ދުނިޔެ
ތެހެރާނުގައި ހުންނަ އީވިން ޖަލަށް އިސްރާއީލުން ދިން ހަމަލާގައި 71 މީހުން ޝަހީދުވެފައިވޭ: އީރާން

އީވިން ޖަލު/ފޮޓޯ: ދަ ނިއު ޔޯކް ޓައިމްސް
އީރާނުގެ ވެރިރަށްކަމަށްވާ ތެހެރާނުގައި ހުންނަ އީވިން ޖަލަށް އިސްރާއީލުން ދިން ހަމަލާއެއްގައި 71 މީހުން ޝަހީދުވެފައިވާކަމަށް އީރާނުން ބުނެފިއެވެ.
މިހިނގާ ޖޫން މަހުގެ 23 ވަނަ ދުވަހު އެ ޖަލަށް ބޮންއެޅިކަން އީރާނުގެ އެކި މަސްދަރުތަކުން ބުނެފައިވާއިރު، އެ ހަމަލާގައި ގިނަ ޢަދަދެއްގެ މީހުން ޝަހީދުވެފައިވާ ކަމަށް އީރާނުގެ ޖުޑީޝިއަރީގެ ތަރުޖަމާން އަސްޣަރު ޖަހާންގީރު ވަނީ ވިދާޅުވެފައެވެ.
މި ޖަލަށް ދިން ޙަމަލާގައި ޝަހީދުވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ޖަލުގައި މަސައްކަތްކުރަމުންދިޔަ އިދާރީ މުވައްޒަފުންނާއި، އަސްކަރީ ޚިދުމަތުގައި ހަރަކާތްތެރިވަމުން ދިޔަ ޒުވާނުންނާއި، ބަންދުގައި ބަހައްޓާފައި ތިބި މީހުންނާއި، ބަންދުގައި ތިބި މީހުންނަށް ޒިޔާރަތްކުރުމަށް އެވަގުތު އެތަނަށް ގޮސްތިބި އެމީހުންގެ ބައެއް އާއިލާގެ މެންބަރުންނާއި، ޖަލުގެ ކައިރީގައި ދިރިއުޅެމުންދިޔަ ރައްޔިތުންކަމަށް އީރާނުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މި ހަމަލާގެ ސަބަބުން އީވިން ޖަލުގެ އިދާރީ އިމާރާތުގެ ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި މި ޙަމަލާ ރައްދުވި ވަޤުތު އެ ޖަލުގައި ތިބީ ކިތައް މީހުންކަން އެނގެން ނެތްއިރު، ޙަމަލާ ލިބުނު ފަހުން ޖަލުގައި ތިބި ޤައިދީންތައް އެހެން ޖަލަކަށް ބަދަލުކޮށްފައިވާކަމަށް އީރާނުގެ ޖުޑިޝަރީން ވަނީ ވިދާޅުވެފައެވެ.
ޖޫން މަހުގެ 13 ވަނަ ދުވަހު ޔަހޫދީ އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމާގައި 700 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު އެތައް ބައެއް ވަނީ ޒަޚަމްވެފައެވެ.