ދީން
ޤުރްއާނުގެ އަލީގައި ދިރިއުޅުން ބައްޓަންކުރުމުން އެފޮތުގައިވާ ޝިފާގެ އަސަރު ފެންނާނެ

މާތް ﷲގެ ކަލާމްފުޅު ، ކީރިތި ޤުރުއާން
ޒަމާން މިހާ ކުރިއަރާފައިވާ ދަނޑިވަޅެއްގައި، ޚާއްޞަކޮށް ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުން، ކީރިތި ޤުރްއާނަކީ ޝިފާއެއް ކަމަށް ބުނުމުން އެއީ ކިހިނަކުން ވެދާނެ ކަމެއްތޯ ސުވާލު އުފައްދައެވެ. މާތް ﷲގެ ކަލާމްފުޅުގައިވާ ހެކިތަކުން މިފަދަ މީހުންނަށް ނުފުދެނީބާވައެވެ؟ ކީރިތި ޤުރްއާނަކީ ހުރިހާ ބައްޔަކަށް ޝިފާއެއް ކަމަށް ބަޔާންކުރައްވައި އެތައް އާޔަތެއްގައި މާތް ﷲ ވަނީ އެކަމަށް އިޝާރާތް ކުރައްވާފައެވެ. އެއިގެ ތެރެއިން މި ދެ އާޔަތަށް އެކަނި ބެލި ނަމަވެސް، ކީރިތި ޤުރްއާނަކީ ޝިފާއެއްކަން އެނގި، ހިތްތަކަށް ޔަޤީންކަން ލިބިގެންދެއެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿57﴾ يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ
މާނައީ: އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންގެ ގާތަށް ވަޢުޡަކާއި، ހިތްތަކުގައިވާ ބަލިތަކަށް ޝިފާއަކާއި، މުއުމިނުތަކުންނަށް ތެދުމަގަކާއި، ރަޙްމަތެއް އަތުވެއްޖެކަން ކަށަވަރެވެ.
( ސޫރަތުލް ޔޫނުސް 57 ވަނަ އާޔަތް )
މި އާޔަތުގައި، ޤުރްއާނަކީ ހިތްތަކުގައިވާ ބަލިތަކަށް ޝިފާއެއްކަން ސާފުކޮށް ބަޔާންކުރައްވާފައިވެއެވެ. އަދި އަނެއް އާޔަތުގައި ވަޙީކުރައްވައެވެ.
﴿82﴾ وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا
މާނައީ: ތިމަންރަސްކަލާނގެ ޤުރްއާނުން މުއުމިނުންނަށް ރަޙްމަތާއި، ޝިފާކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ ޤުރްއާނުން، އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުށްޓެވެ.
(ސޫރަތުލް އަލްއިސްރާ 82 ވަނަ އާޔަތް )
މި އާޔަތްތަކުން ޤުރްއާނަކީ ހަމައެކަނި ރަޙްމަތެއް ނޫންކަމާއި، އެއީ ޝިފާއެއް ކަމާއި، މުއުމިނުންނަށް ލިބިފައިވާ ބޮޑު ނިޢުމަތެއް ކަމަށް އެއްވެސް ޝައްކެއް ނެތް ގޮތުގައި ދަލީލުކޮށްދެއެވެ. ޤަބޫލުކުރައްވާށެވެ! ކީރިތި ޤުރްއާނަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ހުރިހާ ބަލިތަކަށްވެސް އޮތް އެންމެ ފުރިހަމަ ޝިފާއެވެ.
﴿44﴾ وَلَوْ جَعَلْنَاهُ قُرْآنًا أَعْجَمِيًّا لَّقَالُوا لَوْلَا فُصِّلَتْ آيَاتُهُ ۖ أَأَعْجَمِيٌّ وَعَرَبِيٌّ ۗ قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ ۖ وَالَّذِينَ لَا يُؤْمِنُونَ فِي آذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى ۚ أُولَٰئِكَ يُنَادَوْنَ مِن مَّكَانٍ بَعِيدٍ
ތިމަންރަސްކަލާނގެ ޢަރަބި ނޫން ބަހަކުން ޤުރްއާނެއް ބާވައިލެއްވިނަމަ، އެއުރެން ބުނީހެވެ. (ޢަރަބި ބަހުން) އެ ފޮތުގެ އާޔަތްތައް ތަފްޞީލު ކުރައްވާފައިވާނަމަ، ކިހާރަނގަޅު ހެއްޔެވެ؟ އެފޮތް ޢަރަބި ނޫން ބަހަކުން އޮވެފައި، އެ ފޮތް ބާވައިލެއްވީ، ޢަރަބީއަކަށް ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެ ފޮތަކީ، އީމާންވި މީހުންނަށްވާ ތެދުމަގެކެވެ. އަދި ޝިފާއެއްވެސްމެއެވެ. އަދި އީމާން ނުވާމީހުންގެ ކަންފަތްތަކުގައި ބީރުކަމެއްވެއެވެ. އަދި އެ ފޮތަކީ، އެއުރެންގެ މައްޗަށްވާ ކަނުކަމެކެވެ. އެއުރެން ދުރުތަނަކުން ގޮވައިލެވޭ ބަޔެއްފަދައެވެ.
( ފުއްޞިލަތު އާޔަތް 44 )
ކީރިތި ޤުރުއާނަކީ ހުރިހާ މައްސަލަތަކަކަށް އޮތް އެންމެ ރަނގަޅު ޙައްލެވެ. ނަމަވެސް އެކަމުގެ ނަތީޖާ ފެންނާނީ ނުވަތަ ފައިދާ ޙާޞިލުކުރެވޭނީ ކިޔެވުމުގެ އިތުރަށް ކީރިތި ޤުރްއާނުން ލިބިދޭ ދަރުސްތަކާއި އެފޮތުގެ އަމުރުތަކާއި އެއްގޮތަށް ޢަމަލުވެސް ކޮށްގެންނެވެ. ހަމައެކަނި ލަފުޒުތައް ކިޔެވުމަކުން، އެފޮތުގެ މަޤްޞަދު ޙާޞިލެއް ނުވާނެއެވެ. ޤުރްއާނުގެ އަލީގައި ދިރިއުޅުން ބައްޓަންކުރުމުން އެފޮތުގެ ޝިފާގެ އަސަރު ފެންނާނެއެވެ.
އިންސާނާ ބަލިވުމުން އަބަދުވެސް ބޭސްފަރުވާ ކުރެވެއެވެ. ބޭސްފަރުވާ ކުރަންވެސް ވާނެއެވެ. ބޭސް ކާންވެސް ވާނެއެވެ. ނަމަވެސް އަހަރެމެންނީ މުސްލިމުންނެވެ. އަހަރެމެން ދަސްކުރަނީ ޤުރްއާނުގައިވާ އެއްޗެކެވެ. އަހަރެމެން އެފޮތުގައިވާ ވާހަކަތައް ހިތުން ތެދުކޮށް ޤަބޫލުކުރަމުއެވެ. އެހެންކަމަށް ވާނަމަ، އެ ފޮތުގައި ބަޔާންވެގެން އެވާ ފަދައިން ޤުރްއާނުން ޝިފާހޯދަން މަސައްކަތް ކުރަން ވާނެއެވެ.
ބޭސް ކަމުން ޤުރްއާން ކިޔަވާށެވެ. ބަލި އެނދުގައި އޮންނަ އިރު ޤުރްއާން ކިޔަވާށެވެ. ތުއްތު ކުއްޖާ ބަލިވުމުން އެ ކުއްޖާގެ ކައިރީގައި ހުރެ ޤުރްއާން ކިޔަވާށެވެ. މުސްކުޅިން ވެސް ހަމަ މިފަދައެވެ. ސަބަބުތަކުގައި ހިފުމާއި އެކު ޝިފާދެއްވާ އިލާހަށް ދުޢާކުރުމާއި ޤުރްއާން ކިޔެވުން ގިނަ ކުރާށެވެ. ދުޢާ އާއި ޤުރްއާނަކީ މުސްލިމުންގެ އެންމެ ވަރުގަދަ ލަފުޒުތަކާއި ކަލިމަތަކެވެ. މި ދެކަމަށް ބަރޯސާވެ ދެކަމުގައި ހިފަހައްޓައިފިނަމަ، ﷲގެ އިރާދަފުޅާއިއެކު ޝިފާ ލިބުން ގާތެވެ.
ކީރިތި ޤުރްއާން ކިޔަވާށެވެ. އުނގެނި ދަސްކުރާށެވެ. މާނަ ވެސް ކިޔައި އެނގޭށެވެ. އެނގި އަމަލުކުރާ މީހަކަށްވާށެވެ. އޭރުން އަހަރެމެންނަށް ލިބެންއޮތީ ހަމައެކަނި ޝިފާ އާއި މައްސަލަތަކަށް ހައްލެއް ނޫނެވެ. އިހުސާސްނުކުރެވޭފަދަ ނިއުމަތްތައް ގިނަވެގެން ހިނގައިދާނެއެވެ. ދުނިޔެވީ ހަޔާތާއި އާޚިރަތުގެ ހަޔާތުގައިވެސް ކާމިޔާބީއާއި ބާއްޖަވެރިކަން ލިބިގެންދާނެއެވެ.