާ އެކު އެ ކަމަށް ޚާއްސަ ރަށްތަކެއް ދޫކުރަން ނިންމަވާފައެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ ޓޫރިޒަމް މުޅި ދުނިޔޭގައި މަޝްހޫރުވެފައިވަނީ، ދެމެހެއްޓެނިވި ގޮތެއްގައި ސިނާޢަތް ކުރިއަރުވައި، ޓޫރިސްޓުންނަށް ފޯރުކޮށްދޭ ތަޖުރިބާއާއި މެހެމާންދާރީގެ ނަމޫނާއެއްގެ ގޮތުގައެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ ހަލާލް ޓުއަރިޒަމްގެ ދާއިރާ ފުޅާކޮށް އާ ހަރުފަތަކަށް ގެންދިއުމަށްޓަކާ ރާއްޖޭގެ ރަށްތަކެއް ދޫކުރަން ނިންމަވާފައިވާ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަކީ ދުނިޔެ އަށް މަޝްހޫރު ފަތުރުވެރިކަމެއް ކަމަށެވެ. އެހެންކަމުން މިހާރު ބޭނުމީ ހަލާލް ޓުއަރިޒަމްގެ ކުރިއަރާފައިވާ ޤައުމަކަށް ވާން ކަމަށް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ޚަލާލް ޓޫރިޒަމަށް ޚާއްސަ ރަށްތަކެއް

ޙަލާލު ޓޫރިޒަމަށް 31 ރަށެއް ހުޅުވާލުމަށް ނިންމަވާފައިވާ ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.ޓޫރިޒަމަށް ހާއްސަ ރިސޯޓުތައް ތަރައްގީކުރަން ފަސް އަތޮޅަކުން ރަށްތަކެއް ދޫކުރަން ނިންމާފައި ވާއިރު  އެންމެ ފުރަތަމަ ހުޅުވާލަނީ، ރާއްޖޭގައި ފަތުރުވެރިކަން އެންމެ ދަށް އަތޮޅުތައް ކަމަށްވާ ތ، ލ، ށ، ހއ އަދި ހދ އަތޮޅަށެވެ.މީގެ އިތުރުން އައްޑޫ ސިޓީގައި ވެސް ހަލާލް ޓޫރިޒަމަށް ރަށެއް ހުޅުވާލާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަލާލް ޓޫރިޒަމްގައި ދޫކުރާ ރަށްރަށް ނިންމަން ތިން އަހަރު ދުވަސް ލިބޭއިރު، އިކުއިޒިޝަން ކޯސްޓު ދައްކަން ޖެހޭނީ ފަސް ވަނަ އަހަރާއި ހަ ވަނަ އަހަރުއެވެ. އަދި ތިން އަހަރަށް ވުރެ ކުރިން ރިސޯޓުގެ މަސައްކަތް ނިމިއްޖެ ނަމަ ތިން އަހަރުވުމާ ދެމެދުގައިވާ މުއްދަތުގެ ކުލި މާފުކޮށްދެއެވެ.

ޚާލާލް ޓުއަރިޒަމަށް އިންވެސްޓް ކުރާ ފަރާތްތަކަށް ލުއިތަކެއް

ހަލާލް ޓުއަރިޒަމް އަށް އިންވެސްޓް ކުރާ އިންވެސްޓަރުންނަށް ގިނަ ލުއިތަކެއް ދެއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ދިވެހި ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ސިންދަފާތު ކުރެވޭނެ ކަން ރަޢީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކޮށް ހާމަކުރެއްވި މި އުންމީދީ ނިންމެވުމަކީ، ޤައުމުގެ އިސްލާމީ އަގުތައް ހިފަހައްޓަވަމުން އަދި އިންވެސްޓަރުންގެ އިތުބާރު އިތުރުކުރައްވަމުން ޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރެއްވުމަށް ކުރައްވާ ވަރުގަދަ މަސައްކަތްތަކެއްގެ ނަތީޖާއެކެވެ.

މި އިސްތިރާޖީ މުހިންމު ފިޔަވަޅަކީ ރައީސް މުޢިއްޒުގެ ފުޅާ އިޤްތިޞާދީ އިޞްލާޙާއި ތަރައްޤީގެ އެޖެންޑާގެ ބައެކެވެ. މިއީ ދިވެހިރާއްޖެ ހަމައެކަނި ދުނިޔޭގެ ފެންވަރުގެ ފަޚުރުވެރި މަންޒިލެއްގެ ގޮތުގެ އިތުރުން، އަޚްލާޤީ، އިސްލާމީ ޝަރީޢަތާ އެއްގޮތްވާ ފަތުރުވެރިކަމުގެ ދުނިޔޭގެ އިސް ލީޑަރެއްގެ ގޮތުގައި ވެސް ޤާއިމުކުރެއްވުމަށް އަމާޒުކުރައްވާފައިވާ ފިޔަވަޅެކެވެ.

ހަލާލް ޓުއަރިޒަމް ކުރިއެރިވުމަށް މެލޭޝިއާގެ އެއްބާރުލުން ރާއްޖެއަށް

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި  ރަސްމީ ދަތުރުފުޅުގެ ތެރެއިން  ބޭއްވި ޖޮއިންޓް ޕްރެސްގައި ވާހަކަފުޅު ދައްކަވަމުން މެލޭޝިއާއާ ގުޅިގެން ރާއްޖޭގައި ހަލާލް ޓޫރިޒަމް ފުޅާކުރުމަށް މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ”ވިޒިޓް މެލޭޝިއާ އެކްސްޕޯ“ ގެ ބޭނުން ހިފައި ދެ ގައުމުގެ ދެމެދުގައި ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި ހަލާލް ޓޫރިޒަމްގައި ހުރި ފުރުސަތުތައް ދެނެގަތުމަށް އަންވަރާއެކު ކާމިޔާބު މަޝްވަރާތަކެއް ކުރެއްވިއެވެ. ހަލާލް އިންޑަސްޓްރީގައި މެލޭޝިއާއަކީ ވަރަށް ކުރިއަރާފައިވާ ގައުމެކެވެ. އެ ޕްރެސްގައި ވާހަކަދައްކަވަމުން އަންވަރު ވަނީ ހަލާލް އިންޑަސްޓްރީގައި އެ ގައުމުގެ ތަޖުރިބާ ރާއްޖެއާ ހިއްސާކުރަން ތައްޔާރު ކަމަށް ވިދާޅުވެފައެވެ.

ކްރެސެންޓްރޭޓިންގ އަދި މާސްޓަރކާޑުގެ ގްލޯބަލް މުސްލިމް ޓްރެވަލް އިންޑެކްސްގެ މަޢުލޫމާތު ދައްކާގޮތުން، މި މާރކެޓް 2030 ވަނަ އަހަރާ ހަމައަށް 400 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.ހަލާލް ފަތުރުވެރިކަމަކީ ދުނިޔޭގައި ބޮޑު މާކެޓެއް އޮތް ސިނާއަތެއްކަމަށާއި މި ދާއިރާއިން ރާއްޖެއަށް ބޮޑު އާމްދަނީއެއް ހޯދިދާނެކަމަށް ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

އިސްލާމީ ޤައުމުތައް ހިމެނޭ ސަރަހައްދުތަކުން ރާއްޖެއަށް އަހަރުގެ މިހާތަނަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އަދަދުތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން ސައުތު އީސްޓް އޭޝިއާ ސަރަހައްދުން 28،815 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %12.5 އިތުރުވުމެކެވެ. ސައުތު އޭޝިއާ ސަރަހައްދުން %2.3 އިތުރުވުމަކާއިއެކު 78،157 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މެދުއިރުމަތިން 28،640 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ %3.2 އިތުރުވުމެއްކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ދިވެހި ރައްޔިތުންނަށް ފައިދާ އަދި ފަތުރުވެރިކަމަށް ބޮޑު ބަދަލެއް

 ހަލާލު ފަތުރުވެރިކަމަށް ޚާއްޞަ ރަށްތައް އުފެއްދުމުން ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތަކާއި، އަންހެނުންގެ ބައިވެރިވުމާއި، އަދި ރަށްވެހިންގެ ވިޔަފާރިވެރިކަމަށް ދޮރުތަކެއް ހުޅުވިގެންދާނެއެވެ. އަދި އެއީ  އިސްލާމީ އޮނިގަނޑެއްގެ ތެރެއިންނެވެ.
ހަލާލު ކާބޯތަކެތި އުފެއްދުމާއި، އިސްލާމީ ދުޅަހެޔޮކަމާއި، ޢާއިލާއަށް ރައްޓެހި މެހެމާންދާރީއާއި، އަދި ރަށްވެހި އުފެއްދުންތެރިކަން ފަދަ ޞިނާޢަތްތަކަށް މި މޮޑެލްގައި ކުރިއެރުން ލިބިގެންދާނެއެވެ. ހަލާލު ހޮސްޕިޓަލިޓީ ދާއިރާއާ ގުޅުންހުރި ތަމްރީނު އަދި ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކުން އިތުރަށް މުޖުތަމަޢުތަކަށް ބާރުވެރިކަން ލިބި، ރައުސުލްމާލު ބޭރަށް ދިއުން މަދުވެ، އަދި ޤައުމީ ފޯރުންތެރިކަން އިތުރުވެގެންދާނެއެވެ.

ރާއްޖޭގައި ހަލާލު ފަތުރުވެރިކަން ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، މަތީ ފަންތީގެ ފަތުރުވެރިކަން ހިމެނޭހެން ފަތުރުވެރިކަމުގެ އެކި ސެގްމެންޓުތައް އިސްތިހާރުކޮށް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން ރަށު ފަތުރުވެރިކަން ކުރިއަރުވައި، ކުޅިވަރާއި މުނިފޫހިފިލުވުމާއި އަދި މީނޫންވެސް އެކި ދާއިރާތައް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރެވެއެވެ.

އަދުގެ ސަރުކާރުން މިކަމަށް ދެއްވާ ހިތްވަރާއި ، އެއްބާރުލުމާއި އެކު ދިވެހި ރައްޔިތުންނަށް ފަތުރުވެރިކަމުގެ ދާއިރާގައި އިތުރު ހަރުފަތަކަށް ދާނެ މަގު ތަނަވަސްވޭނެއެވެ. ރަށު ހޮޓާތަކާއި ، ގެސްޓް ހައުސްތައް އަދި ރިސޯޓާއި ސަފާރީގެ އިތުރުން އަމިއްލަ ވޯޓަރ ސްޕޯރޓްސް ސެންޓަރުތަކާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ބޭފުޅުންނަސްވެސް ފަހި ފުރުސަތެއް ހުޅުވިގެންދާނެއެވެ. މުޅިއަހަރުގެ ހުރިހާ ހިސާބެއްގައި ފަތުރުވެރިން ޒިޔާރަތްކޮށް މާލީ ކުރިއެރުންތައް ލިބިގެންދާނެއެވެ.

                    

                    

                    

މި ލިޔުން ކިޔާލުމުން

Ads by MSS