ދުނިޔެ
"ނިއު ޔޯކް ސިޓީއަށް ނަތަންޔާހޫ ޒިޔާރަތްކޮށްފިނަމަ ހައްޔަރުކުރާނަން"

ޒޮހްރާން މަމްދަނީ ---
އެމެރިކާގެ ނިއު ޔޯކް ސިޓީއަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޒިޔާރަތްކޮށްފިނަމަ، ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން އޭނާ ހައްޔަރުކުރާނެކަމުގައި، ޑިމޮކްރެޓްސްގެ ޕްރައިމަރީ ކާމިޔާބުކުރެއްވި ޒޮހްރާން މަމްދަނީ ބުނެފިއެވެ.
މޭޔަރަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ޑެމޮކްރެޓްސްގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ ބުރުގައި ޒޮހްރާން ވަނީ އެންމެން ހައިރާންކޮށްލުމަށްފަހު ޑިމޮކްރެޓްސްގެ ޓިކެޓު ހޯދާފައެވެ.
އުމުރުން 33 އަހަރުގެ ޒޮހްރާން ހާމަކޮށްފައިވާ ގޮތުގައި، އޭނާއަށް ދައުރެއް ލިބިއްޖެނަމަ އެންމެ ބޮޑަށް މަސައްކަތް ކުރާނީ، ހައުސިން މައްސަލަ ހައްލުކުރުމަށާ، އިގުތިސާދު ދެމެހެއްޓުމަށް ކަމަށާއި، ޓްރާންސިޓަށް ހުޅުވާލުމަށާއި އަދި ފޮރިން ޕޮލިސީތަކަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް ގެނައުމަށް ކަމަށެވެ.
އޭނާ ބުނީ އިޒްރޭލުން ފަލަސްތީނުގައި ހިންގަނީ ގަތުލުއާންމެއް ކަމަށާއި، އަދި އިޒްރޭލާ ގުޅިގެން މަސައްކަތްކުރާ ފަރާތްތަކާމެދު އޮތް ގުޅުން ކަނޑާލާނެކަށެވެ.
ޒޮހްރާން އިތުރަށް ބުނީ، ފަލަސްތީނުގެ އާންމު ރައްޔިތުންނަށް އަނިޔާވާގޮތަށް އިޒްރޭލުން ހިންގާ އަމަލުތައް ކުށްވެރިކުރާކަމަށެވެ.