ދުނިޔެ
އެމެރިކާގެ ހަމަލާއަށްފަހު ދުނިޔޭގެ ތެލުގެ ބާޒާރުގެ އަގުތައް މައްޗަށް

ތެލުގެ ބާޒާރުގެ އަގުތައް މައްޗަށް
އެމެރިކާގެ ސިފައިން އީރާނަށް ދިން އަސްކަރީ ހަމަލާއަށްފަހު، ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގުތައް ވަރަށް ބޮޑަށް އުފުލި، މެދުއިރުމަތީގެ ހަކަތަ ފޯރުކޮށްދިނުމުގެ ނިޒާމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. މި ހަމަލާ ދިނުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތެލުގެ އަގުތަކަށް ވަނީބޮޑު ބަދަލުތަކެއް އައިސްފައެވެ.
މިހާރު "ބްރެންޓް" ކްރޫޑްގެ ފީފާއެއްގެ އަގު ގާތްގަނޑަކަށް 80 ޑޮލަރަށް ވިއްކާއިރު، ދުނިޔޭގެ ގުދުރަތީ ގޭހުގެ އަގު މިވަގުތު ހުރީ އެމް.އެމް.ބީ.ޓީ.ޔޫ. އަކަށް ގާތްގަނޑަކަށް 3.90 ޑޮލަރުގައެވެ. މީގެ އިތުރުން، އެމެރިކާގެ ބެންޗްމާކް ކަމަށްވާ ޑަބްލިޔު.ޓީ.އައި. (ވެސްޓް ޓެކްސަސް އިންޓަރމީޑިއޭޓް) ކްރޫޑްގެ އަގު ވަނީ 76 ޑޮލަރު ފަހަނަޅައިފައެވެ.
ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން، ބްރެންޓް ކްރޫޑްގެ އަގު ކުރިން 2.7 އިންސައްތަ އުފުލުމަށްފަހު، އިތުރަށް 5.7 އިންސައްތަ ވަނީ އުފުލިފައެވެ. މިހާރު އެ އަގު ހުރީ ފީފާއަކަށް 79.12 ޑޮލަރުގައެވެ. ހަމަ އެފަދައިން ޑަބްލިޔު.ޓީ.އައި. ކްރޫޑްގެ އަގު 2.8 އިންސައްތަ އުފުލި، ފީފާއަކަށް 75.98 ޑޮލަރަށް ވަނީ އަރާފައެވެ.
ވައިގެ ހަމަލާ ދިނުމުގެ ކުރިންވެސް ހަކަތަ ބާޒާރުގެ ތަޖުރިބާކާރުން ވަނީ ހޯމުޒްގެ ކަނޑުއޮޅި ބަންދުވެއްޖެނަމަ ތެލުގެ އަގު ފީފާއަކަށް 100 ޑޮލަރަށް އުފުލިދާނެ ކަމަށް އިންޒާރު ދީފައެވެ. މިއީ 30 އިންސައްތައަށް ވުރެ ބޮޑު ކުރިއެރުމެކެވެ. ހޯމުޒްގެ ކަނޑުއޮޅިއަކީ ދުނިޔޭގެ ތެޔޮ އުފުލުމުގެ ނިޒާމުގައި ވަރަށް މުހިންމު ތަނެކެވެ.
ތަޙުލީލީ ރިޕޯޓަކުން ލަފާކޮށްފައިވާ ގޮތުގައި، ތެލުގެ އަގު މިގޮތަށް އުފުލިއްޖެނަމަ އިޤްތިޞާދީ ގޮންޖެހުންތައް އިތުރަށް ގޯސްވެދާނެއެވެ. އިރާނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ކުރިމަތިލުމާއި، އެކަމުގެ ސަބަބުން ދުނިޔޭގެ ހަކަތަ ބާޒާރުތަކަށް ކުރާ އަސަރުތަކުގެ ސަބަބުން އެކި ޤައުމުތަކުގެ އިޤްތިޞާދަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.