ފަރުދުން / ރިޕޯޓް
ދިވެހި ކަނޑުދަތުރުވެރިންގެ އުންމީދުގެ ނަލަތަރި: ކެޕްޓަން ޙުސައިން ޝަފީޤުގެ ހިތްވަރުގަދަ ދަތުރު

ކެޕްޓަން ޙުސައިން ޝަފީޤު ފޮޓޯ:ފަރުދުން
ގަދައޮޔާއި ބޮޑެތި ކަނޑުތަކުގެ މެދުގައި، ކަނޑުދަތުރުފަތުރަކީ ހަމައެކަނި ވަޒީފާއެއް ނޫނެވެ. އެއީ ދިރިއުޅުން ބަދަލުކޮށްލަދޭ ހަރުދަނާ ތަޖުރިބާއެއްކަން ކެޕްޓަން ޙުސައިން ޝަފީޤްގެ ދަތުރުތަކުން ވަނީ އެނގިފައެވެ. ކެޕްޓަން ޙުސައިން ޝަފީޤު، ކަނޑުގެ ތަޖުރިބާކާރެއް އަދި ނުގުޑާފަދަ އަޒުމެއްގައި ކެތްތެރިކަމާއި އެކު ހުންނަވާ ވަނީ އެތައް އަހަރުތަކެއް ވަންދެން ދިވެހިރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާ ބައްޓަންކުރުވައިދިން ގިނަ ބަދަލުތަކުގައިވެސް ދަތުރުކުރައްވާފައެވެ. 1990 ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން އަދި މިހާރުވެސް މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމް.އެސް.އެސް) ގެ އުޅަނދުފަހަރުގައި ޚިދުމަތްކުރަމުންދާއިރު ކެޕްޓަންގެ ކެރިއަރއަކީ ހިތްވަރާއި، ފޯރިއާއި، އަދި ޤައުމީ ޚިދުމަތަށް ދެމިހުންނަ ވަފާތެރިކަމުގެ ހެއްކެކެވެ.

ކެޕްޓަން ޙުސައިން ޝަފީޤު ބޯޓުގެ ކޮންޓްރޯލް ރޫމްގައި
ދަތުރު ފެށުން: މަޤްޞަދަކުން އުފަންވި ދާއިރާއެއް
ކެޕްޓަން ޝަފީޤު ފުރަތަމަ ކެޑެޓެއްގެ ގޮތުގައި އުޅަނދަކަށް އެރި އިރު، ދިވެހިރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާ މިއަދާ ވަރަށް ތަފާތެވެ. އެ ދާއިރާގައި ބޭރުގެ އޮފިސަރުން ގިނަވެފައި، ތަމްރީނު ލިބިފައިވާ ދިވެހި މުވައްޒަފުން މަދެވެ. މި ހުސްކަން ދެނެގަނެ، ޒުވާން ކެޕްޓަން ޝަފީޤު މި ދާއިރާއަށް ވަދެވަޑައިގަތީ އޭރު އެންމެ ބޮޑަށް މީހުން މަދުވެފައިވާ ދާއިރާތަކުގެ ތެރެއިން އެއް ދާއިރާއަކަށް ވަދެ ޤައުމަށް ޚިދުމަތްކުރުމުގެ މާތް ނިޔަތުގައެވެ.
ކެޕްޓަންގެ ކެރިއަރ ފެށުނީ ސަރުކާރުގެ ޝިޕިންގ ކުންފުނިތަކާއި އަމިއްލަ އޮޕަރޭޓަރުންނަށް އޮފިސަރުންގެ ބޭނުން ބޮޑަށް ޖެހިފައިވާ ދުވަސްވަރެއްގައެވެ. ދިވެހި ކަނޑުދަތުރުވެރިން މަދުކަން ހުރަހެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، ކެޕްޓަން އެކަން ދެކެވަޑައިގަތީ ފުރުޞަތެއްގެ ގޮތުގައެވެ . ޤައުމުގެ އަމިއްލަވަންތަކަމާއި މުސްތަޤުބަލާ ގުޅިފައިވާ ދާއިރާއެއްގައި ދިވެހިންގެ ތަމްސީލު އިތުރުކުރުމުގެ އަމިއްލަ މިޝަނެއްގެ ގޮތުގައެވެ.
