ދުނިޔެ
ޗައިނާއަށް ބޮޑު ތޫފާނެއްއަރައި ފެންބޮޑުވުމުގެ ޙާދިސާތަކުގައި ހަ މީހުން މަރުވެއްޖެ

ޗައިނާގައި ފެންބޮޑުވުމުގެ ކާރިސާ
ޗައިނާގެ ދެކުނަށް ބޮޑު ތޫފާނެއް އެރުމާއި ގުޅިގެން ފެންބޮޑުވުމުގެ ޙާދިސާތައް ދިމާވެ، މަދުވެގެން ހަ މީހުން މަރުވެއްޖެއެވެ. މި ޙާދިސާ ހިނގާފައިވަނީ ޗައިނާގެ ގުއަންގްޝީ ޕްރޮވިންސުގެ ފަރުބަދަތައް ކައިރީގައިވާ ރަށްތަކާއި އަވަށްތަކަށް ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ.
މިދިޔަ އަންގާރަ ދުވަހު ގުއިޒޫ ޕްރޮވިންސުގެ ރޮންގްޖިއަންގް އަދި ކޮންގްޖިއަންގް ސިޓީތަކަށް ބޮޑެތި ފެންބޮޑުވުމުގެ ކާރިސާތައް ދިމާވެފައިވާއިރު، މި ފެންގަނޑު ވަނީ ދެކުނު ޗައިނާގެ އެހެން ސަރަޚައްދުތަކަށް ވެސް ފެތުރިފައެވެ. އެގޮތުން ގުއިޒޫއިން ފެށިގެން އަންނަ ލިއު ކޯރުގެ އައްސޭރީގައިވާ ގުއަންގްޝީގެ ބައެއް ރަށްފުށުގެ ސަރަޚައްދުތަކުގައި ވެސް ވަނީ ފެންބޮޑުވެފައެވެ.
ގުއަންގްޝީގެ މެއިލިން ރަށަކީ އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަޚައްދު ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވެއެވެ. އެ ރަށުގައި ފެންގަނޑުގެ އުސްމިން އެންމެ ބޮޑަށް އުފުލުނު ވަގުތު، ސަލާމަތްވާނެކަމަށް ބެލެވޭ މިންވަރަށް ވުރެ 4 މީޓަރު (13 ފޫޓު) މަތިވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ފެންގަނޑު ހިނދި، ފެންބޮޑުވުމުގެ ނުރައްކާ ކުޑަވަމުން އަންނަ ނަމަވެސް، ދެކުނު ޗައިނާގެ ގުއިޒޫ އާއި ގުއަންގްޝީން ފެށިގެން ޗޮންގްކިންގް، ޔުނާން، އަދި ސިޗުއާން އާ ހަމައަށް ވެސް ވަނީ ދެވަނަ ދަރަޖައިގެ ކާރިސާތަކަށް، މިސާލަކަށް މަގުތައް ކަނޑައިގެންދިއުން، ބިމުގެ ކާރިސާތައް، އަދި ހައިޑްރޯ-ޑޭމްތައް ފުރިގެން ދިއުން ފަދަ ކަންކަމަށް ތައްޔާރުވެ، ސަމާލުވެފައެވެ.
ޗެންގްޑޫގެ ސައުތުވެސްޓަރން ޔުނިވަރސިޓީ އޮފް ފައިނޭންސް އެންޑް އިކޮނޮމިކްސްގެ ޕްރޮފެސަރ ޗެން ޝިއާއޮގުއަންގް ވިދާޅުވީ، އަވަށުތެރޭ ސަރަޚައްދުތަކަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަމަށާއި، ސަބަބަކީ އެ ސަރަޚައްދުތަކުގައި ބޭނުންވާ ވަރަށް އަސާސީ ޚިދުމަތްތަކާއި ވަސީލަތްތައް ނެތުންކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މިފަދަ ނިޒާމުތައް ރަށްފުށުގެ ކައުންޓީތަކުގައި ހަރުދަނާ ކުރުމަކީ އިތުރުވަމުންދާ ނުރައްކާތެރި މޫސުމުގެ ދިގުދެމިދާނެ އަސަރުތައް ކުޑަކުރުމަށް ވަރަށް މުހިއްމު ކަމެއްކަމަށެވެ.
އާންމުކޮށް ސިޓީތަކުގައި ފެންބޮޑުވުމަށް އިޖާބަ ދިނުމުގެ ޤާބިލުކަން ބޮޑު ނަމަވެސް، ހުރިހާ ސިޓީތަކެއް އެއްވަރަށް ތައްޔާރުވެފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިސާލަކަށް ރޮންގްޖިއަންގް އަކީ ކައުންޓީ ފެންވަރުގެ ސަރަޚައްދެއް ކަމުން، އެތަނުގައި ވަސީލަތްތައް އިތުރަށް މަދު ކަމަށް އޭނާ ފާހަގަކުރިއެވެ.
އަންގާރަ ދުވަހު، ތިން ކޯރު ގުޅޭ ސަރަޚައްދެއްގައި އޮންނަ ގުއިޒޫ ސިޓީގެ ރޮންގްޖިއަންގް އަށް 50 އަހަރަށް ފަހު އެއްފަހަރާ ދިމާވާ ވަރުގެ ބޮޑު ފެންބޮޑުވުމެއް ދިމާވެފައިވެއެވެ. މި ޚާދިސާގެ ސަބަބުން އެ ސިޓީގެ 300،000 ރައްޔިތުން ވަނީ ސިހިފައެވެ. ރޮންގްޖިއަންގްގައި ހުންނަ ލިއު ކޯރުގެ އެއް ބައިން ފެން ހިނގާ މިންވަރު ސިކުންތަކަށް 11،800 ކިއުބިކް މީޓަރަށް އަރާފައިވެއެވެ. މިއީ އޮލިމްޕިކް ސައިޒްގެ ފަސް ފެންގަނޑުހާ ބޮޑު މިންވަރެކެވެ. އާދައިގެ މިންވަރަށް ވުރެ 80 ގުނަ މަތިކަމަށް ރިޕޯޓްތައް ބުނެއެވެ. މި ޚާދިސާގައި މަދުވެގެން ހަ މީހުން ވަނީ މަރުވެފައެވެ.
ފެންބޮޑުވި ސަރަޙައްދުތަކުން ބޯކޮށް ހަރުލާފައިވާ ފަސްގަނޑު ނެގުމާއި، ކަރަންޓާއި، ޓެލެކޮމިއުނިކޭޝަން އަދި ފެނުގެ ވިއުގަތައް މަރާމާތުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ބުރާސްފަތި ދުވަހުގެ ރޭ ގުއަންގްޝީ އަށް އަރާނެ ކަމަށް ބެލެވޭ ޓްރޮޕިކަލް ޑިޕްރެޝަންގެ ވާރެއިން މި މަސައްކަތްތަކަށް ހުރަސް އެޅި، ނުވަތަ އަލުން ފެންބޮޑުވުމުގެ ނުރައްކާ އެބަ އޮތެވެ.
މި ޓްރޮޕިކަލް ޑިޕްރެޝަން ބުރާސްފަތި ދުވަހުގެ ކުރީކޮޅު ޗައިނާގެ ރަށު ޕްރޮވިންސެއް ކަމަށްވާ ހައިނާން އަށް އަރާފައިވާއިރު، އޭގެ ފަހުން މެއިންލޭންޑްގެ ގުއަންގްޑޮންގް އަށް އަރާފައިވެއެވެ. މީގެ ދެ ހަފްތާ ކުރިން އައި ވަޓިޕް ތޫފާނުން އަސަރުކޮށްފައިވާ މި ސަރަހައްދަށް އިތުރު ވާރޭ ވެހިފައިވެއެވެ.
މޫސުމީ ބަދަލުތަކާ ގުޅުވައިގެން މޫސުމަށް ލިބިފައިވާ ބޮޑެތި ތޫފާންތަކާއި ފެންބޮޑުވުންތަކަކީ ޗައިނާގެ އޮފިޝަލުންނަށް ދިމާވަމުންދާ ބޮޑެތި ގޮންޖެހުންތަކެކެވެ. މިކަމުގެ ސަބަބުން ގިނަ ދުވަސްވެފައިވާ ފެންބޮޑުވުމުގެ ދިފާޢީ ނިޒާމުތަކަށް ބާރުބޮޑުވެ، މިލިއަނުން މީހުން ބަދަލުކުރަން ޖެހި، ބިލިއަން ޑޮލަރުގެ އިގްތިސާދީ ގެއްލުންތައް ލިބުމުގެ ނުރައްކާ އެބަ އޮތެވެ.