ދުނިޔެ
ޔޫކްރެއިންގެ ފަރާތުން ޓްރަމްޕްގެ ނޯބެލް ނޮމިނޭޝަން އަނބުރާ ގެންގޮސްފި

އޮލެކްސަންޑަރ މެރެޒްކޯ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ނޯބެލް ސުލްހައިގެ އިނާމަށް ނޮމިނޭޓްކުރި ނަން، ޔޫކްރެއިންގެ އިސް ގާނޫނުހަދާ ބޭފުޅެއް ކަމަށްވާ އޮލެކްސަންޑަރ މެރެޒްކޯ އިއްޔެ ވަނީ ރަސްމީކޮށް އަނބުރާ ގެންގޮސްފައެވެ. ސުލްހައިގެ މަޝްވަރާތައް ދަށްވެ، ޓްރަމްޕްގެ ސަމާލުކަން މެދުއިރުމަތީގެ މައްސަލަތަކަށް ބަދަލުވެފައިވާތީ މެރެޒްކޯވަނީ އޭނާއަށް އުންމީދު ގެއްލިފައިވާކަމަށް ބުނެފައެވެ.
ޔޫކްރެއިންގެ ޕާލިމެންޓުގެ ފޮރިން ކޮމިޓީގެ، މެރެޒްކޯ މީޑިއާއަށް ވިދާޅުވީ، ޔޫކްރެއިން-ރަޝިއާ ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕްގެ ކެރިފޯރުންތެރިކަމާމެދު އޭނާގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ. މެރެޒްކޯ ޓްރަމްޕް ނޮމިނޭޓްކުރީ ނޮވެންބަރު މަހުގައެވެ. ނަމަވެސް އޭނާ ވިދާޅުވީ، ކަންބޮޑުވުމާއި ހިތްހަމަނުޖެހުން އިތުރުވެފައިވާތީ ހޯމަ ދުވަހުގެ ހެނދުނު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
ޓްރަމްޕް ޖެނުއަރީ މަހު ވައިޓް ހައުސްއަށް އަލުން ވަދެވަޑައިގެންނެވީ، ޔޫކްރެއިން ހަނގުރާމަ 24 ގަޑި އިރުގެ ތެރޭގައި ނިންމާލާނެކަމަށް ވައުދުވެވަޑައިގެންނެވެ. ނަމަވެސް މި އުންމީދުތައް ދިޔައީ ފެނަށެެވެ. ހަފްތާތަކަށްފަހުވެސް އެއްވެސް ކުރިއެރުމެއް ނެތުމުން ޓްރަމްޕް ހިތްހަމަނުޖެހި، މޮސްކޯއާއި ކީވްއާ ދެމެދު މަޑުމަޑުން ކުރިއަށްދިޔަ މަޝްވަރާތަކުގައި އޭނާގެ "ސުލްހަވެރިކަމުގެ އެންމެ އިސްފަރާތް" ކަމަށްވާ މަޤާމު ދޫކޮށްލިއެވެ.
މާޗް މަހު ޔޫކްރެއިންއިން އެމެރިކާގެ ހުށަހެޅުމަކަށް އެއްބަސްވި ނަމަވެސް، ރަޝިއާ އަދިވެސް އެއްބަސްވެފައިނުވާތީ އެއްބަސްވުމުގައި ސޮއިކޮށްފައެއް ނުވެއެވެ. ބައެއްމީހުން ފާހަގަކުރާ ގޮތުގައި، ޓްރަމްޕް ކްރެމްލިންއާ ގާތްވަމުންދާއިރު، އެމެރިކާ ވަނީ ރަޝިއާއަށް އަލަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ފަސްޖެހިފައެވެ. މެރެޒްކޯ ޓްރަމްޕްއަށް ތުހުމަތުކުރީ، ފިޔަވަޅު ނޭޅުމަށްޓަކައި މަކަރު ހަދަމުންދާ ކަމަށާއި، "އޭނާ ކުރަންޖެހޭ ކަންކަމުން ދުރުހެލިވަމުން ދަނީ" ކަމަށެވެ.
މޭ މަހުގެ ފަހުކޮޅު ޓްރަމްޕް ރަޝިއާއަށް އިންޒާރުދެއްވީ ދެ ހަފްތާގެ ތެރޭގައި ސީރިއަސްކަން ދައްކަން ނޫންނަމަ އެމެރިކާގެ ރައްދު ތަފާތުވާނެ ކަމަށެވެ. ނަމަވެސް ދެ ހަފްތާގެ މުއްދަތު ހަމަވިއިރުވެސް ކުރިއެރުމެއް ނެތެވެ. ކުރީގެ ބްރިޓިޝް ޑިފެންސް އެޓޭޗީ ޖޯން ފޯމަން ވިދާޅުވީ، ޕުޓިން ޓްރަމްޕްގެ އިންޒާރު ސީރިއަސްކޮށް ބަލައިގެންފައި ނުވާނެ ކަމަށެވެ. މެރެޒްކޯ އިތުރަށް ވިދާޅުވީ، ކީވްއަށް ދިން ބޮޑެތި ހަމަލާތަކަށް ޓްރަމްޕް "އެއްވެސް ރައްދެއް ނުދޭ" ކަމަށާއި، އޭނާއަށް ތުހުމަތުކުރީ ކުރިމަތިލުމުގެ ބަދަލުގައި މަޑުމައިތިރިކަން އިހްތިޔާރުކުރުން ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހު ޓްރަމްޕް ހޭގަށް ވަޑައިގަތީ ނޭޓޯގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެއަށްވުރެ އެތައް ގަޑިއިރެއް ކުރިން އީރާނާއި އިސްރާޢީލާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޭނާ ވަނީ ހަދައިދެއްވާފައެވެ. ޓްރަމްޕް ޓްރޫތު ސޯޝަލްގައި ލިޔުއްވީ "މިކަމާ ހިލާފު ނުވާށެވެ!" މި ހަނގުރާމަ ހުއްޓާލުން ދެމެހެއްޓުމަށް އީރާނާއި އިސްރާޢީލަށް ބާރުއަޅަމުންދާކަމަށެވެ.އީރާނުން ހަނގުރާމަ ހުއްޓާލުމާ ހިލާފުނުވާ ކަމަށް ބުނެފައިވާއިރު، އިސްރާޢީލުގެ ދިފާޢީ ވަޒީރު ކާޓްސް ވަނީ ތެހެރާންގެ އަމާޒުތަކަށް ހަމަލާ ދިނުމަށް އަމުރުކޮށް، އެއީ ވަރުގަދަ ރައްދެއް ކަމަށް ވިދާޅުވެފައެވެ.
މިދިޔަ ހުކުރު ދުވަހު ޕާކިސްތާން ސަރުކާރުން ބުނީ، އިންޑިއާ-ޕާކިސްތާންގެ ފަހުގެ ހަމަޖެހުންތަކުގައި ޓްރަމްޕްގެ "ނިންމުންތަކުގައި އަސަރުގަދަ ޑިޕްލޮމެޓިކް ހަރަކާތްތަކުގެ" ސަބަބުން 2026 ވަނަ އަހަރުގެ ނޯބެލް ސުލްހައިގެ އިނާމަށް ޓްރަމްޕްގެ ނަން ހުށަހެޅުމަށް ލަފާދޭނެ ކަމަށެވެ. އިސްލާމްއާބާދުން ޓްރަމްޕްގެ "މުހިންމު ލީޑަރޝިޕް" އަށް ތައުރީފުކޮށްފައިވާއިރު، އިންޑިއާއިން ވަނީ މި ދައުވާ ދޮގުކޮށް، ޓްރަމްޕްގެ ޑިޕްލޮމެޓިކް ނުފޫޒު ދަށްކޮށްލާފައެވެ. ޕާކިސްތާނުން ޓްރަމްޕްއަށް ނިސްބަތްކުރީ "ސުލްހަވެރި ހަޤީގީ ފަރާތެއް" ކަމަށާއި، މަޝްވަރާކުރުމަށް އޭނާ ދެއްވި ބާރަށާއި، ސުލްހަވެރި މަޝްވަރާތަކުން ހަނގުރާމަ ނިންމުމަށް އޭނާ ދެއްވި އިލްތިޒާމަށް ތައުރީފުކުރިއެވެ.