މިދާއިރާގައި ބިންޤާ އެޅުއްވި އަަހަރުތައް
މި ދަތުރު އެއްގޮތަކަށްވެސް ފަސޭހައެއް ނުވިއެވެ. ކެޕްޓަން ޝަފީޤު ކުރިމަތިލާންޖެހުނު އެންމެ ފުރަތަމަ ގޮންޖެހުންތަކުގެ ތެރޭގައި ހިމެނެނީ ކަނޑުމައްޗަށް އެރުމުން ހޮޑުލެވޭގޮތް މެދުވެރިވުމެވެ. މިއީ އަލަށް ފަށައިގަންނަ ބައެއް ކަނޑުދަތުރުވެރިންނަށް ކުރިމަތިވާ ކަމެކެވެ. ގާތްގަނޑަކަށް އަހަރެއްވަންދެން، މި ޖިސްމާނީ ދަތިކަމުން ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. ނަމަވެސް ކެތްތެރިކަމާއެކު ކުރިއަށް ދިޔައެވެ. ކެޕްޓަންއަށް ލިބުނު ހެޔޮ ނަސީބަކީ ތަޖުރިބާކާރު ދިވެހި ފަޅުވެރިންނާއެކު މަސައްކަތްކުރުމުގެ ފުރުޞަތު ލިބި، އެމީހުންގެ އެހީތެރިކަމާއި ހިތްވަރު ލިބުމެވެ. އަދި އެންމެ ފުރަތަމަ އެކުގައިއ މަސައްކަތް ކުރި ކެޕްޓަންގެ އޯގާތެރި އަދި މަސައްކަތުގައި ގަވާއިދު ހިފަހައްޓާ ލީޑަރޝިޕް ގެ ސަބަބުން ކެޕްޓަންއަށް ވަނީ އުސޫލްތައް އަވަހަށް ބައްޓަންކުރުމަށް މުހިންމު މަގުތަކެއް ދައްކާފައެވެ.

ކެޕްޓަން ޝަފީޤު ފުރަތަމަ ކެޑެޓެއްގެ ގޮތުގައި އުޅަނދަކަށް އެރި އިރު، ދިވެހިރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާ މިއަދާ ވަރަށް ތަފާތު
ކެޕްޓަން އަށްވުރެ ޢުމުރުން ދޮށީ އުޅަނދުފަހަރުގައި ޚިދުމަތްކުރުމުން، އަބަދުވެސް މަރާމާތުގެ މައްސަލަތަކާ ކުރިމަތިވިއެވެ. މަސައްކަތުގެ ބުރަކަން ބޮޑުވެ، މަސްއޫލިއްޔަތުތައް ގިނަވިއެވެ - ނަމަވެސް އެކަންކަމަކީ އަގުހުރި ފިލާވަޅާއި ތަޖުރިބާތަކަކަށް ވެގެން ދިޔައެވެ. ވަޑާމުގެ މަސައްކަތުން ފެށިގެން ވެލްޑިްޑިންގއާ ހަމައަށް، ކެޕްޓަން ޝަފީޤު އުޅަނދު މަރާމާތުކުރުމުގެ ޢަމަލީ ފަހުމެއް ހޯއްދެވިއެވެ. އެއީ ފަހުން ލީޑަރޝިޕަށް ބޭނުންކުރެވުނު ވަރުގަދަ ބިންގަލަކަށް ވެގެންދިޔަ ކަމެކެވެ. ކެޕްޓަން ދަސްކުރެއްވީ ހަމައެކަނި ކަނޑުމަތީގައި މަސައްކަތްކުރުމެއް ނޫނެވެ. އޭގެ އިތުރުން ލީޑުކުރަން، މަރާމާތުކުރަން، އިރުޝާދު ދޭން، އަދި އިލްހާމް ދޭންވެސް ދަސްކުރެއްވިއެވެ.
މިސްރާބެއްގެ ގޮތުގައި ތަޢުލީމު: ސިނެކް އަދި ކުރިއެރުމުގެ މަގު
ތަޖުރިބާ ލިބެމުންދިޔަ ނަމަވެސް، ކެޕްޓަން ވަނީ މުހިންމު އެއް ޙަޤީޤަތެއް ދެނެގަނެފައެވެ. އެއީ މި ދާއިރާގައި ކުރިއަށްދިއުމަށް، ރަސްމީ ތަޢުލީމެއް ބޭނުންވާކަމެވެ. އެހެންކަމުން އިތުރަށް ކިޔެވުމަށް ނިންމެވިއެވެ. ދުނިޔޭގެ އެކި ތަންތަނުގައި ހުރި ގިނަ މަރުކަޒުތަކެއް ބެއްލެވުމަށްފަހު، ޚިޔާރުކުރެއްވީ ސްރީލަންކާގެ ކޮލޮމްބޯ އިންޓަރނޭޝަނަލް ނޯޓިކަލް އެންޑް އިންޖިނިއަރިންގ ކޮލެޖް (ސިނެކް) އެވެ މިއީ ކެރިއަރގައި ބޮޑު ބަދަލެއް ގެނުވި ނިންމުމެކެވެ.
ސިނެކްއިން ލިބުނީ ދުނިޔޭގެ ފެންވަރުގެ ތަމްރީނާއި ސަނަދުތަކެކެވެ. އޭގެ ސަބަބުން ފަހުން ބައިނަލްއަޤްވާމީ އުޅަނދުފަހަރުގައި ޚިދުމަތްކުރުމުގެ ފުރުޞަތު ލިބުނެވެ. އެއީ ކުރިން ދުރުގައި އޮތް ކަމަށް ހީވެފައިވާ ދޮރުތަކާއި ފުރުޞަތުތައް ހުޅުވިގެން ދިޔަ ކަމެކެވެ. މިއަދާ ހަމައަށްވެސް ކެޕްޓަން ޝަފީޤު ސިނެކްއިން ލިބުނު ތަމްރީނަކީ ޕްރޮފެޝަނަލް ތަރައްޤީގެ މައިގަނޑު ބިންގަލެއްކަމުގައި ފާހަގަކުރައްވައެވެ. އެއީ ހަމައެކަނި ބޭރުގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބުމުން އެކަންޏެއްނޫނެވެ. އަދި ރާއްޖެއަށް އެނބުރި ވަޑައިގެން ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާ އުސްމިންތަކަކަށް ގެންދިއުމަށް ބޭނުންވާ ހުނަރާއި މިންގަނޑުތައް ގެނައުމަށްވެސް މެއެވެ.
ބޭރުގައި ދަތުރުކުރުން: އޯލްޑެންޑޯފް ކެރިއަރސްއިން ލިބުނު ފިލާވަޅުތައް
ކެޕްޓަން ޝަފީޤުގެ ކަނޑުދަތުރުފަތުރުގެ ދަތުރު ގެންދެވީ ދިވެހިރާއްޖޭގެ ކަނޑުތަކުން ވަރަށް ދުރަށެވެ. ކެޕްޓަން ވަނީ ޖަރުމަނުވިލާތުގެ އެންމެ ނަން މަޝްހޫރު ޝިޕިންގ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏެއް ކަމަށްވާ އޯލްޑެންޑޯފް ކެރިއަރސް ގައި މާސްޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. އެތަނުގައި ކެޕްޓަން ވަނީ ވާދަވެރި ދުނިޔޭގެ މާޙައުލަކަށް ހުށައެޅިފައެވެ. އެތަނުގައި މަސައްކަތްކުރެއްވީ އެކި ޘަޤާފަތްތަކާއި ޤައުމުތަކުން އައިސްފައިވާ ފަޅުވެރިންނާ އެކުގައެވެ. މި ތަޖުރިބާއިން ޒިންމާދާރުކަމުގެ އިޙްސާސް އިތުރުވެ، ޖަވާބުދާރީވުމުގެ އަގު ދަސްވެ، އަދި ޕްރެޝަރުގެ ދަށުން މައްސަލަ ޙައްލުކުރުމުގެ ހުނަރު ވަރުގަދަވެގެން ދިޔައެވެ.
ގިނަ ޘަޤާފަތްތަކުގެ ޓީމުތަކާއެކު މަސައްކަތްކުރުމުން ފެށިގެން ހީނުކުރާފަދަ އޮޕަރޭޝަނަލް ގޮންޖެހުންތަކާ ކުރިމަތިލުމާ ހަމައަށް، ކެޕްޓަން ޝަފީޤު ކޮންމެ ފިލާވަޅެއް ދަސްކުރެއްވިއެވެ. އަދި ދިވެހިރާއްޖެއަށް އެނބުރި ވަޑައިގަތީ ހަމައެކަނި ތަޖުރިބާކާރު ކަނޑުދަތުރުވެރިއެއްގެ ގޮތުގައެއް ނޫނެވެ. ރާއްޖޭގައި މިދާއިރާއަށް ހިދުމަތްކުރައްވާ އާގޮތްތަކެއް އުފެއްދުމަށް ތައްޔާރުވެފައިވާ މެންޓަރެއް އަދި ލީޑަރެއްގެ ގޮތުގައެވެ.
ދަތިހާލަތުގެ ވަގުތުގައި ޚިދުމަތް: ކޮވިޑް-19 ގެ ގޮންޖެހުން
ކެޕްޓަންގެ ކެރިއަރ ބައްޓަންވެގެން ދިޔަ އެތައް ތަޖުރިބާތަކެއްގެ ތެރެއިން، އެއް ތަޖުރިބާ ހަނދާނުން ފުހެލަން ދަތިކަމަސް ފާހަގަކުރެއްވިއެވެ.އެއީ ކޮވިޑް-19 ބަލިމަޑުކަމުގެ ދުވަސްވަރެވެ. 2020 ވަނަ އަހަރުގެ ޖަނަވަރީ މަހު އުޅަނދަށް އެރުމަށްފަހު، ކެޕްޓަން ޝަފީޤު ޖެހިވަޑައިގަތީ ދުނިޔެ ބަންދުވެފައިވާ ޙާލަތެއްގައި ބޯޓުގައި މަސައްކަތް ކުރާށެވެ. ދުނިޔެ ޔަޤީންކަން ނެތް ޙާލަތަކަށް ވެއްޓުމާއެކު، އުޅަނދުގެ މާޙައުލު ބަދަލުވެގެން ދިޔައެވެ. ޚާއްޞަކޮށް އެއް ފަޅުވެރިއަކު ވަރަށް ބޮޑަށް ކަންބޮޑުވިއެވެ. އެއީ އޭނާގެ މައިންބަފައިން ދެމީހުންވެސް ހޮސްޕިޓަލްގައި އެނދުމަތިވެފައި އަދި އަނބިމީހާ ތުއްތު ދަރިފުޅާއިއެކު ރަށުބަނދުވުމާއި އެކު ،އޭނާ ކަނޑުމަތީގައި މަޑުކުރަން ޖެހި، އާއިލާގެ ގާތަށް ދެވެން ނެތުމުން ކުރިމަތިވި ނަފްސާނީ އުނދަގޫތަކާއި ކުރިމަތިލާން ޖެހުމެވެ.
މި ހުރަސްތަކުގެ މެދުގައިވެސް، ކެޕްޓަން ޝަފީޤު އެ ފަޅުވެރިޔާއަށް އެހީތެރިވުމަށް އިތުރު މަސައްކަތްތަކެއް ކުރެއްވިއެވެ .ހިތްވަރު ދެއްވައި، އަދި އެހެން ފަޅުވެރިންނާއެކު ގުޅިގެން މަސައްކަތްކުރުމަށް ބާރުއަޅުއްވައެވެ. މިއީ ދުނިޔޭގެ ހުރިހާ ކަނޑުދަތުރުވެރިންނަށްވެސް ވަރަށް ދަތި ދުވަސްވަރެކެވެ. އަދި މި ވަގުތު ކެޕްޓަންގެ ހިތްޕުޅަށް ވަރަށް ބޮޑު އަސަރެއް ކުރިއެވެ. މިއީ ހަމައެކަނި އުޅަނދެއް ހިންގުމުގެ މައްސަލައެއް ނޫނެވެ. މިއީ އުޅަނދުގައި ތިބި މީހުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ބެލެހެއްޓުމުގެ ޒިންމާއެކެވެ. އެއީ ކެޕްޓަން އެއްވެސް އިރެއްގައި ފަރުވާކުޑަ ނުކުރައްވާ ޒިންމާއެކެވެ.
