ދުނިޔެ

ދުނިޔޭގެ އެވްރެޖަށް ވުރެ ދެގުނަ އިތުރަށް އޭޝީއާ ސަރަޙައްދު ހޫނުގަދަވަނީ

ދުނިޔޭގެ އެވްރެޖަށް ވުރެ ދެގުނަ އިތުރަށް  އޭޝީއާ ސަރަޙައްދު ހޫނުގަދަވަނީ

ނޭޕާލް އަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކުގެ ކާރިސާއެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 ޖޫން 2025، 03:09

24 ޖޫން 2025، 03:09

ދުނިޔޭގެ މޫސުމާބެހޭ ޖަމިއްޔާ (ވޯލްޑް މެޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން – ޑަބްލިއު.އެމް.އޯ) އިން އޭޝިއާ ބައްރުގައި ފިނިހޫނުމިން ހަލުވިކަމާއެކު މަތިވަމުންދާކަމަށް ބުނެ،އެކަމަށް ސަމާލުކަންދީފިއެވެ. ޖޫން 23 ގައި ނެރުނު އެންމެ ފަހުގެ މޫސުމީ ރިޕޯޓު "ސްޓޭޓް އޮފް ދި ކްލައިމެޓް އިން އޭޝިއާ 2024" ގައި ބުނެފައިވަނީ، އޭޝިއާ ހޫނުވަމުންދަނީ ދުނިޔޭގެ އެވްރެޖަށް ވުރެ ދެގުނަ ބޮޑަށް ކަމުގައެވެ. މިކަމުގެ ސަބަބުން ހޫނުގަދަ ދުވަސްތައް އިތުރުވެ، ގަނޑުފެންތައް ވިރި، ވިއްސާރަ ނިޒާމަށް ބަދަލުއައިސް، ކަނޑުގެ ފިނިހޫނުމިން މަތިވެ، ގެއްލުންދެނިވި ތޫފާންތައް ގިނަވެފައިވާކަމަށް ޑަބްލިއު.އެމް.އޯ އިން ބުނެއެވެ.

ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، 2024 ވަނަ އަހަރަކީ އޭޝިއާގެ ތާރީޚުގައި ރެކޯޑު ކުރެވިފައިވާ އެންމެ ހޫނު ނުވަތަ ދެވަނައަށް އެންމެ ހޫނު އަހަރު ކަމަށް ވެދާނެއެވެ. 1991 އާއި 2024 އާ ދެމެދު އޭޝިއާގައި ހޫނުވީ 1961-1990 ގެ އަސާސީ މިންގަނޑަށް ވުރެ ދެގުނަ ބޮޑަށެވެ. މުޅި ބައްރުގައި މި އަހަރު އާދަޔާ ހިލާފަށް ހޫނުގަދަ ދުވަސްތަކެއް ތަކުރާރުކޮށް ކުރިމަތިވެފައިވެއެވެ. 2024 ވަނަ އަހަރު އޭޝިއާގެ އެވްރެޖް ފިނިހޫނުމިން 1991-2020 ގެ އެވްރެޖަށް ވުރެ 1.04° ސެލްސިއަސް މަތިވެފައިވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކުރެއެވެ. ހޫނު ސަރަޙައްދުން ފެށިގެން އާރކްޓިކް ސަރަހައްދާ ހަމައަށް އޭޝިއާ ބޮޑު ސަރަހައްދެއްގެ މައްޗަށް ފެތުރިފައިވާތީ، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އިތުރަށް ބޮޑުވެއެވެ.

މީގެ އިތުރުން ރަޝިޔާގެ ލެޕްޓެވް ސީ ބޭސިން، ލީނާ ކޯރުގެ ތިރީބައި، އަދި މޮންގޯލިއާގެ ކަންގާއި މައުންޓެއިންސްގެ ބައެއް ސަރަހައްދުތަކުން ވާރޭވެހުން މަދުވެފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަފްޣާނިސްތާނުގެ ހިންދޫ ކުޝް އަދި އުތުރު ޕާކިސްތާނުގެ ހުޅަނގު ހިމާލަޔާ ސަރަހައްދުތައް ވެސް އާދަޔާ ހިލާފަށް ހިކިކަމަށް ރިޕޯޓުގައިވެއެވެ.

ގަނޑުފެން ހުންނަ ސަރަހައްދުތަކުގައި، ފިނި މޫސުމުގައި ސްނޯވެހުން މަދުވެ، ހޫނު މޫސުމުގައި ވިއްސާރަ ގަދަވުމުގެ ސަބަބުން ގަނޑުފެންގަނޑު ވިރިގެންދާ މިން އަވަސްވެފައިވެއެވެ. މެދު ހިމާލަޔާ އަދި ޓިއަން ޝާން ރޭންޖުގައި މޮނިޓަރ ކުރެވުނު 24 ގަނޑުފެންގަނޑުގެ ތެރެއިން 23 ގަނޑުފެންގަނޑުގެ ބޮޑުމިން ކުޑަވެފައިވެއެވެ. މިއީ ގަނޑުވެފައިވާ ކޯރުތަކުން ފެންބޮޑުވުމާއި، ބިންގަނޑު ކަނޑައިގެން ދިއުމާއި، އެ ސަރަހައްދުތަކުގެ ތިރީގައި ދިރިއުޅޭ މީހުންނަށް ފެނުގެ ރައްކާތެރިކަން ނެތިގެންދިއުމުގެ ނުރައްކާ އިތުރުކުރާ ކަމެކެވެ.

ޑަބްލިއު.އެމް.އޯ އިން ބުނެފައިވަނީ، އޭޝިއާގެ ކަނޑުތަކުގެ މަތީ ފަށަލައިގެ ފިނިހޫނުމިން ދުނިޔޭގެ އެވްރެޖަށް ވުރެ ބޮޑުތަނުން މަތިވެފައިވާ ކަމަށެވެ. ޕެސިފިކް އަދި އިންޑިއާ ކަނޑާ ގުޅިފައިވާ ކަނޑުތަކުގައި 2024 ވަނަ އަހަރު ކަނޑުގެ ލޮނުގަނޑު މަތިވީ އެވްރެޖަށް ވުރެ އަވަހަށެވެ. މި އަހަރު ކަނޑަށް ކުރިމަތިވި އާދަޔާ ހިލާފު ހޫނުގަދަވުމުގެ ސަބަބުން ރެކޯޑު އަދަދަކަށް ކަނޑުގެ ސަރަހައްދުތަކަށް އަސަރުކޮށްފައިވާއިރު، އައްސޭރިފަށުގެ ނިޒާމްތަކާއި އާބާދީތަކަށް ނުރައްކާ ބޮޑުވެފައިވެއެވެ.

ރިޕޯޓުގައި އިންޒާރުދީފައިވަނީ، އައްސޭރިފަށުގެ މުޖުތަމަޢުތަކަށް ހިޖުރަކުރުމާއި ވަސީލަތްތައް މަދުވުމުގެ ނުރައްކާ ބޮޑުވަމުންދާ ކަމަށެވެ. ޑަބްލިއު.އެމް.އޯ އިން ހޫނު ސަރަހައްދުގެ ތޫފާންތަކާއި ކުއްލި ފެންބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް ގެއްލުންތައް ލިބި، އެތައްބަޔަކު މަރުވެފައިވާކަން ވެސް ފާހަގަކުރިއެވެ. ހަމައެއާއެކު، ދިގުދެމިދާ ހަނަފަސްކަމުގެ ސަބަބުން ދަނޑުވެރިކަމަށާއި ސަރަހައްދީ އިޤްތިޞާދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ޑަބްލިއު.އެމް.އޯގެ ސެކްރެޓަރީ ޖެނެރަލް ސެލެސްޓޭ ސޯލޯ، ގޯސްވަމުންދާ މޫސުމީ ނުރައްކާތަކުގެ ތެރޭގައި ފުރާނަތަކާއި ދިރިއުޅުން ރައްކާތެރިކުރުމުގައި ޤައުމީ މޫސުމާއި ފެނާބެހޭ ޚިދުމަތްތަކުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އަވަސް އިންޒާރުގެ ނިޒާމުތަކާއި ގުޅިގެން މަސައްކަތްކުރުމުން، ކާރިސާތަކުގެ އަސަރު ކުޑަކޮށް، މޫސުމަށް އެކަށީގެންވާ ގޮތަށް ބަދަލުވުމަށް އެހީތެރިވެދޭނެ ކަމަށެވެ.

ރިޕޯޓުގައި ނޭޕާލްގެ މިސާލެއް ދައްކާފައިވެއެވެ. އެއީ، މޫސުމީ ކާރިސާތަކަށް މުޖުތަމަޢުތައް ތައްޔާރުވުމަށް އެޑްވާންސްޑް އިންޒާރުގެ ނިޒާމުތަކުން އެހީތެރިވާ އުސޫލެވެ. ޑަބްލިއު.އެމް.އޯ އިން ނިންމާފައިވަނީ، އޭޝިއާގެ ބިމުގެ ސަރަހައްދުތައް ވަށައިގެންވާ ކަނޑުތަކަށް ވުރެ ބާރަށް ހޫނުވަމުންދާ ކަމަށާއި، މީގެ ސަބަބުން ހޫނުގެ ނުރައްކާ އިތުރުވާ ކަމަށެވެ. ޖަމިއްޔާއިން ގޮވާލާފައިވަނީ، މޫސުމަށް ބަދަލުވުމާއި، ނުރައްކަލުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ސަރަހައްދީ ގުޅުން ބަދަހިކުރުމަށް އަވަސް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS