ދީން

ކީރިތި ރަސޫލާގެ ހިޖްރައަކީ ފިލާވަޅުތަކާއި ޢިބްރަތްތަކުން ފުރިގެންވާ މަދަރުސާއެއް

ކީރިތި ރަސޫލާގެ ހިޖްރައަކީ ފިލާވަޅުތަކާއި ޢިބްރަތްތަކުން ފުރިގެންވާ މަދަރުސާއެއް

ހިޖްރީ އައު އަހަރެއްގެ ފެށުމާއެކު، އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) މަދީނާއަށް ކުރެއްވި މަތިވެރި ހިޖްރައިގެ ޒިކުރާ އަޅުގަނޑުމެންގެ ހަނދާނަށް އާވެ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 ޖޫން 2025، 02:58

26 ޖޫން 2025، 02:58

ހިޖްރީ އައު އަހަރެއްގެ ފެށުމާއެކު، އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) މަދީނާއަށް ކުރެއްވި މަތިވެރި ހިޖްރައިގެ ޒިކުރާ އަޅުގަނޑުމެންގެ ހަނދާނަށް އާވެއެވެ. އިސްލާމީ ދައުލަތުގެ ދެވަނަ ޚަލީފާ، މާތް ﷲ ރުއްސުންލެއްވި ޢުމަރުލްފާރޫޤު، ކީރިތި ރަސޫލާގެ ބަރަކާތްތެރި ޢަމަލުފުޅުތަކުގެތެރެއިން މި ބަރަކާތްތެރި ހާދިސާއިން އިސްލާމީ އުއްމަތުގެ ތާރީޚު ޖައްސަވަން އިޚްތިޔާރު ކުރެއްވީ ކީއްވެގެންބާވައެވެ؟

 އެކަލޭގެފާނުގެ ޚިލާފަތުގެ ތިންވަނަ އަހަރުގައި، ޞަޙާބީން އެއްކުރައްވާ ވިދާޅުވިއެވެ. "އަހުރެމެންގެ މުދާތައް ގިނަވެއްޖެއެވެ. އަހުރެމެން މި މުދާތައް ބެހުމަށް ވަކި ވަގުތެއް ނެތެވެ. މި ކަން ވަކި އުޞޫލަކުން ކުރިއަށް ގެންދާނީ ކިހިނެއްހެއްޔެވެ؟ ޝަޢުބާން މަހުގައި ލިބެންޖެހޭ މުދާތަކެއްގެ ލިޔުން ތިމަންކަލޭގެފާނަށް ލިބިވަޑައިގެންފިއެވެ. އެހެނަސް އެއީ ކޮން ޝަޢުބާން މަހެއް ހެއްޔެވެ؟ އެއީ މި ޝަޢުބާން ހެއްޔެވެ؟ މި ދިޔަ ޝަޢުބާން ހެއްޔެވެ؟ ނުވަތަ ކުރިއަށް އޮތް ޝަޢުބާން ހެއްޔެވެ؟ އެބައިމީހުންނަށް މި ކަންތައް ދެނެގަނެވޭނެ ގޮތެއް ތިޔަބައިމީހުން ނިކަން ހަދާދީ ބަލާށެވެ."

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މަދީނާއަށް ހިޖްރަކުރެއްވުމަށް ޓަކައި މައްކާއިން ނުކުމެވަޑައިގަތީ ރަސޫލުކަމުގެ 13 ވަނަ އަހަރުގެ ޞަފަރުމަހުގެ 27 ވަނަ ދުވަހުއެވެ. އެއީ މީލާދީން 623 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 13 ވަނަ ދުވަހެވެ. މައްކާއިން ނުކުމެވަޑައިގަތީ ހުކުރުވިލޭރޭގައެވެ. ޘައުރު ފަރުބަދައިގެ ހޮހަޅައިގައި ހުކުރުވިލޭރެއާއި ހޮނިހިރުވިލޭރެއާއި އާދީއްތަވިލޭރޭ ތިއްބަވައިފައި މި ހޮހަޅައިން ނުކުމެވަޑައިގަތީ ހޯމަވިލޭރޭގައެވެ. އެއީ ރަސޫލުކަމުގެ 14 ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގެ ފުރަތަމަ ދުވަހެވެ. އެއީ ސެޕްޓެންބަރު މަހުގެ 16 ވަނަ ދުވަހެވެ. ޤުބާއަށް ވަޑައިގެންނެވުނީ ރަބީޢުލް އައްވަލު މަހުގެ އަށްވަނަ ދުވަހުއެވެ. އެއީ ހޯމަދުވަހެކެވެ. މަދީނާއަށް ވަޑައިގެންނެވުނީ ރަބީޢުލްއައްވަލު މަހުގެ 12 ވަނަ ދުވަހުގައެވެ.

ހިޖްރައިގެ ރާސްތާ

ހިޖްރައިގެ ރާސްތާއަކީ ރަސޫލުﷲގެފާނު މައްކާއިން މަދީނާއަށް ދަތުރުފުޅުކުރެއްވި މަގެވެ. ޤުރައިޝުންނަށް އޮޅުވައިލެއްވުމަށާއި އެމީހުންގެ ގޯނާތަކަށް ހާސާވެވަޑައިނުގަންނަވާންވެގެން އެކަލޭގެފާނު ދަތުރުފުޅު ކުރެއްވީ ޢާންމުން ދަތުރުކޮށް އުޅުނު މަގަކުންނެވެ. ޚަދީޖަތުގެފާނުންގެ ގެކޮޅުން ނުކުމެވަޑައިގެން ޘައުރު ފަރުބަދައަށެވެ. މި ފަރުބަދައިގެ ހޮހަޅައިގައި ދަތުރުގެ ބައިވެރިޔާ އަބޫބަކްރުގެފާނާއެކު 3 ދުވަހު ތިއްބެވުމަށް ފަހު ދަތުރުފުޅު ކުރެއްވީ ޤުބާއަށެވެ. މިއީ ދަތުރުފުޅުގެ އެންމެ ފަހު އިސްޓޭޝަނެވެ. އެކަލޭގެފާނު 8 ދުވަހުގެތެރޭގައި 380 ކިލޯމީޓަރުގެ ދިގު ރާސްތާއެއް ކަޑައްތުކުރެއްވިއެވެ. ދަތުރުފުޅު ނިމުނީ އަބޫ އައްޔޫބުލް އަންޞާރީގެފާނުގެ ގެކޮޅަށެވެ.

ޤުރައިޝުން މައްކާގައި މުސްލިމުންނަށް ކުރަމުންދިޔަ ތަފާތު ބާވަތްތަކުގެ ދުއްތުރާތައް އިތުރުވެ ޙައްދުފަހަނަޅައި ދިޔުން:

 މުސްލިމުންގެ ޢަދަދު މައްކާގައްޔާއި ޢަރަބިކަރައިގައި މަޑުމަޑުން ނަމަވެސް އިތުރުވަމުން އަންނަ ތަން ޤުރައިޝުންނަށް ފެނުމުން ބާރުގެ ތިލަފަތް މުސްލިމުންގެ ފަރާތަށް ބުރަވަމުންދާ ތަން ޤުރައިޝުންނަށް ފެނުނެވެ. މި ކަމުގެ ސަބަބުން ޤުރައިޝުންގެ ދީނީ އިޤްތިޞާދީ އަދި އިޖްތިމާޢީ މަރްކަޒާއި މަޤާމު އެމީހުންގެ އަތުން ބީވެގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެގެން ދިޔައެވެ.

 އިސްލާމްދީން އައިސްފައިވަނީ ހަތުރުވެރިކަމާއި ރުޅުވެރިކަމާއި އަނިޔާވެރިކަމުގެ މަތީގައި ޤާއިމުކޮށްފައިވާ އިޖްތިމާޢީ ނިޒާމު ނައްތައިލުމަށެވެ. ވާޖިބުތަކާއި ޙައްޤުތަކުގައި ސާހިބުންނާއި އަޅުން ހަމަހަމަކަން ބަޔާންކުރުމަށެވެ. މިއީ ޤުރައިޝުންގެ ބޮޑުންނާއި އިސްވާރުން ބަލައިގަންނަން ބޭނުންވާ ކަމެއް ނޫނެވެ. މިއީ މުޖްތަމަޢުގައި އޮތް އެމީހުންގެ އާރާއި ބާރު ނައްތައިލާނެ ކަމަކަށް ވާތީއެވެ. އިސްލާމްދީނަށް ވަންނަމުންދާ މީހުންގެ ޢަދަދު އިތުރުވަމުން އައިވަރަކަށް އެމީހުން މުސްލިމުންނަށް ދެމުންދިޔަ ގޯނާތައް އިތުރުކުރިއެވެ. މުސްލިމުންނަށް ފުރައްސާރަކޮށް ދަތިކުރުން އިތުރުކުރިއެވެ. ކީރިތި ރަސޫލާ ދީނަށް ގޮވައިލެއްވުމަށް ޓަކައި ޠާއިފަށް ވަޑައިގެންނެވި ދުވަހު މުޝްރިކުން ޢަމަލުކުރި ގޮތް ދަލީލަކަށް ފުދެއެވެ. އިތުރު އެކަލޭގެފާނު ޒަޚަމުކޮށްލައި އިސްލާމްދީނުގެ ދަޢުވަތު ބަލައިނުގަންނާނެކަން އިޢުލާން ކުރިއެވެ.

އިސްލާމީ ދަޢުވަތު މައްކާއިން ބޭރަށް ފެތުރުއްވުން

އިސްލާމީ ރިސާލަތަކީ ވަކި ޤަބީލާއަކަށް ވަކި ރަށަކަށް ފޮނުއްވި ދަޢުވަތެއް ނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެއީ ޢާލަމުތަކަށް ފޮނުއްވި ރިސާލަތެކެވެ. އެހެންކަމުން މި ދީނުގެ ދަޢުވަތު މައްކާއިން ބޭރުގައި ފެތުރުމަށް ފާލަމަކަށް ބޭނުންވިއެވެ. މި ފާލަމުން ލައިފައި މި ދަޢުވަތު ދުނިޔޭގެ ކަންކޮޅުތަކަށް އުދުއްސައިލުމަށް ޓަކައެވެ. މި ދަޢުވަތު ފެތުރުމަށް ޓަކައި މައިމަރްކަޒަކަށް ބޭނުންވިއެވެ. މި މައިމަރްކަޒަކީ މަދީނާއެވެ.

 ކައު ރަސޫލާ މަދީނާއަށް ވަޑައިގަތުމުގެ ކުރިން ވަނީ މަދީނާ މި ކަމަށް ތައްޔާރުކުރައްވައިފައެވެ. މަދީނާގެ ބަޔަކު މި ދީނަށް ޓަކައި ޤުރްބާންވުމަށް ވަނީ ތައްޔާރުވެފައެވެ. ކީރިތި ރަސޫލާ ފޮނުއްވައިގެން މުޞްޢަބު ބިން ޢުމަރުގެފާނު މަދީނާއަށް ވަޑައިގެން މި ދީނުގެ އަސާސުތައް ވަނީ މަދީނާގައި ޤާއިމުކުރައްވައިފައެވެ. އެކަލޭގެފާނަށް މަދީނާއިން އިސްލާމްދީން ދެކެ ލޯބިވާ އިސްވާރުންތަކެއް ލިބިވަޑައިގެންނެވިއެވެ. މުސްލިމުންގެ ބާރުތައް ވަރުގަދަކުރައްވައި އިސްލާމްދީން މުޅި ދުނިޔެއަށް ފެތުރުއްވުމަށް ޓަކައި މަރްކަޒަކަށް ހެއްދެވުމަށް ޓަކައި މަދީނާއަށް ހިޖްރަކުރެއްވުން ޟަރޫރަތަކަށް ވަނީ ވެފައެވެ.

މަދީނާއަށް ހިޖްރަކުރެއްވުމަކީ ޚުދްމުޚްތާރު ޤަރާރެއްނޫނެވެ. އެއީ ދިރާސާކުރުމެއްނެތް ޖަޒްބަތީ ފިޔަވަޅެއްނޫނެވެ. އެއީ ބަޔަކުދެކެ ރުޅިއައިސްގެން ރުޅިގަނޑުބާލައިލުމެއްވެސް ނޫނެވެ. ހިޖްރައަކީ އެންމެ ޢުންޞުރެއް ދެ ޢުންޞުރެއްގެ މަތީގައި އެޅުނު ފިޔަވަޅެއް ނޫނެވެ. އެއީ ވަރަށް އިސްތިރާތީޖީ ޤަރާރެކެވެ. މި ޤަރާރު ކަނޑައެޅުމުގައި އެތައް ޢުންޞުރުތަކެއް ބައިވެރިވިއެވެ.ހިޖްރައަކީ ހަމައެކަނި މަޤްޞަދެއްނޫނެވެ. އެއީ ހަމައެކަނި ޙާޞިލް ކުރަން ބޭނުންވި އެދުމެއް ވެސް ނޫނެވެ. އެހެނަސް މި ޤަރާރު ކަނޑައެޅުމުގައި އެތައް ލަނޑުދަނޑިތަކަކާއި އެތައް ޒުރޫފުތަކަކާއި އެތައް ބަހާތަކެއް ބައިވެރިވެފައި ވެއެވެ.

 މި ފިޔަވަޅު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަޅުއްވައިފައި ވަނީ އެންމެ އެކަށީގެންވާ ރަށަށާއި ވަގުތަށް ބައްލަވައިގެންނެވެ. މި ޤަރާރުގެ ވެރި ފަރާތަކަކީ އާދައިގެ މީހެއްނޫނެވެ. އެހެނަސް އެއީ ﷲ ސުބްޙާނަހޫ ވަ ތަޢާލާ ޢާލަމުތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ރަސޫލާއެވެ.

 އެއީ އަމާނާތްތެރި ތެދުވެރި ޤާއިދެކެވެ. މަތިވެރި މުޢައްލިމެކެވެ. އެންމެންގެ ލާމަސީލު ނަމޫނާއެކެވެ. މުޢުޖިޒާތްތަކުގެ ވެރި ނަބީބޭކަލެކެވެ. ﷲގެ އަމުރުފުޅާއި އިޒުންފުޅާ އެއްގޮތަށް ރޭވުންތައް ރޭއްވެވި ﷲގެ މުޞްޠަފާއެވެ. ހިޖްރައިގެ ރޭވުންތައް ވެފައިވަނީ ޢާންމު އަމުރުވެރިކަމެއްގެ ދަށުގައި ރާވައި ތަންފީޒު ކުރެވުނު ހަނގުރާމައިގެ ޚާއްޞަ މަސައްކަތަކަށެވެ. ރޭވުންތައް ރޭއްވެވީ އެކަލޭގެފާނެވެ. ޗާޓުތައް ކަނޑައެޅުއްވީ އެކަލޭގެފާނެވެ. ރާސްތާތައް ހަމަޖެއްސެވީ އެކަލޭގެފާނެވެ.

މުހިއްމު ރޭވުންތައް

ސިއްރިއްޔަތު: ކީރިތި ރަސޫލާ ހިޖްރަކުރެއްވުމުގެ ޤަރާރަކީ ވަރަށް ސިއްރު ޤަރާރެކެވެ. ރަސޫލާގެ އެންމެ އަރިސް ބޭކަލުންނަށް ވެސް އެކަމާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ނުދެއްވަވައެވެ.
ވަގުތު އިޚްތިޔާރު ކުރެއްވުން: ކީރިތި ރަސޫލާ ހިޖްރަކުރެއްވުމުގެ ޤަރާރު ކަނޑައެޅުއްވީ މާތް ﷲ އެކަމަށް އިޒްނަފުޅުދެއްވުމުން ދާޚިލީ ވެށީގެ ޙާލަތު ތަޙްލީލުކުރައްވައި ދިރާސާކުރެއްވުމަށް ފަހުގައެވެ.ހިޖްރައާ ބެހޭގޮތުން ޤަރާރު ކަނޑައެޅުއްވުމުގައި ގިނިކަންޏާއެވެ.
ހިޖްރަކުރައްވަން ބޭނުންފުޅުވާ ތަން ތައްޔާރުކުރެއްވުން: ކީރިތި ރަސޫލާ މަދީނާ އިޚްތިޔާރު ކުރެއްވީ ދީނީގޮތުންނާއި ސަލާމަތީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އެ ތަނުގެ ޙާލަތު ރަނގަޅަށް ދިރާސާކުރެއްވުމަށްފަހުގައެވެ. އެ ތަން ރަނގަނޅަށް ތައްޔާރުކުރެއްވުމަށްފަހުގައެވެ.
ހިޖްރައަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ތައްޔާރުކުރެއްވުން: މި ވަސީލަތްތަކުގެތެރޭގައި އިންސާނީ ވަސީލަތްތަކާއި މާއްދީ ވަސީލަތްތަކާއި މާނަވީ ވަސީލަތްތައް ވެއެވެ.ޢަޤީދާއާއި ޙައްޤާއި އީމާންކަމަށް ޓަކައި މައްކާއިން މަދީނާއަށް ދަތުރުފުޅުކުރެއްވުމަށް ބޭނުންފުޅުވާ ހިޖްރައިގެ އާލިއްޔަތު ކަނޑައެޅުއްވުން
ހިޖްރައިގެ އެންމެ މަތިވެރި ލަނޑުދަނޑި ކަނޑައެޅުއްވުން: ކައު ރަސޫލާގެ ހިޖްރައަކީ އެއް ރޭ އެއް ދުވާލުގެތެރޭގައި ނިންމެވިނިންމެވުމެއްނޫނެވެ. މައްކާގެ ޙާލަތާ އެއްގޮތަށް އިޞްލާޙުތައް ގެންނެވޭތޯ އެތައް މަސައްކަތްޕުޅުތަކެއް ވަނީ ކުރައްވައިފައެވެ. މި މަސައްކަތްޕުޅުތަކުން އެދިވަޑައިގެންނެވި ނަތީޖާއެއް ވަނީ ނުނުކުމެފައެވެ.

ހިޖްރައިގެ މަގުޗާޓު ކުރެއްސެވުން: އެއްވެސް ހިރާސަކާއި ނުރައްކަލާނުލައި އޮމާންކަމާއެކު ހިޖްރައިގެ އެންމެހާ ކަންތައްތައް ތަންފީޒުކުރެއްވުމަށް ޓަކައި އެކަލޭގެފާނު ހިޖްރައިގެ މަގުޗާޓެއް ކުރެއްސެވިއެވެ.
އެކަށީގެންވާ މީހާއަށް އެކަށިގެންވާ މަސައްކަތް ޙަވާލުކުރެއްވުން: މި އަސާސުގެ މަތިން ރަސޫލުﷲގެފާނު ހިޖްރައިގެ މަސައްކަތްތައް ބެއްސެވިއެވެ. (މިސާލަކަށް އެ ރޭ އެކަލޭގެފާނުންގެ ދާންމަތިކޮޅުމަތީގައި ޢަލީގެފާނު އަވަހާރަފުޅުލައްޕަވަން ހަމަޖެއްސެވުން، ޤުރައިޝުންގެ ޚަބަރުތައް ހޯއްދަވައިގެން ގެންނެވުން ޢަބްދުﷲ ބިން އަބީބަކްރުގެފާނު، އޮޅުވައިލުމާއި އަސަރުތައް ފުހުމުގެ މަސައްކަތް ޢާމިރު ބިން ފުހައިރާ، ފަރިއްކޮޅު ތައްޔާރުކުރެއްވުމާއި އެ ފަރިއްކޮޅު ގެންނެވުން އަސްމާއު ބިންތި އަބީބަކްރުގެފާނު، ދަތުރުގެ އަރުކާޓީއަކަށް ޢަބްދުﷲ ބިން އުރައިޤަޠު. އޭނާ އޭރު އަދި އިސްލާމްވެވަޑައެއް ނުގަންނަވައެވެ.)

އިސްލާމީ ވަކިވަކި ޝަޚްސިއްޔަތެއް ބިނާކުރުން

ޢުމަރުގެފާނު މި އެދިވަޑައިގަތުމާ އެއްގޮތަށް ޞަޙާބީން ރައުޔު ފާޅު ކުރެއްވިއެވެ. ބައެއް ބޭކަލުން ދެންނެވިއެވެ. ރޯމަނުންގެ ތާރީޚުން ތާރީޚު ޖަހަމާ ހިނގާށެވެ! އަނެއްބައި ބޭކަލުން ދެންނެވިއެވެ. ފާރިސީންނާ އެއްގޮތަށް ތާރީޚު ޖަހަމާތޯއެވެ؟ ނަމަވެސް ޢުމަރުގެފާނު މިއިން އެއްވެސް ޚިޔާލަކާމެދު ހިތްޕުޅު ހަމައެއް ނުކުރެއްވިއެވެ.

 އެކަލޭގެފާނު ބޭނުންފުޅުވީ މުސްލިމުންގެ ތާރީޚު ޚާއްޞަ އެއްޗަކަށް ހެއްދެވުމަށެވެ. މުސްލިމުން އެހެންމީހުންނާ ތަބާވާ ބަޔަކަށް ވުމަށް އެދިވަޑައެއް ނުގެންނެވިއެވެ. އެހެން ސަޤާފަތަކުން ސިފަ ލިބިގަންނަ ބަޔަކަށް މުސްލިމުން ވެގެން ނުވާނެކަމަށް އެކަލޭގެފާނު ވިދާޅުވިއެވެ. ތާރީޚު ޖެހުމުގައި ވެސް މިނިވަން ޝަޚްޞިއްޔަތެއް ލިބިގެންވާ ބަޔަކަށް މުސްލިމުން ވާންޖެހޭނެއެވެ. މުސްތަޤިއްލު މިނިވަން ޝަޚްޞަކަށް ވާން ޖެހޭނެއެވެ.

ހިޖްރަ އިޚްތިޔާރު ކުރެއްވުން  އެހިނދު ބައެއް ޞަޙާބީން ރަސޫލާ ޞައްލަﷲ ޢަލައި ވަސައްލަމްގެ އުފަންދުވަހާ ނިސްބަތްކޮށް ތާރީޚު ޖަހަން ފެނިވަޑައިގަންނަވާ ކަމަށް ދެންނެވިއެވެ. އަނެއްބައި ބޭކަލުން ރަސޫލާ މި ދުނިޔެ ދޫކުރެއްވި ދުވަހަށް ނިސްބަތްކޮށް ތާރީޚު ޖަހަން ފެނިވަޑައިގަންނަވާ ކަމަށް ހުށައެޅުއްވިއެވެ.

މިހިނދު ކީރިތި ރަސޫލާގެ އަތްޕުޅުމަތިން ތަރުބިއްޔަތު ލިބިވަޑައިގެންފައިވާ ޢަލީ ކައްރަމަﷲ ވަޖްހަހޫ ދެންނެވިއެވެ. ޢަލީގެފާނަކީ ރަސޫލާގެ ހިޖްރައިގެ ހާދީސާގައި ރަސޫލާގެ ފިދާއެވެ. މީގެއިތުރަށް ޢަލީގެފާނަކީ ޢުމަރުގެފާނުގެ މުޝީރެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ކީރިތި ރަސޫލާ ޞައްލަﷲ ޢަލައި ވަސައްލަމް މުޝްރިކުންގެ ބިމުން ނުކުމެވަޑައިގެން މަދީނާއަށް ހިޖްރަކުރެއްވި ކުރެއްވުމަށް ނިސްބަތްކޮށް ތާރީޚު ޖަހަން ފަށަމާ ހިނގާށެވެ!"

މި ހުށައެޅުއްވުމުން ޢުމަރުގެފާނުގެ ހިތްޕުޅަށް ފިނިކަން ލިބުނެވެ. ޞަޙާބީންނަށް ހިތްޕުޅު ހަމަޖެހުން ލިބުނެވެ. އެހެނީ ހިޖްރައަކީ އިސްލާމީ އުއްމަތުގެ ފެށުމެވެ. މުސްލިމުންނަށް ނަޞްރާއި ނަޞީބު ލިބެން ފެށީ މަދީނާގައި މުސްލިމުންނަށް ހަމަޖެހުން ލިބުމުންނެވެ. 

 ޢަލީގެފާނުގެ ބޭނުންފުޅަކީ އަހަރެއް ނިމި އަހަރެއް ފެށޭއިރު މުސްލިމުންގެ ހިތުގައި ދީނީ ރޫޙު ކައްކުވާލާނެ މުހިއްމު ޙާދިސާއެއްގެ ޒިކުރާ ދިރުވައި ދެމެހެއްޓެވުމެވެ. އެމީހުންގެ އީމާންކަން ސާފުކަންމަތީ ދަމަހައްޓާދޭނެ އާރެއް ވުޖޫދަށް ނެރުއްވުމެވެ. އެ ސާޙިބާގެ ސީރަތުން އެބައިމީހުންގެ ޙަޔާތަށް އަލިކޮށްދޭނެ ދަންމަރެއް ނެރެދެއްވުމަށް ޓަކައެވެ. އިސްލާމްދީނަކީ ވަކި މީހެއްގެ މަސްއޫލިއްޔަތެއް ނޫން ކަން ދެއްކެވުމެވެ. އިސްލާމްދީން މަތިވެރި ކުރަނީ ޢަމަލުކަން އަދި ޝަޚްޞް ނޫންކަން ބަޔާންކޮށް ދެއްވުމެވެ.

ރަސޫލާ ޞައްލަﷲ ޢަލައި ވަސައްލަމްގެ ހިޖްރައިގެ ޙާދިސާ ހިނގައިފައިވަނީ ރަބީޢުލް އައްވަލު މަހެއްގައެވެ. އެހެނަސް މާތް ﷲ ރުއްސުންލެއްވި ޢުޘްމާނުގެފާނަށް ފެނިވަޑައިގަތީ ހިޖްރީ ކަލަންޑަރު މުޙައްރަމު މަހުން ފެށުމަށެވެ. އެއީ ޢަރަބީން އަހަރު ފަށާ މަސްކަމުގައި ވާތީއެވެ. އެއީ މީލާދީ ސަނަތުން 622 ވަނަ އަހަރުގެ ޖުލައިމަހުގެ 16 ވަނަ ދުވަހެވެ.

ކީރިތި ރަސޫލާގެ ޞަޙާބީން ރަސޫލާގެ ޢީދު މީލާދު ދުވަހުން އިސްލާމީ ތާރީޚު ޖަހަން ފެށުމާ ދުރުހެލިވެވަޑައިގަތީ އެކަލޭގެފާނުގެ ރިސާލަތާއި ހިދާޔަތާ މީސްތަކުން ދުރަށްޖެހިދާނެތީއެވެ. މަސީޙީން ޢީސާގެފާނުގެ އުފަންދުވަހުން ތާރީޚު ޖަހަންފަށައި އެކަލޭގެފާނު އިލާހަކަށް ހެދިފަދައިން މުސްލިމުން ރަސޫލާގެ މާތް ޝަޚްޞިއްޔަތަށް އަޅުކަންކުރަން ފަށާފާނެތީއެވެ.

މުސްލިމުން ކީރިތި ރަސޫލާ ރަސޫލުކަމާއިގެން ފޮނުއްވުނު ދުވަހުން ތާރީޚު ޖަހަން ނުފެށީ ކީއްވެތޯއެވެ؟

މި ރިސާލަތުގެ މަތިވެރިކަމާއެކުގަޔާއި އެ ރިސާލަތުގެ އަސަރު ފެންނާން ފެށީ ހިޖްރަކުރެއްވުމަށް ފަހުގައެވެ. މަދީނާގައި މެނުވީ މުސްލިމުންނަށް ކިޔާނެއް ލިބިގެންގޮސްފައިނުވާތީއެވެ.އިސްލާމީ ތާރީޚުގައި ހިނގި މުހިއްމު ހަނގުރާމަތަކާއި ކުރިމަތިލުންތައް ހިނގައިފައި ވަނީ ކީރިތި ރަސޫލާގެ ހިޖްރައަށް ފަހުގައެވެ. ބަދްރު ހަނގުރާމައާއި މައްކާ ފަތަޙަވުންފަދަ ކާމިޔާބުތަކަކީ މި ހިޖްރައިގެ ގަހުން ނުކުތް މޭވާތަކެކެވެ.

ހިޖްރައަކީ އިންފާރެއް

ހިޖްރައަކީ ރޭގަނޑު މުނިފޫހިފިލުވުމަށް ޓަކައި ކިޔާލަން ޖެހޭ ވާހަކައެއްނޫނެވެ. އެއީ އެއްވެސް ޙާލެއްގައި ކުޑަކުދީންގެ ގަޑިގައި ޓީވީން ދުރަށް ދައްކާލާ ޙާދިސާތަކެއް ވެސް ނުމެނޫންމެއެވެ. އެކަމަކު އެއީ ޖާހިލުކަމާއި ކުފުރުގެ ރާޅުތަކުން އުދަ އަރަމުން ދިޔަ ސަހަރާއެއްގެ މެދުތެރޭގައި މުސްލިމުންނަށް ވަޠަނެއް ޤާއިމުކޮށްދިން މުހިއްމު ޙާދިސާއެކެވެ.

ހިޖްރައަކީ ފިތުނައަކުން މިންޖުވެގަތުމެއް ނޫނެވެ. އައްޝައިޚު މުޙައްމަދުލް ޣަޒާލީ އެމަނިކުފާނުގެ ފިޤްހުއްސީރާގައި ވިދާޅުވެފައިވާ ފަދައިން އެއީ "މުވައްޒަފަކު ކައިރި ރަށަކުން ދުރު ރަށަކަށް ވަޒީފާ ބަދަލުވުމުން ކުރި ދަތުރެއް ނޫނެވެ. އެއީ ހަނަފަސް ބިމެއްގައި ކާއެތިކޮޅެއް ލިބުމުގެ ދަތިކަމާ ކުރިމަތިލާން ޖެހުނު މީހަކު ކާއެތިކޮޅެއް ހޯދުމަށް ފަސްގަނޑު ރަނގަޅު ދަނޑު ބިމެއް އޮތް ރަށަކަށް ދަތުރު ކުރި ދަތުރުކުރުމެއްނޫނެވެ. އެއީ އޭނާގެ އަހްލުންގެ ތެރޭގައި އަމާންކަމާއެކު އުޅެމުން އައި މީހަކު އޭނާގެ މަޞްލަޙަތުތައް އެއްފަރާތަކަށް ލައިފައި، އޭނާގެ މުދާތައް ޤުރުބާންކޮށްފައި، އޭނާގެ އަމިއްލަ ނަފްސު ނުރައްކަލަށް ހާސާކޮށްފައި ކުރި ދަތުރެކެވެ. އެއީ ފަރުބަދައަކަށް ވެސް ބުރަ އަދި ސާބިތު އީމާންކަމެއްގެ ސަބަބުން ކުރި ދަތުރެކެވެ."

ނަބަވީ މި ހިޖްރައަކީ ޙައްޤާއި ބާޠިލުގެ އިންފާރެވެ. އަނިޔާވެރިކަމާއި ޢަދްލުވެރިކަމުގެ އިމެވެ. ޙައްދުފަހަނަޅައިދިޔުމާއި ސަމާޙަތު ވަކިކޮށްދިން ރޮނގެވެ. އެއީ ވަރުގަދަ ޢަޒްމަށާއި ޤުރްބާނީއަށާއި ފިދާވުމަށާއި ހޭދަކުރުމަށް ޝައުޤުވެރިކުރުވި ބަހާއެވެ.

ކީރިތި ރަސޫލާގެ ހިޖްރައަކީ ޝައުޤީ އަބޫ ޚަލީލު ވިދާޅުވެފައިވާ ފަދައިން އެކަލޭގެފާނާއި އެކަލޭގެފާނުގެ މާތް ޞަޙާބީން މި ދީނަށް ޓަކައި ވެވަޑައިގެންނެވި ބޮޑު ޤުރްބާނީގެ ހަދާނެވެ. އެބޭކަލުން ޢަޤީދާއާއި މިނިވަން ކަމަށް ޓަކައި ގޮވަތިގެދޮރާއި، މުދަލާއި އަނބިދަރީން ޤުރްބާން ކުރެއްވިއެވެ. ހަމަ މިމޭރުމުން އަންޞާރުންވެސް މި ދީނަށް ނަޞްރުދެއްވުމަށް ޓަކައި އެހާމެ ބޮޑު ޤުރްބާނީތަކެއް ވެވަޑައިގެންނެވިއެވެ. އިންސާނީ ތާރީޚުގައި އެއީ ލާސާނީ ޤުރްބާނީތަކެކެވެ.

ހިޖްރައަކީ މަދަރުސާއެއް

ކީރިތި ރަސޫލާގެ ހިޖްރައަކީ ފިލާވަޅުތަކާއި ޢިބްރަތްތަކުން ފުރިގެންވާ މަދަރުސާއެކެވެ. މި ވާހަކައިން ފެންނަ ކޮންމެ މީހަކީ ބަޠަލެކެވެ. އުސްތާޒެކެވެ.

(1) މާތް ރަސޫލާގެ ނަބަވީ ހިޖްރައަކީ ފިކްރީ އަދި ސުލޫކީ މަދްރަސާއެކެވެ. ދުނިޔޭގެ ތާރީޚަށް އުފެއްދުންތެރި މަތިވެރި އިންޤިލާބެއް ގެނައި މި ޙާދިސާ ދިރާސާކުރަން ވަނީ ޖެހިފައެވެ. މި ދީނުގެ ރިސާލަތު ރަނގަޅަށް ދޭހަކޮށް ގަތުމަށް ޓަކައެވެ. ޙަޔާތުގައި މި ރިސާލަތުގެ ދައުރު ދެނެގަތުމަށް ޓަކައެވެ. މުސްލިމުންނާ އެ ދުވަސްވަރު ކުރިމަތިވެފައިވާ ދަތިތަކާއި އުނދަގޫތަކާއި، ހުރަސްތައް ގިރާކުރާނެ ގޮތެއް ނެތް ޙާލުގައިވެސް ﷲއާއި އެކަލާނގެ ރަސޫލާގެ އަމުރުފުޅަށް ކިޔަމަންގަނެ ބޯލަބައި ތިބެގެން އެމީހުން މި ހިޖްރަ ކުޅައެވެ.


(2) ނަބަވީ ހިޖްރައިގެ މަދަރުސާގެ މަންހަޖުގައި ހިމެނޭ މޮޑިޔޫލުތަކުން މޮޑިޔޫލަކުން ފެންނަނީ މާތްﷲ އަށް ފުރިހަމައަށް އިތުބާރު ކުރާ، އުޖާލާ ކުރިމަގަކަށް އިންތިޒާރު ކުރާ، އުއްމީދީ ނަޒަރަކުން މާދަމާއަށް ބަލައި، މުއުމިނާގެ މަލަތަކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (إِذْ أَخْرَجَهُ الَّذِينَ كَفَرُوا ثَانِيَ اثْنَيْنِ إِذْ هُمَا فِي الْغَارِ إِذْ يَقُولُ لِصَاحِبِهِ لا تَحْزَنْ إِنَّ اللَّهَ مَعَنَا [1] – ދެމީހުންކުރެ އެކަކު ކަމުގައިވާ ޙާލު، ކާފިރު ވި މީހުން، އެކަލޭގެފާނު ނެރެލިހިނދުގައެވެ. އޭގެ ދެކަލުން (ثَور ފަރުބަދައިގެ) ހޮހަޅައިގައި ތިއްބެވި ހިނދުގައެވެ. އެކަލޭގެފާނުގެ އެކުވެރިޔާއަށް، ހިތާމަނުކުރައްވާށޭ، ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، ތިމަންމެންނާ އެކުގައޭ ވިދާޅުވިހިނދުގައެވެ.)


(3) ހިޖްރައިގެ މަދަރުސާއިން ކިޔަވަން ޖެހޭ މޮޑިޔޫލްތަކުން ލިބޭ ތަމްރީނުތަކަކީ އަޅުގަނޑުމެންގެ ދަރިންނަށް އެމީހުންގެ މަސްއޫލިއްޔަތަކީ ކޮބައިކަން އުގަންނާ ދިނުމަށް ޓަކައި ހޯދަން ޖެހޭ ތަމްރީނުތަކެކެވެ. އެއްވެސް ކަމެއް އެއްވެސް މަޝްރޫޢެއް ކާމިޔާބު ކުރެވޭނީ އެ މަޝްރޫޢުގައި ހިމެނޭ ކަންތައް ހިންގާ ބެލެހެއްޓުމާ ޙަވާލު ކުރެވޭ ފަރާތްތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެންނެވެ.

 ރަސޫލާ ހިޖްރައިގެ ދަތުރުފުޅަށް ގެކޮޅުން ނުކުމެވަޑައިގެންނެވި ރޭ އެކަލޭގެފާނުގެ ދާންކޮޅުމަތީ އަވަހާރަފުޅު ލައްޕަވަން ޢަލީގެފާނާ ޙަވާލު ކުރެއްވިއެވެ. މި މަސްއޫލިއްޔަތު ޢަލީގެފާނު އަދާނުކުރެއްވިނަމަ މުޝްރިކުންނަށް އޮޅުވައިލައްވައިފައި ރަސޫލާއަށް މައްކާއިން ބޭރަކަށް ނުކުމެވަޑައެއް ނުގެންނެވޭނެއެވެ.

 ޢަލީގެފާނު ރަސޫލާގެ އަރިހުގައި ހިޖްރައިގެ ދަތުރުފުޅުގައި ބައިވެރި ނުކުރައްވާ މައްކާގައި ބެހެއްޓެވީ އިތުރު އެހެން މަސްއޫލިއްޔަތެއް ވެސް އަދާކުރެއްވުމަށް ޓަކައެވެ. ކީރިތި ރަސޫލާގެ އަތްޕުޅުގައި ހުރި މައްކާގެ މުޝްރިކުންގެ އަމާނަތްތައް އެ މީހުންނަށް އަދާކުރެއްވުމަށް ޓަކައެވެ. މި ކަމުގެ ސަބަބުން ދުޝްމަނުންނަށް ވެސް ރަސޫލާގެ ތެދުވެރިކަމަށް ހެކިވާން ޖެހުނެވެ. ރަސޫލާއަކީ އަމާނަތްތެރިއެއްކަން ޤަބޫލު ކުރަން ޖެހުނެވެ.


(4) ކީރިތި ރަސޫލާ ޞައްލަﷲ ޢަލައި ވަސައްލަމް އާއި އެކަލޭގެފާނުގެ މިތުރު ޞަޙާބީން އެބޭކަލުން އެންމެ ލޯބިފުޅުވާ ފަސްގަނޑު މައްކަތުލް މުކައްރަމާ ދޫކުރައްވާ މަދީނާއަށް ހިޖްރަ ކުރެއްވީ މުޝްރިކުންގެ ދުއްތުރާތަކާއި ގޯނާކުރުންތަކާއި އަނިޔާވެރިކަން އިންތިހާއަށްގޮސް އެބޭކަލުންނަށް މައްކާގައި ދިރިއުޅުއްވުމަށް ބޭނުންވާ ހުރިހާ މަގުތަކެއް ބަންދު ކުރުމުންނެވެ.

ނަމަވެސް ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖްރައަކީ ފިއްލެވުމެއް ނޫނެވެ. އެހެނަސް އެއީ ދީނަށް ނަޞްރު ހޯއްދަވައި ދެއްވުމަށް ޓަކައި އެޅުއްވި ވަރަށް އިސްތިރާތީޖީ ފިޔަވަޅެކެވެ. އެއީ ޖިހާދުގެ މައިދާން މައްކާގެ ބިމުން މަދީނާގެ ބިމަށް ނަޤްލުކުރެއްވި ނަޤްލުކުރެއްވުމެކެވެ. އެއީ ޙައްޤުގެ ރާސްތާ ގަނޑުވެގެން ދިޔަ ނުދެއްވުމަށް ޓަކައެވެ. އެއީ ޙައްޤުގެ މައްޗަށް ބާޠިލު ވެރިވެގަތުމަށް ހުރަސް އެޅުއްވުމަށް ޓަކައެވެ. އެއީ އިސްލާމީ ދަޢުވަތުގެ ދުވެލި ކުރިއަށްވުރެ ބާރު ކުރެއްވުމަށް ޓަކައެވެ. އެއީ އިސްލާމީ ރިސާލަތަށް ދިފާޢީ މައިތިރިއެއް ހޯއްދަވާ ދެއްވުމަށް ޓަކައެވެ. އެއީ އިސްލާމީ ދަޢުވަތާއިގެން އުދުއްސައިގަތުމަށް، ޤާބިލު، ތަފާތު މައިދާންތަކުގައި ފުންނާބު އުސް މޮޅު ފަހުލަވާނުންތަކެއް ތަމްރީނު ކުރެއްވުމަށް ޓަކައެވެ.

(5) ކީރިތި ރަސޫލާގެ ނަބަވީ ހިޖްރައިގެ ސަބަބުން އިސްލާމްދީނުގެ ތަސާމުޙު ސާބިތުވެގެން ދިޔައެވެ. އެހެން ދީންތަކުގެ މީހުންނާ މުސްލިމުންނާ ދެމެދުގައި ތަސާމުޙުގެ ގިޔުގަނޑުގެ ތެރޭގައި އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމު ކުރުމާއި ފައިދާ ލިބިގަތުމާއި ފައިދާ ބަދަލުކުރުމުގެ އުޞޫލު ތަޢާރުފުވެގެން ދިޔައެވެ. ރަސޫލާ ޞައްލަﷲ ޢަލައި ވަސައްލަމް މަދީނާއަށް ވަޑައިގެން އެ ދުވަސްވަރު މަދީނާގައި އުޅުނު ޔަހޫދީންނާއެކު މުހިއްމު ޢަހްދުނާމާއެއްގައި ސޮއި ކުރެއްވިއެވެ. މި މުހިއްމު އެއްބަސްވުމުގައި ސުލްޙަމަސަލަސްކަމާއެކު އެންމެން ދިރިއުޅުމަށާއި އެއްބަޔަކު އަނެއް ބަޔަކަށް ނަޞްރު ދިނުމަށް އެއްބަސްވެފައިވެއެވެ.


(6) ކީރިތި ރަސުލާގެ ހިޖްރައިގެ ސަބަބުން އިސްލާމީ އިޤްތިޞާދުގެ އަސާސުތައް ޤާއިމުވިއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައި ވަސައްލަމް މަދީނާގައި އައު ބާޒާރެއް ޤާއިމު ކުރެއްވިއެވެ. މި ބާޒާރަށް ވަނުމަށް އެއްވެސް މީހެއްގެ އަތުން އެއްވެސް ކަހަލަ ފީއެއް ނުވަތަ ވާރެއް ނެގުން ނަހީ ކުރެއްވިއެވެ. އެކަލޭގެފާނު ޤާއިމު ކުރެއްވި މި ބާޒާރަކީ މަކަރާއި ޙީލަތް ހެދުން މުޅިން މަނާ، ޝަރަފުވެރި ވާދަވެރިކަމާއި، ރިވެތި މުޢާމަލާތާއެކު ވިޔަފާރި ކުރަން ޖެހޭ، ޓެކްސް ހިލޭ މިނިވަން ބާޒާރެކެވެ. އަޅުގަނޑުމެންނަށް މިއަދުގެ ދުނިޔެއިން މިފަދަ މިނިވަން ބާޒާރެއް ނުފެނެއެވެ.


(7) އިސްލާމީ ދަޢުވަތުގެ އަޑު އުފުލިގެން ގޮސް މުޅި ދުނިޔެއަށް މި ދަޢުވަތު ފެތުރުނީ މި ހިޖްރައިގެ ސަބަބުންނެވެ. ކީރިތި ރަސޫލާގެ ޠާހިރު ސީރަތުން އެނގޭގޮތުގައި ހިޖްރަވެފައި ވަނީ މާތްﷲ އެކަލާނގެ އަޅުންނަށް ލެއްވި ބޮޑު ރަޙްމަތަކަށެވެ.


(8) ކީރިތި ރަސޫލާގެ ހިޖްރައަކީ ބާޠިލު ޢަޤީދާއާއި ފާސިދު ފިކްރުތަކަށް ލިބުނު ބޮޑު ނާކާމިޔާބެކެވެ. އެއީ އިންސާނިއްޔަތުކަމުގެ ތާރީޚުގައި އިންސާނާއަށް ލިބުނު އައު ފަތަޙައެކެވެ. ރަސޫލާގެ މި ހިޖްރަ ކުރެއްވުމުން އެނގެނީ ކިތަންމެ ދުވަހެއް ވިޔަސް ޙައްޤަށް، ވަޠަނެއް، ހިޔާވަހިކަމެއް، ނަޞްރުދޭނެ ބަޔަކު ލިބުގެންވާނެ ކަމެވެ. ޙައްޤަށް ހުރަސްއެޅުމަށް ބާޠިލު އަބަދު ވެސް މަސައްކަތް ކުރާނެކަމެވެ. ޙައްޤު ނައްތައިލެވޭތޯ ބާޠިލު އަބަދުވެސް ފުރްޞަތަށް ބަލަބަލައި، އޮންނާނެ ކަމެވެ.

ރަސޫލާގެ ހިޖްރައިގެ ބަޠަލުން

ރަސޫލާ ޞައްލަﷲ ޢަލައި ވަސައްލަމް އެކަލޭގެފާނު ހިޖްރަ ދަތުރުފުޅަށް ވަރަށް ރަނގަޅަށް ތައްޔާރުވެ ވަޑައިގަތެވެ.

މި ދަތުރފުޅުގެ އިސްވާރަކީ ﷲގެ ރަސޫލާއެވެ.
އެހީތެރިއަކީ މާތް ﷲ ރުއްސުންލެއްވި އަބޫބަކްރުއްޞިއްދީޤެވެ.
މި ދަތުރުފުޅުގެ ފިދާއީއަކީ ޢަލީގެފާނެވެ.
ދަތުރުފުޅަށް ބޭނުންފުޅުވާ ކާބޯތަކެތި ފޯރުކޮށްދެއްވީ އަސްމާއު ބިންތު އަބީ ބަކްރުގެފާނެވެ.
ޖާސޫސީ މަސައްކަތް ކުރެއްވީ ޢަބްދުﷲ ބިން އަބީބަކްރުގެފާނެވެ.
ދުޝްމަނުންނަށް އޮޅުވައިލުމާއި ވަންހަނާކުރުމުގެ މަސައްކަތް ކުރެއްވީ އަބޫބަކްރުގެފާނުގެ ނޯކަރެއްކަމުގައިވާ ޢާމިރުގެފާނެވެ.
ދަތުރުފުޅުގެ އާރުކާޓީއަކީ ޢަބްދުﷲ ބިން އުރައިޤަތެވެ. އޭރު އަދި އެކަލޭގެފާނު އިސްލާމްވެ ވަޑައެއް ނުގަންނަވައެވެ.
ދަތުރފުޅުގެ ވަގުތީ މަންޒިލަކީ: ޘައުރު ފަރުބަދައިގެ ހޮހަޅައެވެ.
ދަތުރު ފެއްޓެވީ: ހޮހަޅައިގައި ތިން ދުވަސް ހޭދަކުރެއްވުމަށްފަހު
ދަތުރުފުޅުގެ މަގު: އައްސޭރި މަގު. މިއީ ޢާއްމު ގޮތެއްގައި މީހުން މަދީނާއަށް ދަތުރުކޮށް އުޅުނު މަގެއްނޫނެވެ.

މިއީ ރަސޫލުﷲ ޞައްލަﷲ ޢަލައި ވަސައްލަމް އަޅުގަނޑުމެންނަށް ދެއްވި ވަރަށް މުހިއްމު ދަރެހެކެވެ. ކަންކަން ކާމިޔާބު ކުރެވޭނީ ރަނގަޅަށް ރާވައިގެންނެވެ.

އެންމެ މާތް ހިޖްރަ

އެންމެ މާތް ހިޖްރައަކީ ޝިރްކުގެ އަދިރިކަން ދޫކޮށް އިސްލާމްދީނުގެ އަލިކަމަށް ކުރާ ހިޖްރައެވެ. ނުބައިކަން ދޫކޮށް ހެޔޮކަމަށް ކުރާ ހިޖްރައެވެ. ހަލާކު ކުރަނިވި ޢަމަލުތައް ދޫކޮށް ބިނާކުރަނިވި ޢަމަލުތަކަށް ކުރާ ހިޖްރައެވެ. ބައިބައިވުންތައް ދޫކޮށް އެއްބައިވަންތަކަމަށް ކުރާ ހިޖްރައެވެ. އެހެންވީމާ އަޅުގަނޑުމެންގެ ހިތްތަކުން ﷲގެ ޙަޟްރަތަށް ހިޖްރަކުރަމާ ހިނގާށެވެ! އެކަކު އަނެކަކު ދެކެ ލޯބިވުމަށް ޓަކައެވެ. އެކަކު އަނެކަކާއެކު ހެޔޮކަންތައް ކުރުމަށް އެއްބާރު ލުމަށް ޓަކައެވެ. ޙަސަދަވެރިކަމެއް ނެތް، އަރާރުންވުމެއް ނެތް މާޙައުލެއްގައި، ޞުލްޙަމަސަލަސްކަމާއެކު ދިރިއުޅެވޭނެ ޤައުމެއް ބިނާކުރުމުގެ މައިދާނުގައެވެ. ކޮންމެ މީހަކު އޭނާގެ ދައުރު އަދާކުރުމަށް ޓަކައެވެ.


މި ގޮތުން ބަލާއިރު މުސްލިމުންގެ އައު އަހަރު ފެށޭ ދުވަހަކީ މުސްލިމުން ފާހަގަކުރާ މުހިއްމު މުނާސަބަތެކެވެ. މުޙައްރަމު މަހުގެ މުލަ ދުވަހެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މާތްﷲގެ ރިސާލަތާއި ދަޢުވަތަށް ޓަކައި އަމިއްލަފުޅު ވަޒަން ދޫކުރައްވާ މަދީނާއަށް ހިޖްރަކުރެއްވި ހިޖްރަކުރެއްވުމުގެ ހަނދާންތައް އައުވެގެންދާ ދުވަހެވެ. އިސްލާމްދީން ފެތުރިގެން ދިޔުމުގެ މަރްޙަލާގެ ދޮރޯށި ކަމުގައި ވާތީއެވެ. މުސްލިމުން އުންމަތަކަށް ހަދައިދިން ބަހާކަމުގައިވާތީއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ރިސާލަތު ޢާލަމުތަކަށް ވާޞިލްކޮށްދިން ރާސްތާ ހުޅުވައިލަދިން ތަޅުދަނޑި ކަމުގައިވާތީއެވެ.


                    

                    

                    

                    

މި ލިޔުން ކިޔާލުމުން