ދުނިޔެ
"މިކަން ފެށީ ޓްރަމްޕް، މިކަން ނިންމާނީ އަހަރެމެން" ބަދަލުހިފާނެ ކަމުގެ އިންޒާރު އިރާނުން ދީފި

ހަތަމް އަލް-އަންބިޔާ ޔުނިޓްގެ ތަރުޖަމާނު ކާނަލް އިބްރާހިމް ޒުލްފަގާރީ
އެމެރިކާއިން އިރާނުގެ ތިން ބޮޑު ނިއުކްލިއާ ފެސިލިޓީއަކަށް ދިން ހަމަލާތަކާ ގުޅިގެން، ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށާއި ނުރައްކާތެރި ނަތީޖާތަކާ އެމެރިކާއަށް ކުރިމަތިލާން ޖެހިދާނެ ކަމަށް އިރާނުގެ ހަތަމް އަލް-އަންބިޔާ ޔުނިޓްގެ ތަރުޖަމާނު އިންޒާރު ދެއްވައިފިއެވެ.
އިރާނުގެ ނިއުސް އެޖެންސީތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަތަމް އަލް-އަންބިޔާ ޔުނިޓްގެ ތަރުޖަމާނު ކާނަލް އިބްރާހިމް ޒުލްފަގާރީ ވަނީ އިސްރާއީލަށްޓަކައި އެމެރިކާއިން މި "ޖިނާއީ އަމަލު" ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ. އެމެރިކާގެ މި އަމަލަކީ "އިރާނުގެ ސަރަހައްދީ ހައިބަތަށް ސީދާ އަރައިގަތުމެއް" ކަމަށާއި، މި ހަނގުރާމަވެރި އަމަލު ހިންގާފައިވަނީ "މަރުވަމުންދާ ޒަޔަނިސްޓް ވެރިކަމެއް އަލުން ދިރުވުމުގެ" މަޤްސަދުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކާނަލް ޒުލްފަގާރީ އިތުރަށް ވިދާޅުވީ، އެމެރިކާގެ މި ހަމަލާއިން "އިރާނަށް ހުއްދަ އަދި ތަފާތު ލަނޑުދަނޑިތަކުގެ ދާއިރާ ފުޅާވެފައިވާ" ކަމަށެވެ.އޭނާ ވަނީ "ގަދަފަދަ އޮޕަރޭޝަންތަކަށާއި ނުރައްކާތެރި ނަތީޖާތަކަށް އިންތިޒާރުކުރުމަށް" އެމެރިކާއަށް އިންޒާރު ދެއްވާފައެވެ.
ކާނަލް ޒުލްފަގާރީ ވަނީ ކީރިތި ޤުރުއާނުގެ ސޫރަތުލް އަލްއަންފާލްގެ އާޔަތެއް ކަމަށްވާ، "ﷲގެ ދުޝްމަނުންގެ ހިތްތަކަށް ބިރުގަންނަވާލުމަށްޓަކައި، ތިޔަބައިމީހުންނަށް ކުޅަދާނަވެގެންވާ ވަރަކަށް ބާރު ޖަމާކުރާށޭ" މި އާޔަތުން ދަލީލު ނަންގަވާފައެވެ.
ކާނަލް ޒުލްފަގާރީ ދެކެވަޑައިގަންނަވާ ގޮތުގައި އެމެރިކާ މިހާރު ވަނީ "އިރާނާ އެކު ސީދާ ހަނގުރާމައަކަށް އެރިފައި" ކަމަށާއި، އެމެރިކާއަށް "އެމީހުންގެ މަޤްސަދުތައް ހާސިލްކުރެވިފައި ނުވާ" ކަމަށެވެ. އަދި އެމެރިކާގެ މި އަމަލަކީ "މުޅި ސަރަހައްދުގައި ހަނގުރާމަ ފެތުރުމަށް މަގުފަހިކޮށްދީފައިވާ" ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ހަނގުރާމައަކީ އެއްގޮތަކަށް ވެސް އެމެރިކާއަށް ފައިދާކުރާނެ ކަމެއް ނޫން" ކަމަށް އޭނާ ހާމަކުރެއްވިއެވެ. އަދި "ދުޝްމަނުން ހައިރާންކޮށްލާނީ މުޖާހިދުންގެ ބަދަލުހިފުމުގެ އޮޕަރޭޝަންތަކުން" ކަމަށް ވެސް ވިދާޅުވިއެވެ. ކާނަލް ޒުލްފަގާރީ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، "ޓްރަމްޕް ހަނގުރާމަ ފެށުމަށްޓަކައި ބޮޑު ނުރައްކަލެއް ނެގި،ތިމަންނަމެން އެކަން ނިންމާލާނަން" ކަމަށެވެ.