ދުނިޔެ
އެމެރިކާ ނުވަތަ އިސްރާއީލުގެ އެއްވެސް އުޅަނދެއް ރަތް ކަނޑުން ދަތުރުކުރާކަށް ލާހިކެއްނޫން، ނައްތާލާނަން: ޔަމަން

ރަތްކަނޑުގައި އެމެރިކާގެ ހަނގުރާމަމަތީ އުޅަނދެއް
އެމެރިކާއިން އިސްރާއީލާއި ގުޅިގެން ނުވަތަ އިރާނަށް ދެވޭ އެއްވެސް ހަމަލާއެއްގައި ބައިވެރިވެއްޖެނަމަ ރަތް ކަނޑުގައި ހުންނަ އެމެރިކާގެ ބޯޓުތަކަށް ހަމަލާދޭނެކަމަށް ޔަމަނުގެ ޙޫޘީ ޖަމާޢަތުން ހޮނިހިރު ދުވަހު އިއުލާނުކޮށްފިއެވެ. މި އިންޒާރު ދީފައިވަނީ، ޙޫޘީ ޖަމާޢަތާއި ވޮޝިންޓަންއާ ދެމެދު ކުރިން ވެފައިވާ އެއްބަސްވުމަކާ ޚިލާފަށެވެ.
ޙޫޘީ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، "އިރާނަށް ދެވޭ ހަމަލާއެއްގައި ވޮޝިންޓަން ބައިވެރިވެއްޖެނަމަ ރަތް ކަނޑުގައި ހުންނަ އެމެރިކާގެ ބޯޓުތަކާއި ހަނގުރާމަމަތީ ބޯޓުތަކަށް އަހަރެމެން އަމާޒުކުރާނަން،" ކަމަށެވެ.
ސަރީ އިތުރަށް ހާމަކުރެއްވި ގޮތުގައި، އެ ޖަމާޢަތުން ފުރިހަމައަށް ސަރަހައްދުގައި ހިނގާ ހަރަކާތްތައް ބަލަމުންދާ ކަމަށާއި، މި ހަރަކާތްތަކުގެ ތެރޭގައި އެބޭފުޅުން ސިފަކުރެއްވި ގޮތުގައި 'ޢަދާވާތްތެރި ހަރަކާތްތައް' ވެސް ހިމެނޭ ކަމަށެވެ. އަދި އެ ޖަމާޢަތުގެ ރައްކާތެރިކަމަށްޓަކައި ބޭނުންވާ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ސަރީ ވިދާޅުވިއެވެ.
ސަރީ ވިދާޅުވި ގޮތުގައި، އިރާނަށް އިޒްރޭލުން ދޭން ރާވާފައިވާ ކޮންމެ ހަމަލާއެއް ވެސް އެމީހުން ދެކެނީ 'ސަރަހައްދުގައި އިޒްރޭލުގެ ނުފޫޒު ފެތުރުމަށް ހުރި ހުރަހެއްގެ ގޮތުގައި ތެހެރާން ނެތިކޮށްލުމުގެ' މަޤްޞަދުގައި ދޭ ހަމަލާއެއްގެ ގޮތުގައެވެ. އަދި މި ރޭވުން ތަންފީޒުވިޔަ ނުދިނުމަށް ޙޫޘީން ނުކުންނާނެ ކަމަށް ވެސް އެމީހުން ބުންޏެވެ.
މި ބަޔާން ނެރެފައިވަނީ، ޙޫޘީ ޖަމާޢަތާ ގުޅުންހުރި މުހިންމު އިޤްތިޞާދީ ފަރާތްތަކަށް އަމާޒުކޮށް އެމެރިކާއިން އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާތާ އެއްދުވަސް ފަހުންނެވެ. މިކަން ހިނގާފައި މިވަނީ، އެމެރިކާއާއި އިރާނާ ދެމެދު ކަންތައްތައް ގޯސްވަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް އެމެރިކާއިން އަސްކަރީ ހަމަލާއެއް ވަނީ ދީފައެވެ.
އެމެރިކާގެ އަސްކަރީ ވެބްސައިޓެއް ކަމަށްވާ "ދި އެވިއޭޝަނިސްޓް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބަންކަރު ބަސްޓިން ބޮން އުފުލުމުގެ ކެޕޭސިޓީ ހުންނަ ބީ-2 ސްޓްރެޓީޖިކް ބޮމްބަރގެ ދެ ސްކޮޑްރަން ހުކުރު ދުވަހުގެ ހެނދުނު މިސޫރީގައި ހުންނަ ވައިޓްމަން އެއަރފޯސް ބޭސް އިން ފުރައިފިއެވެ. އެ ބޯޓުތައް މިސްރާބު ޖަހާފައިވަނީ ޕެސިފިކް ކަނޑުގައި އޮންނަ ގުއާމް އާއި ދިމާލަށެވެ. މީގެކުރިން މިފަދަ އޮޕަރޭޝަންތަކުގައި ބޭނުންކޮށްފައިވާ އިންޑިއާ ކަނޑުގައި ހުންނަ ޑިއެގޯ ގާސިއާ ދިމާލަށް މިސްރާބު ޖަހާފައިވާކަން ފާހަގަކޮށްފައެއް ނުވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް މޭ މަހު އިއުލާނުކޮށްފައިވަނީ، އޮމާނުގެ މެދުވެރިކަމާއެކު ޙޫޘީ ޖަމާޢަތާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އެ އެއްބަސްވުމުގައިވާ ގޮތުން، ރަތް ކަނޑުގައި ވިޔަފާރި ބޯޓުތަކަށް ދެމުންދާ ހަމަލާތައް ހުއްޓާލުމުގެ ބަދަލުގައި، އެމެރިކާއިން އެ ޖަމާޢަތުގެ ހަރަކާތްތެރިވާ ސަރަހައްދުތަކަށާއި މަރުކަޒުތަކަށް ދެމުންދާ ވައިގެ ހަމަލާތައް ހުއްޓާލުމަށް ވަނީ އެއްބަސްވެފައެވެ.
ރަތް ކަނޑަކީ ޖިއޮގްރަފީގޮތުން ވަރަށް މުހިންމު ސަރަހައްދެކެވެ. ދުނިޔޭގެ ޖުމްލަ ވިޔަފާރީގެ 10 އިންސައްތަ ހިނގަނީ މި ސަރަހައްދު ތެރެއިންނެވެ. އެހެންކަމުން މި ސަރަހައްދުގައި ހަމަލާތައް އިތުރުވެއްޖެނަމަ ދުނިޔޭގެ އިޤްތިޞާދަށާއި ސަލާމަތަށް ފުޅާ ދާއިރާއެއްގައި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.