ދުނިޔެ

އީރާނުގެ ޕާލަމެންޓުން ހޮރުމޫޒް ކަނޑައޮޅި ބަންދުކުރަން ރުހުންދީފި

އީރާނުގެ ޕާލަމެންޓުން ހޮރުމޫޒް ކަނޑައޮޅި ބަންދުކުރަން ރުހުންދީފި

ހޮރުމޫޒް ކަނޑައޮޅި، ފޮޓޯ ކްރެޑިޓްސް: އަލް ޖަޒީރާ

22 ޖޫން 2025، 09:55

ކޮންމެ ދުވަހަކު ދުނިޔެއަށް ސަޕްލައިކުރާ ތެލުގެ ބޮޑު އިންސައްތައަކާއި، ލިކުއިފައިޑް ނެޗުރަލް ގޭހުގެ ބޮޑު އިންސައްތައެއް އުފުލާ ހޮރުމޫޒް ކަނޑައޮޅި ބަންދުކުރުމަށް އީރާނުގެ ގާނޫނު ހަދާ މަޖިލީހުން ރުހުން ދީފިކަމަށް އެ ގައުމުގެ ޕްރެސް ޓީވީއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މުޅި ދުނިޔެއާ ގުޅުން އޮތް މި ކަނޑައޮޅި ބަންދުކުރުމަށް އީރާނުގެ ގާނޫނު ހަދާ މަޖިލީހުން ރުހުންދިނީ، އެ ގައުމާއި އިޒްރޭލާ ދެމެދު ބަދަލުކުރަމުންދިޔަ ހަމަލާތަކުގެ ތެރެއަށް އެމެރިކާއިން ވަދެ، ރޭ ފަތިހު އީރާނުގެ ނިއުކްލިއަރ ތިން ފެސިލިޓީއަކަށް ހަމަލާދީފައިވާތީއެވެ. 

ހަމަލާ ދިނުމަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ކާމިޔާބުކަމާއެކު އީރާނަށް ހަމަލާތަކެއް ދެވިފައިވާކަމަށެވެ. އަދި ހަމަލާއަށް ބޭނުންކުރި މަތިންދާ ބޯޓުތައް އީރާނުގެ ވައިގެ ސަރަހައްދުން ނިކުމެފައިވާކަމަށް ވެސް ހާމަކޮށްފައިވެއެވެ. 

މި ހާލަތާ ގުޅިގެން އީރާނުގެ ސްޕްރީމް ލީޑަރު، އާޔަތުالله ޚާމަނާއީ ވިދާޅުވަމުން އައީ، އެމެރިކާއިން އީރާނަށް ހަމަލާ ދީފިނަމަ، އޭގެ ބަދަލުގައި އީރާނުން ދޭ ހަމަލާތަކުގައި އީރާނަށް ލިބުނު ގެއްލުމަށްވުރެ ބޮޑު ގެއްލުމެއް އެމެރިކާއަށް ކުރިމަތިކުރުވާނެކަމަށެވެ. 

ގަލްފް އޮފް ހޮރުމޫޒް އަކީ ޕާޝިއަން ގަލްފާއި ގަލްފް އޮފް އޯމާން އާ ދެމެދުގައިވާ ހަނި ކަނޑުގެ މަގެކެވެ. މިއީ ދުނިޔޭގެ ތެލާއި ގޭހުގެ ވިޔަފާރީގެ މުހިންމު މަގެކެވެ. މި ކަނޑުއޮޅީގެ ފުޅާމިނުގައި 21 ނޯޓިކަލް މޭލާއި 52 ނޯޓިކަލް މޭލާ ދެމެދު ހުރި ނަމަވެސް، ދުނިޔެއަށް ސަޕްލައިކުރާ ތެލުގެ ގާތްގަނޑަކަށް 20 އިންސައްތަ އާއި ދުނިޔޭގެ ލިކުއިފައިޑް ނެޗުރަލް ގޭސް (އެލް.އެން.ޖީ.) ގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ދަތުރުކުރަނީ މި މަގުންނެވެ. މި ސަރަހައްދަށް އަންނަ ކޮންމެ ހީނަރުކަމަކުން ދުނިޔޭގެ ބާޒާރުތަކަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެއެވެ. 

އީރާނާއި ސައޫދީ އަރަބިއްޔާ، އިރާގު، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ގަތަރު ފަދަ ހަކަތަ ބޭރުކުރާ ގައުމުތައް މި ކަނޑުއޮޅިއަށް ބަރޯސާވެފައިވަނީ، މުހިންމު ހަކަތައިގެ ބާވަތްތައް މައިގަނޑު ގޮތެއްގައި އޭޝިއާގެ ބާޒާރުތަކަށް ސަޕްލައިކުރަނީ މި ކަނޑައޮޅިންކަމުންނެވެ. އެގޮތުން ޗައިނާ، އިންޑިއާ، ޖަޕާން، ދެކުނު ކޮރެއާ، އަދި ސިންގަޕޫރު ފަދަ ގައުމުތަކަށް ފޮނުވާ ތެލުގެ ސަޕްލައި ދަތުރުކުރަނީ މި މަގުންނެވެ. މި ގައުމުތަކުން އެކުލެވޭ ބާޒާރަކީ މި ބާވަތުގެ ތަކެތީގެ ތިންބައިކުޅަ ދެބައި ނުވަތަ އެއަށްވުރެ ގިނަ ބޭނުންކުރާ ބާޒާރެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS