ދުނިޔެ
"އިޒްރޭލް، ބޮންތައް ނާޅާށޭ. މިހެން މިކަން ކޮށްފިނަމަ މިއީ ވަރަށް ބޮޑު ހިލާފުވުމެކޭ" : ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮޓޯ:އިންޓަނެޓް
އެމެރިކާއިން އިޒްރޭލާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާކޮށް، ދެފަރާތުގެ މެދުގައި ވަގުތީ އެއްބަސްވުމެއް ޤާއިމުކުރިތާ ގަޑިއިރުކޮޅެއް ފަހުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލަށް ބޮން ނޭޅުމަށް އަންގާރަ ދުވަހު ނަސޭހަތްތެރިވެވަޑައިގެންފިއެވެ.
މިކަން ހިނގައިދިޔައީ، އީރާނުން އަނެއްކާވެސް މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށް އިޒްރޭލްގެ އަސްކަރިއްޔާއިން ބުނެ، ރައްދު ހަމަލާތަކެއް ދޭނެ ކަމަށް ވަޢުދުވެފައިވަނިކޮށެވެ.
ރައީސް ޓްރަމްޕް އެމަނިކުފާނުގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، "އިޒްރޭލް. ބޮންތައް ނާޅާށޭ. މިކަން ކޮށްފިނަމަ މިއީ ވަރަށް ބޮޑު ހިލާފުވުމެކޭ، ޕައިލެޓުން މިހާރުން މިހާރަށް އަނބުރާ ގެނޭ!" މިހެންނެވެ.
އިޒްރޭލް ސަރުކާރުން ބުނެފައިވަނީ، އީރާނާ ދެކޮޅަށް ކުރި 12 ދުވަހުގެ ހަނގުރާމައިގައި އެމީހުންގެ ހުރިހާ އަމާޒެއް ހާސިލުކުރެވިފައިވާ ކަމަށެވެ. އަދި ޓެހެރާންގެ ނިއުކްލިއާ ޕްރޮގްރާމާއި ބެލިސްޓިކް މިސައިލްތަކުގެ "ދެ ނުރައްކާ" ނައްތާލެވުމަށްފަހު، އެމެރިކާއިން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އެއްބަސްވެފައިވާ ކަމަށް ވެސް އެމީހުން ބުނެފައިވެއެވެ.
ނަމަވެސް، ޓްރަމްޕް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ބާރުގަދަވެފައިވާ ކަމަށް ވިދާޅުވިތާ ގަޑިއިރުކޮޅެއް ފަހުން، އީރާނުގެ ދެ މިސައިލެއް އަތުލައިގަނެފައިވާ ކަމަށް އިޒްރޭލުން ބުނެއެެވެ.