ދުނިޔެ

އެމެރިކާއިން ހަމަލާދިނަސް ނިއުކްލިއަރ ބޮމެއް ހެދުމުގެ ގާބިލިއްޔަތު އީރާނަށް ގެއްލުވައެއްނުލެވޭ : ދިފާޢީ އަދި ޓެކްނޮލޮޖީގެ މާހިރުން

އެމެރިކާއިން ހަމަލާދިނަސް ނިއުކްލިއަރ ބޮމެއް ހެދުމުގެ ގާބިލިއްޔަތު އީރާނަށް ގެއްލުވައެއްނުލެވޭ : ދިފާޢީ އަދި ޓެކްނޮލޮޖީގެ މާހިރުން

"ޢިލްމު ބޮން އަޅައިގެން ނައްތައެއް ނުލެވޭނެ" ދިފާޢީ އަދި ޓެކްނޮލޮޖީގެ މާހިރުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 ޖޫން 2025، 11:56

23 ޖޫން 2025، 11:56

އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް އެމެރިކާއިން ކުރިން ދުވަހަކު  ދީފައިނުވާ ފަދަ ވައިގެ ހަމަލާތަކެއް ދިން ނަމަވެސް، ދުނިޔޭގެ ދިފާޢީ އަދި ޓެކްނޮލޮޖީގެ މާހިރުން ވިދާޅުވަނީ ނިއުކްލިއަރ ބޮމެއް ހެދުމުގެ ގާބިލިއްޔަތު އީރާނަށް އަދިވެސް ގެއްލިފައި ނުވާ ކަމަށެވެ.

މި ހަމަލާތަކާ ގުޅިގެން މި ސަރަޙައްދުގައި ހަމަނުޖެހުން އިތުރުވެދާނެ ކަމުގެ ކަންބޮޑުވުންތައް ބޮޑުވެފައިވެއެވެ.
އެމެރިކާގެ އަސްކަރިއްޔާގެ 125 އަށް ވުރެ ގިނަ ހަނގުރާމަ މަތީ މަތިންދާބޯޓާއި، ސަބްމެރިންތަކާއި، ކަނޑުގެ އުޅަނދުފަހަރު ބޭނުންކޮށްގެން، އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް މިދިޔަ ދުވަސްތަކުގައި ވަނީ ބޮޑު އަސްކަރީ އޮޕަރޭޝަނެއް ހިންގާފައެވެ.

ސްކައި ނިއުސްގެ ސައިންސް އެންޑް ޓެކްނޮލޮޖީ އެޑިޓަރ ޓޮމް ކްލާކް ރިޕޯޓްކުރައްވާފައިވާ ގޮތުގައި، މި އޮޕަރޭޝަނުގައި އީރާނުގެ ނިއުކްލިއަރގެ ތިން މުހިއްމު މަރުކަޒު ކަމަށްވާ ނަޓަންޒް، ފޯރޑޯ، އަދި އަރަކަށް ހަމަލާ ދީފައިވެއެވެ.
މި ހަމަލާތަކުގައި، މީގެ ކުރިން ބޭނުންކޮށްފައި ނުވާ މިންވަރަށް ބީ-2 ސްޕިރިޓް ސްޓެލްތު ބޮން ބޭނުންކޮށްފައިވެއެވެ. މި ބޮންތަކުގެ ތެރެއިން 14 ޖީ.ބީ.ޔޫ-57 "ބަންކަރ ބަސްޓަރ" ބޮން ނަޓަންޒް އަދި ފޯރޑޯގައި ހުރި ބިމުން އަޑިން ހަދާފައިވާ ނިއުކްލިއަރ ކޮމްޕްލެކްސްތަކަށް ވަނީ އަޅާފައެވެ. މި ތަންތަނަކީ އާދައިގެ ހަމަލާތަކުން ދިފާޢުވުމަށްޓަކައި ވަރަށް ވަރުގަދައަށް ހިމާޔަތްކޮށްފައިވާ ތަންތަނެވެ.

ފޯރޑޯގައި ހުރި މަރުކަޒަކީ ފަރުބަދައެއްގެ ތެރެއިން 80-90 މީޓަރު އަޑިއަށް ކަނޑާފައި ހަދާފައިވާ ތަނެކެވެ. މީގެ ކުރިން އިޒްރޭލުން ދިން ޑްރޯން ހަމަލާތަކުން ވެސް މިތަނަށް އެއްވެސް އަސަރެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް، ފަހުން ނެގި ސެޓެލައިޓް ފޮޓޯތަކުން މިހާރު ދައްކަނީ ފަރުބަދައިގެ ސަތަހައިގައި  ބޮޑު ތިން ދިމާލަކުން ފަޅައިގެން ގޮސްފައިވާ މަންޒަރެވެ. މިކަމުގެ ސަބަބުން އެތެރެއަށް ލިބިފައިވާ ގެއްލުމާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ދެކެވެމުންދެއެވެ.

އީރާނުގެ ރަސްމީ ފަރާތްތަކުން ގެއްލުން ކުޑަކޮށްލައި ބުނެފައިވަނީ، "މާ ބޮޑު ގެއްލުމެއް ނުލިބޭ، ހަމައެކަނި ބޭރުގެ ފަށަލަތަކަށް އަސަރުކޮށްފައިވަނީ؛ މައިގަނޑު މަރުކަޒުތައް ސަލާމަތުން ހުރި" ކަމަށެވެ. މާހިރުން ބުނާ ގޮތުގައި، އެމެރިކާގެ މި އޮޕަރޭޝަންގެ މައިގަނޑު މަޤްސަދަކީ އީރާނުން ޔޫރޭނިއަމް ހަތިޔާރަށް ބޭނުންވާ ފެންވަރަށް މުއްސަނދިކުރުން ހުއްޓުވައި، އެގައުމުގެ ނިއުކްލިއަރ ހަތިޔާރު ހެދުމުގެ ޕްރޮގްރާމް ފަސްކުރުން ނުވަތަ ހުއްޓުވުމެވެ.

ނަމަވެސް، ބައެއް މާހިރުން ދެކޭ ގޮތުގައި ހަމައެކަނި ޖިސްމާނީ ގެއްލުން ދިނުމުން ނިއުކްލިއަރ ހަތިޔާރު ހެދުން ހުއްޓުވޭނެކަމަކަށް ނުފެނެއެވެ. އެކްސްޕާޓުން ބުނާ ގޮތުގައި، އީރާނުގެ ތަރައްޤީވެފައިވާ ޔޫރޭނިއަމް މުއްސަނދިކުރާ ނިޒާމުތަކާއި، ނިއުކްލިއަރ އިންޖިނިއަރިންގެ ހުނަރުތައް ފުނޑުފުނޑުކޮށްލަން ޖެހެއެވެ.

އެއް މާހިރަކު ފާހަގަކުރައްވާފައިވަނީ، "ޢިލްމު ބޮން އަޅައިގެން ނައްތައެއް ނުލެވޭނެ" ކަމަށެވެ. އީރާނުގެ ސައިންޓިފިކް ޢިލްމާއި ޓެކްނިކަލް އިންފްރާސްޓްރަކްޗަރގެ ސަބަބުން އެގައުމަށް ހީކުރާ ވަރަށް ވުރެ އަވަހަށް އަލުން ތަރައްޤީ ވެވޭނެ ކަމަށް ވެސް މާހިރުން ދެކެއެވެ.

އެމެރިކާގެ އަސްކަރީ އޮފިޝަލުން މި މިޝަންއަކީ "ޓެކްޓިކަލް ކާމިޔާބީއެއް" ކަމަށް ބުނެފައިވާއިރު، ދުނިޔޭގެ ފަރާތްތަކުން އަންނަނީ މި ހަމަލާގެ އަސަރު ފުރިހަމައަށް ވަޒަންކުރުމަށް އަދި ވަގުތު ބޭނުންވާނެ ކަމަށް ބުނެ ސަމާލުކަން ދެމުންނެވެ. މާހިރުން ބުނާ ގޮތުގައި، ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާއިރު، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް ލިބުނު އަސްލު އަސަރު ހާމަވާނީ ކުރިއަށް އޮތް ހަފްތާތަކާއި މަސްތަކުގެ ތެރޭގައި ކަމަށް ބެލެވެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS