ދުނިޔެ
އިޒްރޭލާއި އީރާނުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް---
ގަތަރުގައި ހުންނަ އެމެރިކާގެ މިލިޓަރީ ބޭސްއަށް އީރާނުން ހަމަލާތަކެއް އަމާޒުކުރިތާ މާގިނައިރުތަކެއް ނުވަނީސް، އިޒްރޭލާއި އީރާނުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާކަމަށް އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އަދި މި އެއްބަސްވުމަށް ވަރަށް އަވަހަށް އަމަލުކުރަން ފަށާނެކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވީ، މިއީ މުޅި މެދުއިރުމަތި ސުންނާފަތިވަންދެން، އަހަރުތަކަކަށް ދައްމާލެވޭނެ ހަނގުރާމައެއް ކަމަށާއި، ނަމަވެސް އެކަން އެހެން ނުހިނގާނެކަމަށެވެ.
މި މައުޟޫއުގައި އީރާންގެ ފޮރިން މިނިސްޓަރ، އައްބާސް އަރަޗީ ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ނެތް ކަމަށާއި، ނަމަވެސް އިޒްރޭލުގެ ރަހުން ކުޑަ އަމަލުތައް ހުއްޓާލައިފިނަމަ އީރާންގެ ހަމަލާތައް ހުއްޓާލާނެ ކަމަށެވެ. މިކަމާ ގުޅިގެން އިޒްރޭލުން އަދި މިހާތަނަށް ބަހެއް ބުނެފައެއް ނުވެއެވެ.
އީރާނުގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރު، ތޯހިދު އަސާދީ ހާމަކުރެއްވި ގޮތުގައި، ޓްރަމްޕް އެހެން ވިދާޅުވިފަހުން ވެސް އިޒްރޭލުގެ ހަމަލާތަކެއް ހުއްޓުވުމަށް އީރާނުގެ ޑިފެންސް ސިސްޓަމް މަސައްކަތްކުރި އަޑު ވަނީ އިވިފައެވެ. އެހެންކަމުން އިޒްރޭލުން މެދުނުކެނޑި ހަމަލާތައް ކުރިޔަށް ގެންދާއިރު، ހާލަތު އޮތީ އީރާނުން ރައްދު ހަމަލާތައް ދޭނެފަދަ ގޮތަކަށްކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މެދުއިރުމަތީގެ ކަންތައްތައް އެނަލައިޒްކުރާ އޮމަރު ރަހްމާން ވިދާޅުވީ، ޓްރަމްޕުގެ އެ މެސެޖުގައި ވަރަށް ގިނަ ވާހަކަތައް މަދުކަމަށެވެ. އެގޮތުން އިތުރު މަޝްވަރާތައް ހިނގާނެ ގޮތުގެ ވާހަކަ ވެސް ހިމަނާފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިއީ ޓްރަމްޕްގެ އޮޅުވާލުމެއްކަމަށް އޭނާ ސިފަކުރެއްވިއެވެ.
ޓްރަމްޕްގެ މިފަދަ ހީލަތްތެރި އަމަލަކަށް އިޝާރާތްކުރައްވަމުން އޭނާ ވިދާޅުވީ، މިދިޔަ ހަފްތާ އެމެރިކާއިން ހަނގުރާމައިގެ ތެރެއަށް ވަނުމަށް ދެ ހަފްތާގެ ތެރޭގައި ގޮތެއް ނިންމާނެކަމަށް ހާމަކުރިކަމަށާއި، ނަމަވެސް އޭގެ ދެ ދުވަސް ފަހުން އެމެރިކާއިން އީރާނަށް ހަމަލާއިންކަމަށެވެ.
ކަންމިހެން އޮތްއިރު، އީރާނުގެ ސްޕްރީމް ލީޑަރު އާޔަތުالله ޚާމަނާއީ ސޯސަލް މިޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، އީރާނަކީ އަމާންދޭނެ ގައުމެއް ނޫންކަން އީރާނު ދަންނަ ބަޔަކަށް ވެއްޖެއްޔާ އެނގޭނެކަމަށެވެ.