Ads by Stelco

ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ހަބެއް ގާއިމްކުރުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ހަބެއް ގާއިމްކުރުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން އެމްޕަވަރމަންޓް ހަބެއް ގާއިމުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޒަކާތު ހައުސް އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން، ފޮޓޯ: ޒަކާތު ހައުސް

26 ޖޫން 2025، 08:06

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ އެމްޕަވަމެންޓު ހަބެއް ގާއިމްކުރުމާ ގުޅޭ އެއްބަސްވުމުގައި  ދިވެހިރާއްޖޭގެ ޒަކާތު ހައުސް އާއި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާ ދެމެދު ސޮއިކޮށްފިއެވެ. 

މި ހަބު ގާއިމުކުރުމުގައި ޒަކާޒު ހައުސްގެ އެހީތެރިކަމަށް އެދި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މަޝްވަރާކޮށްފައި ވަނީ މީގެ ތިން މަހެއްހާ ދުވަސްކުރިންނެވެ. އަދި މިކަމަށް އެއްބާރުލުން ދިނުމަށް ޒަކާތު ހައުސްއިން ނިންމާފައިވަނީ މިއަހަރުގެ މާރިޗު މަހުގެ 19 ވަނަ ދުވަހު ބޭއްވި ޒަކާތު ކައުންސިލްގެ ބައްދަލުވުމުގައިކަމަށެވެ. 

މި ނިންމުމާއެކު އެމްޕަވަރމަންޓް ހަބެއް ޤާއިމުކުރުމާ ގުޅޭގޮތުން ޒަކާތު ހައުސް އާއި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާއި ދެމެދު އެއްބަސްވުމެއް މިވަނީ އެކުލަވާލާފައެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިއެއްބަސްވުމުގެ މުއްދަތަކީ، މީލާދީގޮތުން 25 އަހަރުކަމަށެވެ.



މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު އައްޝައިޚް އިއްޒުއްދީން އަދްނާނެވެ. އަދި އިޖުތިމާސީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހިމް އިސްމާއިލް އަލީއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ އެމްޕަވަރަމަންޓް ހަބް ގާއިމުކުރުމުގެ ބޭނުމަކީ ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާބާދީ މިހާރު އިތުރުވަމުންދާތީ އާއި ރަސްމީ ތައުލީމު ނިންމުމަށްފަހު މުޖުތަމައުއަށް ނިކުންނަ ނުކުޅެދުންތެރި ކުދީންނާއި ތަފާތު ހުނަރުތައް ލިބިފައިވާ ނުކުޅެދުންތެރި މީހުން މުޖުތަމައުގައި އިތުރުވަމުންދާތީއެވެ. އެގޮތުން މި ހަބާއެކު، އެފަދަ މީހުންނާއި ކުދީންގެ ހުނަރު ތަރައްގީކޮށް، އިސްލާމީ ތަރުބިއްޔަތު ދިނުމާއި އިތުރަށް ބާރުވެރިކުރުމަށާއި އެފަދަ ފަރާތްތަކަށް ބޭނުންވާ ދީނީ ޕްރޮގްރާމްތަކާއި ހަރަކާތްތައް ކުރިއަށް ގެންދިއުމަށާއި އެ ފަރާތްތަކަށް މާލީ ތަނަވަސްކަން އިތުރުކުރުމުގެ ފުރުސަތު ހޯދައި ދިނުމަށްކަމަށެވެ.

މި "އެމްޕަވަރމަންޓް ހަބް" ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްއިން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ އަމާން އުދަރެސް ޓަވަރު 7 (ހުޅުމާލެ ފޭސް 2) ގެ އެއްވަނަ ފަންގިފިލާއެވެ. މި ހަބު މެދުވެރިކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެތަކަށް ފައިދާތަކެއް ކުރާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS