ދުނިޔެ

މެދުއިރުމަތީގައި އެމެރިކާގެ ބައިލައްކައެއްހާ ޓްރޫޕް ހަރަކާތްތެރިވޭ: ފޮރިން ރިލޭޝަންސް ކައުންސިލް

މެދުއިރުމަތީގައި އެމެރިކާގެ ބައިލައްކައެއްހާ ޓްރޫޕް ހަރަކާތްތެރިވޭ: ފޮރިން ރިލޭޝަންސް ކައުންސިލް

އީރާނުން ދިން ހަމަލާތައް ދޯހާގެ މަތިން ދަތުރުކުރަނީ، ފޮޓޯ: ރޮއިޓާސް

24 ޖޫން 2025، 12:18

އީރާނުން މެދުއިރުމަތީގައި ހުރި އެމެރިކާގެ މިލިޓަރީ ބޭސްތަކަށް އަމާޒުކޮށް ހަމަލާތައް ދޭން ފަށާފައިވާއިރު، މެދުއިރުމަތީގައި އެމެރިކާގެ އެތައް ހާސް ސިފައިންނެއް ދަނީ ހަރަކާތްތެރިވަމުންނެވެ.

އެގޮތުން މެދުއިރުމަތީގެ 6 ގައުމެއްގައި ސީދާ އެމެރިކާގެ ބޭސްތައް ގާއިމްކޮށްފައިވެއެވެ. މީގެތެރޭގައި ޖިބުޓީ، ޔުނައިޓެޑް އަރަބި އެމިރޭޓްސް، ގަތަރު، ބަހުރެއިން، ކުވޭތު، ސައިޕްރަސް އަދި ތުރުކީ ހިމެނެއެވެ. މި ގައުމުތަކުގައި އެމެރިކާގެ 10 މިލިޓަރީ ބޭސް ވަނީ ގާއިމްކޮށްފައެވެ.

މީގެ އިތުރުން، މިލިޓަރީ ބޭސްތަކެއް ގާއިމްކޮށްފައިނުވާ ގިނަ ސަރަހައްދުތަކެއްގައި ވެސް އެމެރިކާގެ މިލިޓަރީ ސިފައިން އަންނަނީ މެދުއިރުމަތީގައި ހަރަކާތްތެރިވަމުންނެވެ. މީގެތެރޭގައި ސައިޕްރަސް، ސީރިއާ، އިރާގު، ޖޯޑަން، ސައުދީ އަރަބިއްޔާ އަދި އޮމާންގެ ސަރަހައްދުތައް ހިމެނެއެވެ. އެގޮތުން ގާތްގަނޑަކަށް 13 ސަރަހައްދެއްގައި، ސީދާ މިލިޓަރީ ބޭސްއެއްނެތި ވެސް އެމެރިކާ ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. 

މިއާއެކު ޖުމްލަ 40،000 އާއި 50،000 އާއި ދެމެދު އެމެރިކާ ސިފައިންގެ ޓްރޫޕްތައް މެދުއިރުމަތީގައި ހަރަކާތްތެރިވަމުން އަންނަކަމަށް ފޮރިން ރިލޭޝަންސް ކައުންސިލުން އަންދާޒާކުރެއެވެ. އާންމު ގޮތެއްގައި ކޮންމެ ޓްރޫޕެއްގައި 80 އާއި 150އާ ދެމެދުގެ ސިފައިން ހަރަކާތްތެރިވެއެވެ. 

އީރާނުން އެމެރިކާގެ މިލިޓަރީ ބޭސްތަކަށް ހަމަލާ ދޭން ފަށާފައި މިވަނީ އެމެރިކާއިން ހޮނިހިރު ދުވަހު އީރާނުގެ ނިއުކްލިއަރ ތިން މަރުކަޒަކަށް ހަމަލާދިނުމާ ގުޅިގެން، އޭގެ ރައްދު ހަމަލާތަކެއްގެ ގޮތުގައެވެ. 

އެގޮތުން މިރޭ އީރާނުން ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ މިލިޓަރީ ބޭސްއެއް ކަމުގައިވާ އަލް އުދައިދު އެއަރ ބޭސްއަށް ހަމަލާތަކެއް އަމާޒުކޮށްފައެވެ.

އިރާނުގެ ހަމަލާތަކާ ގުޅިގެން ގަތަރުގެ ޑިފެންސް މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނީ، ކާމިޔާބުކަމާއެކު އީރާނުގެ މިސައިލްތައް ވެއްޓުމުގެކުރިން ގޮއްވާލެވުނު ކަމަށާއި، މި ހާދިސާއާ ގުޅިގެން އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައިނުވާކަމަށެވެ. މީގެ އިތުރުން މީހަކަށް އަނިޔާވެފައިނުވާކަމަށް ވެސް ގަތަރުން ވަނީ ހާމަކޮށްފައެވެ. 

އަދި ގަތަރުގެ މިލިޓަރި އޮތީ ކުއްލި ހާލަތަށް ތައްޔާރުގައި ކަމަށާއި، ނުރައްކާތަކުން ސަލާމަތްވުމަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް ވެސް ވަނީ ހާމަކޮށްފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS