ދުނިޔެ
ނެލްސަން މަންޑޭލާ ފަދަ ތާރީޚީ ބޭފުޅުންހިމަނައިގެން ދުނިޔޭގެ ފުރަތަމަ އޭއައި ސަރުކާރު ޤާއިމުކޮށްފި

ސެންސާ އައިލެންޑް : ދުނިޔޭގެ ފުރަތަމަ އޭއައި ސަރުކާރު
ފިލިޕީންސާ ކައިރީގައިވާ ވަކި ޖަޒީރާއެއްގައި، ދުނިޔޭގެ ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި.) އަށް ބިނާކޮށް ހިންގާ ސަރުކާރެއް ގާއިމުކޮށްފިއެވެ. މި ސަރުކާރު ގާއިމުކޮށްފައިވަނީ 'ސެންސާ' ކިޔާ ކުންފުންޏަކުން ގަތް ރަށެއްގައެވެ. ކުރިން 'ޗެރޮން އައިލެންޑް' ގެ ނަމުން މަޝްހޫރުވެފައިވާ މި ރަށަށް މިހާރު ވަނީ 'ސެންސާ އައިލެންޑް' ގެނަންދީފައެވެ.
'ސެންސާ' ކުންފުންޏަކީ އޭ.އައި. ޓެކްނޮލޮޖީ ބޭނުންކޮށްގެން ދުނިޔޭގައި ތިބި މީހުންގެ ޑިޖިޓަލް ރެޕްލިކާތައް އުފެއްދުމަށް މަޝްހޫރު ކުންފުންޏެކެވެ. މި ރަށުގައި ގާއިމުކޮށްފައިވާ ސަރުކާރު ހިންގަނީ ތާރީޚީ ގިނަ ބޭބޭފުޅުންގެ ޑިޖިޓަލް ނަކަލުތަކުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ނުވަތަ ދައުލަތުގެ ވެރިއަކީ، ގަދީމީ ރޯމަން އެމްޕަޔަރ މާކަސް އޯރީލިއަސްގެ ޑިޖިޓަލް ނަކަލެކެވެ. ބްރިޓިޝް ބޮޑުވަޒީރު ވިންސްޓަން ޗާޗިލް ވަޒީރުލްއަޢުޒަމްގެ މަގާމު ފުރުއްވާއިރު، މަޝްހޫރު ޗައިނީޒް މިލިޓަރީ ސްޓްރެޓެޖިސްޓް ސުން ޒޫ ވަނީ ދިފާއީ ވަޒީރުގެ މަގާމުގައެވެ. އަދި ނެލްސަން މަންޑޭލާ ހުންނެވީ އިންސާފުގެ ވަޒީރުގެ މަޤާމުގައެވެ.
ސެންސާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ކޮންމެ އޭ.އައި. ރެޕްލިކާއެއް ވެސް ތަރައްގީކުރެވިފައިވަނީ އެ ތާރީޚީ ބޭފުޅެއްގެ ޝަޚުސިއްޔަތާއި، އުސޫލުތަކާއި، ނިންމުން ނިންމުމުގެ ސްޓައިލް ދައްކުވައިދޭ ގޮތަށެވެ. މި ޑިޖިޓަލް ޝަޚުސިއްޔަތުތައް ތަމްރީނުކުރެވިފައިވަނީ އެ ބޭފުޅުންނާ ގުޅުންހުރި އަދަބިއްޔާތާއި، ފިލޯސޮފީއާއި، ތަގުރީރުތަކާއި، ލިޔުންތައް ބޭނުންކޮށެވެ.
މި ސަރުކާރަކީ މުޅިން އޭ.އައި. އަށް ބިނާވެފައިވާ ސަރުކާރެކެވެ. ކެބިނެޓުގައި ޖުމްލަ 17 ތާރީޚީ ބޭފުޅުން ހިމެނެއެވެ. ކުންފުނިން ބުނި ގޮތުގައި "އަހަރެމެންގެ އަމާޒަކީ އޭ.އައި. ޓެކްނޮލޮޖީއަކީ ހާމަކަންބޮޑު، ހަރުދަނާ އަދި ޢަމަލީ ސިޔާސަތުތައް ކަނޑައެޅުމަށް އެހީތެރިވެދޭނެ އެއްޗެއްކަން ދުނިޔެއަށް ދެއްކުމެވެ."
މީގެ އިތުރުން، އެ ބަޔާނުގައި ފާހަގަކޮށްފައިވަނީ އޭ.އައި. އަށް ބިނާވެފައިވާ ސަރުކާރަކީ މުސްތަޤްބަލުގެ މަގެއް ކަމަށާއި، އެއީ ސިޔާސީ ނުފޫޒާއި، ބޭކާރު ދިގުދެމުންތަކުން މިނިވަންވެ، ހަމައެކަނި ފައިދާހުރި އަދި މަސްއޫލިއްޔަތު އުފުލާ ނިންމުންތަކަށް ސަމާލުކަން ދޭނެ ސަރުކާރެއް ކަމަށެވެ.
ފިލިޕީންސާ ކައިރީގައި އޮންނަ މި ރަށަކީ 3.4 އަކަ ކިލޯމީޓަރުގެ ބޮޑު މިނުގެ ރަށެކެވެ. މި ރަށުގައި ގޮނޑުދޮށްތަކާއި ޖަންގަލީގެ ސަރަހައްދުތައް ހުރެއެވެ. ގޫގުލް މެޕްސް އިން މި ރަށް ފެނިގެންދާނެއެވެ. ނަމަވެސް، ރަށުގައި އެއްވެސް އިންފްރާސްޓްރަކްޗާއެއް ފެންނަން ނެތް ކަމަށާއި، މި ރަށަށް ޒިޔާރަތް ކުރަން ރާވާނަމަ ވައި-ފައި ލިބުން ދަތިވެދާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.
ސެންސާ އައިލެންޑްގެ އޭ.އައި. ބެހޭ ޓޫރިޒަމް މެނޭޖަރު، މަރިސޯލް ރޭޔަސްއާ (އޭ.އައި. އަށް ބިނާވެފައިވާ ޝަޚުސިއްޔަތެއް) ރަށުގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ޗެޓްކުރެވޭނެއެވެ. އޭނާ ބުނީ "ކޮންމެ ވަގުތެއްގައި ވެސް މި ރަށަށް ޒިޔާރަތްކޮށް، މުސްތަގުބަލުގެ އޭ.އައި. ސަރުކާރާއި، ފިލިޕީންސްގެ ސަގާފީ މެހެމާންދާރީ އެކުގައި ތަޖުރިބާކުރެވޭނެ" ކަމަށެވެ.
ރަށަށް ޒިޔާރަތް ނުކުރެވޭ މީހުންނަށް އޮތް ރަނގަޅު ޚަބަރަކީ، ސެންސާ އައިލެންޑްގެ އީ-ރެސިޑެންޓެއްގެ ގޮތުގައި ރަޖިސްޓަރީ ވެވޭނެ ކަމެވެ. މިކަމުގެ ސަބަބުން އޭ.އައި. އަށް ބިނާވެފައިވާ އިދާރާއަށް އާ ސިޔާސަތުތައް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ސެންސާގެ ފައުންޑަރ އަދި ސީ.އީ.އޯ. ޑޭން ތޮމްސަން ވިދާޅުވީ، "މި މަޝްރޫޢަކީ އޭ.އައި. މަސްއޫލިއްޔަތު އުފުލާ ދިމާލަކަށް ގެންދިއުމަށް ހުރި ކޮމިޓްމަންޓް ދައްކުވައިދޭނެ ކަމެކެވެ."