ދާއިރާ ބަދަލުވެގެން އައި ގޮތް : ސެކްސްޓަންޓުން ފެށިގެން ސެޓެލައިޓަށް
އެތައް އަހަރުތަކެއްގެ ތެރޭގައި، ކަނޑުދަތުރުފަތުރުގެ ދާއިރާއަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އަދި ކެޕްޓަން ޝަފީޤު ވަނީ މި ހުރިހާ ބަދަލުތަކެއް ދެކެވަޑައިގެންފައެވެ. 1990 ގެ އަހަރުތަކުގައި، އުޅަނދުގެ އިންޖީނުތައް ކޮންޓްރޯލްކުރަނީ ޓެލެގްރާފް ނިޒާމުތަކުންނެވެ. އަދި އުޅަނދުގެ ޕޮޒިޝަން ހިސާބުކުރަނީ ސެކްސްޓަންޓް ބޭނުންކޮށްގެންނެވެ. ޖީ.ޕީ.އެސްއެއް ނެތެވެ. އިލެކްޓްރޯނިކް ޗާޓުތަކެއް ނެތެވެ. އަދި ހުންގާނު ހިފެހެއްޓުމުން ފެށިގެން ނެވިގޭޝަނާ ހަމައަށް ހުރިހާ ކަމެއް ކުރަނީ އަތުންނެވެ.
މިއަދު، މި ދާއިރާ ވަނީ ހައި-ޓެކް އޮޓޮމޭޝަނަށް ބަދަލުވެފައެވެ. އުޅަނދުފަހަރުގައި މިހާރު ހުންނަނީ އޮޓޮމޭޓެޑް ރާޑާ ސިސްޓަމްތައް، ސެޓެލައިޓް ޖީ.ޕީ.އެސް، އޮޓޯޕައިލެޓް ފަންކްޝަންތައް، މީހުން ބޭނުންނުވާ (އަންމޭންޑް) އިންޖީނު ރޫމްތައް، އަދި ރިއަލް-ޓައިމް ޕޮޒިޝަން ފިކްސިންގް ޑިސްޕްލޭތައް އެކުލެވެއެވެ.
ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު ފަޅުވެރިންގެ އަދަދު ދެބައިކުޅައެއްބަޔަށް މަދުވެފައިވެއެވެ. ކެޕްޓަން ޝަފީޤުގެ ވިދާޅުވުމުގައި، މި އައު އީޖާދުތަކުން އޮޕަރޭޝަންތައް ވަނީ އިތުރަށް ހަރުދަނާވެފައެވެ. ނަމަވެސް އޭގެ ސަބަބުން ކަނޑުދަތުރުވެރިންނަށް މަތީ ފެންވަރުގެ ތަމްރީނާއި ބަދަލުތަކަށް އަހުލުވެރިވުމުގެ ޤާބިލުކަން ބޭނުންވެއެވެ.

ކެޕްޓަން ޝަފީޤު ސިނެކްއިން ލިބުނު ތަމްރީނަކީ ޕްރޮފެޝަނަލް ތަރައްޤީގެ މައިގަނޑު ބިންގަލެއްކަމުގައި ފާހަގަކުރައްވާ
ކެޕްޓަން ފާހަގަކުރެއްވި ގޮތުގައި އައިއެސްއެމް ކޯޑުގެ ސަބަބުން ދުނިޔޭގައި ހުރި ބާބޯޓުފަހަރުތައް ފޭސްއައުޓްވެ، އައު ބޯޓުފަހަރު ދުއްވަން އުޅަނދުވެރިންނަށްވެސް މަޖުބޫރުވިއެވެ. އޭގެފަހުން މެއިންޓެނެންސް ރަނގަޅަށް ބަލަހައްޓާ، ސިސްޓެމެޓިކް މާހައުލެއްގެ ތެރޭގައި ހުރިހާ ބޯޓެއްވެސް ގެންގުޅެން ފެށިއެވެ. ޕޯޓްސްޓޭޓް ކޮންޓްރޯލް ތައް އަރާ ބޯޓުތަކުގައި ހުންނަ މައްސަލަތައް ހޯދާ، އެ މައްސަލަތަކަށް އެޑްވައިސްކުރަން ފެށުނެވެ. އިންޓަރނޭޝަނަލް ސޭފްޓީ މެނޭޖްމަންޓް (އައިއެސްއެމް) އަކީ މި އިންޑަސްޓްރީއަށް އައި ވަރަށް ބޮޑު ބަދަލެއްކަމުގައި ކެޕްޓަން ޝަފީޤް ފާހަގަކުރެއްވިއެވެ. އޭގެފަހުން އައި އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ކޯޑުގެ ސަބަބުންވެސް ސެކިއުރިޓީއަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދިޔައެވެ. އެއާއެކު އެންމެ ފަހުން އައި މެރިޓައިމް ލޭބަރ ކޮންވެންޝަން (އެމް.އެލް.ސީ) އައުމާއެކު ޚާއްސަކޮށް ކްރޫއިން މަސައްކަތް ކުރާ ކޮންޓްރެކްޓްގެ މުއްދަތު ވަރަށް ބޮޑަށް ދަށްކުރެވުނެވެ.
ކުރީގައި، 1990 ގެ އަހަރުތަކުގައި ދަތުރު ކުރަން ފެށިއިރުގައި، ކްރޫއަކު ދެ އަހަރު ނުވަތަ ތިން އަހަރުވަންދެންވެސް ބޯޓުގައި ހުރެވިދާނެ، މިހާރު އެހެން ނުބެހެއްޓޭނެ، އެންމެ ގިނަވެގެން ބޯޓުގައި ހުރެވޭނީ ބާރަ މަސްދުވަސް، ދެން އާދަކޮށް ސީނިއަރ އޮފިސަރުންނަށް މިހާރު މިއޮންނަނީ ތިން މަސް ނުވަތަ ހަތަރު މަހުގެ ކޮންޓްރެކްޓް ، ޖޫނިއަރ އޮފިސަރުންނަށް ހަ މަސް ދުވަހުގެ ކޮންޓްރެކް އަދި ކްރޫއިންނަށް މިއިންނަނީ ނުވަ މަސް ދުވަހުގެ ކޮންޓްރެކް، މިހެން ކުންފުނިތަކުގައި މިހާރު ގެންގުޅެމުންދަނީ، މިހާރު ސީނިއަރުންނަކީވެސް އާއިލާއާއި ދުރުގައި އެހާ ގިނަ ދުވަހު ތިބޭ ބައެއް ނޫން، ހަމަ މަސައްކަތް ކޮށްލާފައި އައިސް އާއިލާ ކައިރީގައިވެސް އެމީހުންނަށް ވަގުތު ލިބޭ، ކުރިއާ ޚިލާފަށް
ކެޕްޓަން ޙުސައިން ޝަފީޤް
އެމް.އެސް.އެސްގައި މިހާރުގެ ދައުރު އަދި ޒިންމާ
މިހާރު އެމް.އެސް.އެސް ގްރަފިން ގެ މާސްޓަރުގެ ގޮތުގައި ޚިދުމަތްކުރައްވަމުން، ކެޕްޓަން ޝަފީޤު ދަތުރުކުރައްވަނީ ކޮލޮމްބޯ-މާލެ ރޫޓުތަކުގައެވެ. މި ރޫޓުތަކަކީ ވައްކަމާއި ވަގުފާރިއާއި ނުވަތަ މޫސުމީ ކާރިސާތަކުގެ ނުރައްކާތަކުން ނިސްބަތުން ރައްކާތެރި ކަމަށް ބެލެވޭ ފަސޭހަ ރޫޓުތަކެއް ނަމަވެސް، ދަތުރުމަތީގައި ލިބޭ ވަގުތު ކުޑަވުމުން، އިތުރަށް ފަރުވާތެރިކަމާއި، ވިސްނުންތެރިކަމާއި އެކު ބޯޓުގެ ޕްލޭންޑް މެއިންޓެނެންސް އަބަދުވެސް ކުރަން ބޭނުންވެއެވެ. މިއީ ބޯޓުގެ އޮޕަރޭޝަނަލް ސޭފްޓީ އަދި މެއިންޓެނެންސް ރަނގަޅަށް ބެހެއްޓުމަށް ޤަވާއިދުން ކުރަންޖެހޭ ކަމެކެވެ. ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ގައި، ކެޕްޓަނާއި ޑިޕާޓްމަންޓް ހެޑުން އެއްވެ ބްރީފިންގ ބާއްވައެވެ. މިގޮތުން ކޮންމެ މީހަކަށްވެސް މަސައްކަތުގެ ޕްލޭން އެނގި، ބަނދަރުތަކުގައި ޢަމަލުކުރަންޖެހޭ ޤަވާޢިދުތަކަށް ތަބާވެ، އަދި އުޅަނދާއި މުދާ އެންމެ ރަނގަޅު ޙާލަތުގައި ބެލެހެއްޓޭކަން ޔަޤީންކުރެވެއެވެ.
ކެޕްޓަންގެ ފުޅާ ތަޖުރިބާއާއެކުވެސް، އަދިވެސް ދެމިހުންނަވަނީ އަމަލީގޮތުން މަސައްކަތްކުރައްވާ އަދި ކުރިއަށް ވިސްނާވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައެވެ. ކެޕްޓަންގެ އުޅަނދުގައި ސަލާމަތާއި ރައްކާތެރިކަމުގެ، ތަމްރީނުގެ، އަދި މަސައްކަތުގެ އަޚްލާޤުގެ އެންމެ މަތީ މިންގަނޑުތައް ހިފަހައްޓަވައެވެ.
ނިޒާމުގެ ހުސްކަން: ދިވެހި ކަނޑުދަތުރުވެރިންނަށް ލިބޭ މަންފާތަކާއި ހުރަސްތައް
ކެޕްޓަން ޝަފީޤު ފާހަގަކުރައްވާ އެންމެ މުހިންމު އެއް މައްސަލައަކީ ދިވެހިރާއްޖޭގައި ކަނޑުދަތުރުވެރިން މާލީގޮތުން އެކަހެރިވެފައިވާ މައްސަލައެވެ. އެމީހުން މަސައްކަތްކުރަނީ ބޭރުގެ ނުވަތަ ރާއްޖޭގެ ކުންފުނިތަކުގައި ކަމުގައިވިޔަސް، ގިނަ ކަނޑުދަތުރުވެރިންނަކީ ދާއިމީ ވަޒީފާއެއް ނެތް ބައެއްގެ ގޮތުގައި ދެކެވޭތީ، ލޯނު ނެގުމަށް ޝަރުޠު ހަމަނުވާ ބައެކެވެ. މިއީ މި ދާއިރާގައި ދިގު މުއްދަތެއް ވަންދެން އޮތް ޝަކުވާއެއްކަމުގައި ފާހަގަކުރައްވައެވެ.
އެހެންނަމަވެސް، އެމް.އެސް.އެސް މެެދުވެރިކޮށް ސަރުކާރުގެރިޓަޔަރމަންޓް ސްކީމްގައ ބައިވެރިވެވޭކަން އުފަލާއެކު ފާހަގަކުރައްވައެވެ. ކެޕްޓަންގެ ޚިޔާލުފުޅުގައި މިއީ މި ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ގެނެސްދޭ ކަމެކެވެ.
ޙިކުމަތުގެ ބަސްތައް: ދިވެހި ޒުވާނުންނަށް ގޮވާލުމެއް
ކެޕްޓަން ޝަފީޤު ޤަބޫލުފުޅުކުރައްވާ ގޮތުގައި ދިވެހި ޒުވާނުންނަށް ކަނޑުދަތުރުފަތުރުގެ ދާއިރާގައި ވަރަށް ބޮޑު ޤާބިލުކަމެއް ލިބިފައިވެއެވެ. ނަމަވެސް އެ ޤާބިލުކަން ބޭނުންކުރުމަށް، އެމީހުން ބޮޑަށް ވިސްނަންޖެހެއެވެ. ކެޕްޓަން ޒުވާނުންނަށް ގޮވާލައްވަނީ ބޮޑެތި ބައިނަލްއަޤްވާމީ ކުންފުނިތަކާ ގުޅި، ދުނިޔޭގެ މިންގަނޑުތަކަށް ހާމަވެ، އަދި އޭގެ ފަހުން އަނބުރާ ރާއްޖެއަށް އައިސް ރާއްޖޭގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވުމަށެވެ. ކެޕްޓަންގެ މެސެޖަކީ ސާދާ ނަމަވެސް ބާރުގަދަ މެސެޖެކެވެ: "ދުނިޔެއިން ދަސްކޮށްގެން، އަނބުރާ އައިސް ބިނާކުރާށެވެ."
ކެޕްޓަން އިތުރަށް ފާހަގަކުރައްވަނީ އިތުބާރުހުރި ތަމްރީނާއި ސަނަދުތަކުގެ މުހިންމުކަމެވެ. ދިވެހިރާއްޖޭގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ މެދުވެރިކޮށް ތަމްރީނު މަރުކަޒެއް އަދި ސިމިއުލޭޓަރތައް ހުރި ނަމަވެސް، ދިވެހިރާއްޖެ ކަނޑުދަތުރުފަތުރުގެ ތަޢުލީމުގެ އިތުބާރުހުރި ނަމަކަށް ހެދުމަށް އަދިވެސް ދުރު މަގެއް ދަތުރުކުރަން އެބައޮތެވެ. ކެޕްޓަންގެ އެންމެ ބޮޑު އުންމީދަކީ ދިވެހިރާއްޖޭގެ ސަނަދުތައް ދުނިޔޭގެ ފެންވަރުގައި ބަލައިގަނެވޭ ދުވަހެއް އައުމެވެ. އެއީ ރާއްޖޭގެ ޒުވާނުންނަށް ކަނޑުދަތުރުފަތުރުގެ ދާއިރާގައި ވަޒީފާގެ މުސްތަޤުބަލު ބަދަލުކޮށްދޭނެ ލަނޑުދަނޑިއެކެވެ.

އަޅުގަނޑުގެ މަންޒިލް ކުރިމަތިން ފެނޭ، އަދިވެސް މަންޒިލަށް ވާސިލްވާން މަސައްކަތްކުރަމުން މިދަނީ
ކަނޑުދަތުރުވެރިއެއްގެ ތަރިކަ، ޤައުމީ ލޯބީގެ ތަޞައްވުރު
ކެޕްޓަން ޙުސައިން ޝަފީޤުގެ ވާހަކައަކީ ހަމައެކަނި ކެރިއަރގެ ޕްރޮފައިލެއް ނޫނެވެ. އޭގެ ބަދަލުގައި ޤައުމީ ޚިދުމަތުގެ، ދުނިޔޭގެ ތަޖުރިބާގެ، އަދި ހިތުގެ އަޑިން ކުރާ މެންޓަރޝިޕްގެ ތަރިކައެކެވެ. ކެޕްޓަންގެ ދަތުރު، އުންމީދީ ކެޑެޓެއްގެ ގޮތުން ފެށި، ކާމިޔާބު މާސްޓަރ މެރިނަރއެއްގެ ގޮތުގައި ނިމުމަކީ ވަފާތެރިކަމާއި، ތަޢުލީމާއި، އަދި ތެދުވެރިކަމުން ޙާޞިލުކުރެވޭނެ ކަންތައްތަކުގެ މިސާލެކެވެ. ކަނޑުމަތީގައި އެތައް އަހަރެއް ހޭދަކުރުމަށްފަހުވެސް، ކެޕްޓަން ވިދާޅުވަނީ އަދިވެސް މަންޒިލަށް ވާޞިލުނުވާ ކަމަށެވެ. "އަޅުގަނޑުގެ މަންޒިލް ކުރިމަތީގައި ފެނޭ، އަދިވެސް މަންޒިލަށް ވާސިލްވާން މަސައްކަތްކުރަމުން މިދަނީ " ކެޕްޓަން ވިދާޅުވެއެވެ.