ކޮލަމް
ދަތް އުނގުޅާ ބުރުސް ދިރުވާލިތާ 52 އަހަރު ފަހުން ބަނޑުން ބުރުސް ނަގައިފި!

ބަނޑުން ނަގާފައިވާ ބުރުސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި
ޗައިނާގައި 64 އަހަރުގެ މީހެއްގެ ބަނޑުން، އޭނާ ކުޑައިރު ދިރުވާލި 17 ސެންޓިމީޓަރުގެ ބުރުހެއް 52 އަހަރު ފަހުން ނަގައިފިއެވެ. މި ބުރުސް ނެގިފައިވަނީ، އެ މީހާ ބަނޑުގައި ރިއްސައިގެން ހޮސްޕިޓަލަށް ދިއުމުން، ޑޮކްޓަރުން އޭނާގެ ހަޖަމުކުރާ ނިޒާމު ބެލުމުގެ ތެރެއިންނެވެ.
"ޔަންގް" ގެ ނަމުން ނަންދެވިފައިވާ މި މީހާ ބުނި ގޮތުގައި، އޭނާއަށް 12 އަހަރުގައި ބުރުސް ދިރުވާލިކަން ހަނދާންވެއެވެ. ނަމަވެސް، މައިންބަފައިންނަށް ބިރުން އެކަން ނުބުނެހުރީއެވެ. ސައުތު ޗައިނާ މޯނިންގ ޕޯސްޓްގެ ރިޕޯޓެއްގައިވާ ގޮތުން، މިސްޓަރ ޔަންގް ގަބޫލުކުރީ ބުރުސް އަމިއްލައަށް ގިރިގެންދާނެ ކަމަށާއި، އޭގެފަހުން އޭނާގެ ދިރިއުޅުން އާދައިގެ ގޮތަކަށް ކުރިއަށް ގެންދިޔައެވެ. މިހާތަނަށް އޭނާއަށް އެއްވެސް އުނދަގޫ ކަމެއް ކުރިމައްޗެއް ނުވެއެވެ.
ބުރުސް ހަށިގަނޑުގައި ހުރިކަން އެނގުމާއެކު، ޑޮކްޓަރުން މިސްޓަރ ޔަންގްއަށް އެންޑޮސްކޮޕިކް އޮޕަރޭޝަނެއް ކޮށް، 80 މިނިޓްގެ ތެރޭގައި ބުރުސް ނަގައިފިއެވެ. ޑޮކްޓަރުން ބުނި ގޮތުގައި، މިއީ އެ ހޮސްޕިޓަލުން ފާއިތުވި ތިން އަހަރުގެ ތެރޭގައި ބަލިމީހެއްގެ ހަޖަމުކުރާ ނިޒާމުން އެއްޗެއް ނެގުމަށް އެންމެ ގިނައިރު ނެގި ކޭސްއެވެ.
މެޑިކަލް އެކްސްޕާޓުން ބުނާ ގޮތުގައި، ބަނޑުގައި ބުރުހެއް ފަދަ އެއްޗެއް ހުރުމުން އެ އެއްޗެއް ހަރަކާތްކޮށް، ގޮހޮރުގެ ތެރޭގައި ހުންނަ ފަށަލަތަކަށް ގެއްލުންދީ، ނުރައްކާތެރި ހާލަތްތަކާ ކުރިމަތިވެ މަރުވުމަކީ ވެސް އެކަށީގެތި ކަމެކެވެ. ނަމަވެސް، މިސްޓަރ ޔަންގްގެ ހާލަތުގައި، ބުރުސް ގޮހޮރުގެ އެއްފަރާތެއްގައި ހަރުލާފައި ހުރުމުގެ ސަބަބުން ގިނަ އަހަރުތަކެއް ވަންދެން އެއްވެސް ހަރަކާތެއް ނުކުރެއެވެ.
މިސްޓަރ ޔަންގްގެ ހަށިގަނޑުން ބުރުސް ނެގުނު ޚަބަރު ފެތުރުމާއެކު، ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން ވަނީ އެތައް އަހަރެއް ވަންދެން އެއްވެސް ގެއްލުމެއް ނުލިބި ބުރުސް ހަށިގަނޑުގައި ހުރުމުން އެ މީހާއަކީ ނަސީބު ރަނގަޅު މީހެއްކަމަށް ބުނެފައެވެ.
ޗައިނާއިން ބަނޑުގައި ބުރުސް ހުރި ބަލިމީހުން ފެނިފައިވާ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. 2019 ވަނަ އަހަރު ވެސް ގުއަންޑޮންގް ޕްރޮވިންސްގެ ހޮސްޕިޓަލަކުން ވަނީ، 51 އަހަރުގެ ފިރިހެނެއްގެ ބަނޑުން 20 އަހަރު ކުރިން ދިރުވާލި 14 ސެންޓިމީޓަރުގެ ބުރުހެއް ނަގައިފައެވެ. އެ މީހާ ބުނިގޮތުގައި، އޭނާ އެ ބުރުސް ދިރުވާލީ އޭނާއަށް އެޗްއައިވީ ޖެހިފައިވާކަން އެނގުމުން، މަރުވާން ކުރި މަސައްކަތެއްގެ ތެރެއިންނެވެ.