ދުނިޔެ

ސަޢޫދީ ޢަރަބިއްޔާގެ ކުދި ފިހާރަތަކުން ދުންފަތާއި، ކަދުރު، މަސް އަދި ތަރުކާރީ ވިއްކުން މަނާކޮށްފި

ސަޢޫދީ ޢަރަބިއްޔާގެ ކުދި ފިހާރަތަކުން ދުންފަތާއި، ކަދުރު، މަސް އަދި ތަރުކާރީ ވިއްކުން މަނާކޮށްފި

ސަޢޫދީ ފިހާރައެއްގެ ތެރެ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ޖޫން 2025، 12:37

25 ޖޫން 2025، 12:37

ސަޢޫދީ ޢަރަބިއްޔާގެ ގްރޮސަރީ ފިހާރަ ނުވަތަ ކުދި ފިހާރަތަކުން، ދުންފަތުގެ ބާވަތްތަކާއި، ކަދުރު، މަސް، މޭވާ އަދި ތަރުކާރީ ވިއްކުން މަނާކޮށްފިއެވެ. މި ނިންމުން ނިންމަވާފައިވަނީ ސަޢޫދީގެ މުނިސިޕަލް އަދި ހައުސިންގ މިނިސްޓަރު މާޖިދު އަލް-ހޮގައިލް ނެރުއްވި އާ ގަވާއިދުތަކުގެ ތެރެއިންނެވެ.

މި ޤަވާއިދުތަކަށް މިހާރުން މިހާރަށް ޢަމަލުކުރަން ފަށާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. ނަމަވެސް، މިހާރު ހިންގަމުންދާ ކުދި ފިހާރަތަކަށް، މި އަމުރު ތަންފީޒުކުރުމަށްޓަކައި އެންމެ ގިނަވެގެން 6 މަސް ދުވަހުގެ ފުރުސަތެއް ދެވޭނެއެވެ.

އާ ގަވާއިދުތަކުގެ ދަށުން، ކިއޮސްކްތަކާއި، ކުދި ފިހާރަތަކާއި، މިނި މާކެޓްތަކުން ކަދުރު، މަސް، މޭވާ، ތަރުކާރު، އަދި ދުންފަތުގެ ބާވަތްތައް، އޭގެ ތެރޭގައި އާދައިގެ ސިނގިރޭޓާއި، އިލެކްޓްރޯނިކް ސިނގިރޭޓާއި، ޝީޝާ ފަދަ ތަކެތި ވިއްކުން މަނާކުރެވިފައިވެއެވެ. މި ބާވަތްތައް ވިއްކުމުގެ ހުއްދަ ދެވިފައިވަނީ ސުޕަމާކެޓް ފަދަ ބޮޑެތި ފިހާރަތަކަށެވެ. އެގޮތުން، މަސް ވިއްކަންވާނީ ވަކި ލައިސަންސެއްގެ ދަށުންނެވެ. ހައިޕަރމާކެޓްތަކަށް މި ހުރިހާ ބާވަތްތަކެއް ވިއްކުމުގެ ހުއްދަ ދެވިފައިވެއެވެ.

މީގެ އިތުރުން، މި އާ އިސްލާހުތަކުގެ ސަބަބުން ކުދި ފިހާރަތަކާއި، ސުޕަމާކެޓްތަކާއި، ހައިޕަރމާކެޓްތަކަށް ޗާޖަރު ކޭބަލްތަކާއި، ޕްރީޕެއިޑް ރީޗާޖް ކާޑުފަދަ ތަކެތި ވިއްކުމުގެ ހުއްދަ ލިބިގެންދެއެވެ.

ހަމައެހެންމެ ވިޔަފާރި ކުރާ ތަންތަނަށް ވަކި މިންތަކެއް ވަނީ ކަނޑައަޅާފައެވެ. ކުދި ފިހާރަތަކަށް އެންމެ ކުޑަވެގެން 24 އަކަ މީޓަރު ކަނޑައަޅާފައިވާއިރު، ސުޕަމާކެޓްތަކުގެ އެންމެ  ކުޑަމިނަކަށް 100 އަކަ މީޓަރު ކަނޑައަޅާފައިވެއެވެ. ހައިޕަރމާކެޓްތަކުގެ އެންމެ ކުޑަ ކުޑަ މިނަކީ 500 އަކަ މީޓަރެވެ.

މި އާ ގަވާއިދުތަކުގެ މަޤްޞަދަކީ ސަޢޫދީގެ ވިޔަފާރިތަކުގެ އޮނިގަނޑު ހަރުދަނާކޮށް، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުން ކަމަށް މިނިސްޓްރީން ބުނެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS