ދުނިޔެ

ނޮބެލް ސުލްހައިގެ އިނާމު ނުލިބިދާނެ ، އެކަމު ރައްޔިތުން ދަންނާނެ އަހަރެން ސުލްހައަށް ކުރާ މަސައްކަތް: ޓްރަމްޕް

ނޮބެލް ސުލްހައިގެ އިނާމު ނުލިބިދާނެ ، އެކަމު ރައްޔިތުން ދަންނާނެ އަހަރެން ސުލްހައަށް ކުރާ މަސައްކަތް: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 ޖޫން 2025، 10:36

22 ޖޫން 2025، 10:36

ޕާކިސްތާނުން އެމެރިކާގެ  ރައީސް ޑޮނަލްޑް ޓްރަމްޕްއަށް 2026 ވަނަ އަހަރުގެ ނޯބެލް ސުލްހައިގެ އިނާމަށް ނޮމިނޭޓްކޮށްފައިވާއިރު، ޓްރަމްޕް ވަނީ މިކަމާ ގުޅިގެން މަޖާޒީ ރާގަކަށް ވާހަކަ ދައްކަވާފައެވެ. ޕާކިސްތާނުން މި ނޮމިނޭޝަން ހުށަހެޅީ ޓްރަމްޕް  ސަރަހައްދީ ގުޅުންތައް ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތްތަކަށް ބަލައިގެންނެވެ.

މި ނޮމިނޭޝަން ހުށަހެޅިތާ މާގިނަދުވަހެއް ނުވެ، އެމެރިކާ ވަނީ އިސްރާއީލާ ގުޅިގެން އީރާނުގެ ތިން ނިއުކްލިއަރ ފެސިލިޓީއަކަށް އަސްކަރީ ހަމަލާތަކެއް ދީފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭރު ވިދާޅުވީ، ފޯޑޯ، ނަތަންޒް އަދި އިސްފަހާންގައި ހުންނަ އީރާނުގެ ނިއުކްލިއަރ ސައިޓުތަކަށް އެމެރިކާގެ ސިފައިން ދިން ވައިގެ ހަމަލާތައް "ވަރަށް ކާމިޔާބު" ކަމަށެވެ.

ޕާކިސްތާނުން ނޮމިނޭޓްކުރި ސަބަބު
ޕާކިސްތާނުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންޑިއާއާއި ޕާކިސްތާނާ ދެމެދު ދެކޮޅުވެރިކަން ހައްލުކުރުމުގައި ރައީސް ޓްރަމްޕްގެ ދެފުށްފެންނަ ޑިޕްލޮމެޓިކް ހަރަކާތްތަކާއި އިސް ދައުރަށް ބަލައި މި ނިންމުން ނިންމީ ކަމަށެވެ.
ފާއިތުވި ބުދަ ދުވަހު ޕާކިސްތާނުގެ އަސްކަރިއްޔާގެ ކޮމާންޑަރު ޖެނެރަލް އާސިމް މުނީރު ވަނީ ޓްރަމްޕްގެ ދައުވަތަކަށް ވައިޓް ހައުސްގައި ޓްރަމްޕާއެކު މެންދުރުގެ ކެއުމެއްގައި ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުމަށްފަހު ވައިޓް ހައުސްގެ ތަރުޖަމާނު އަންނާ ކެލީ ވިދާޅުވީ، ޖެނެރަލް މުނީރު އިންޑިއާ-ޕާކިސްތާން ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް ކުރެއްވި މަސައްކަތްތަކަށްޓަކައި އެމަނިކުފާނު ނޯބެލް ސުލްހައިގެ އިނާމަށް ނޮމިނޭޓްކުރުމަށް ހުށަހަޅުއްވައިފައިވާ ކަމަށެވެ.

ބަޔާނުގައި ޓްރަމްޕް 2025 ވަނަ އަހަރު އިންޑިއާއާއި ޕާކިސްތާނާ ދެމެދު އުފެދުނު ބޮޑު ދެކޮޅުވެރިކަން ހައްލުކުރެއްވުމުގައި އަދާކުރެއްވި ދައުރު ފާހަގަކޮށް، މެދުއިރުމަތީގައި ހިނގަމުންދާ ކަންކަމާއި، ޚާއްސަކޮށް ޣައްޒާގެ އިންސާނީ ކާރިސާ އަދި އީރާނާ ދެމެދު އުފެދެމުންދާ ގުޅުންތަކުގެ މައްސަލަތަކުގައި ވެސް ޓްރަމްޕްގެ ޑިޕްލޮމެޓިކް ދައުރަށް ތައުރީފުކޮށްފައިވެއެވެ. ޕާކިސްތާނުން އުންމީދުކުރަނީ ޓްރަމްޕްގެ މި މަސައްކަތްތަކުން ދުނިޔޭގެ ސުލްހަ މަސަލަސްކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

"ނޯބެލް ނުލިބޭނެ" : ޓްރަމްޕް

މިކަމާ ގުޅިގެން ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑޮނަލްޑް ޓްރަމްޕް ވަނީ ސަމާސާ ރާގެއްގައި "އަހަރެން ކޮންމެ ކަމެއް ކުރިއަސް، ނޯބެލްއެއް ނުލިބޭނެ" ކަމަށް ވިދާޅުވެފައެވެ.
އޭގެ ފަހުން، އެމެރިކާގެ  ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޕޯސްޓެއްވެސް ކުރައްވާފައެވެ.  ސުލްހައަށް ކުރެއްވި މަސައްކަތުގެ ކާމިޔާބީތައް ލިސްޓު ކުރައްވަމުން ޓްރަމްޕް ލިޔުއްވިއެވެ:

"ދެކޮޅުވެރިކަމެއްގައި އޮތް ކޮންގޯ ޑިމޮކްރެޓިކް ރިޕަބްލިކާއި ރުވާންޑާ ދެމެދު ވަރަށް މޮޅު އެއްބަސްވުމެއް ހެދިވާހަކަ ދަންނަވަން. އެކަމަށް އަހަންނަށް ނޯބެލް ސުލްހައިގެ އިނާމެއް ނުލިބޭނެ. އަހަންނަށް ނޯބެލް ނުލިބޭނެ ،   އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހަނގުރާމައެއް ހުއްޓުވައިދިނީތީވެސް. އިނާމެއް ނުލިބޭނެ މިސްރާއި އިތިއޯޕިއާ ދެމެދު ސުލްހަ ޤާއިމްކުރިކަމުގަ ވިޔަސް، ނުވަތަ މެދުއިރުމަތީގައި އަބްރަހަމް އެކޯޑް ހެދިކަމަށްވިޔަސް."

ޓްރަމްޕްގެ ޕޯސްޓް ނިންމާލައްވަމުން  ލިޔުއްވާފައިވަނީ  "އަހަރެން ކިތަންމެ ކަމެއް ކުރިއަސް – ރަޝިޔާ-ޔުކްރެއިން ނުވަތަ އިސްރާއީލް-އީރާން ސުލްހަކުރުވިކަމުގައި ވިޔަސް ނޯބެލް ސުލްހައިގެ އިނާމެއް ނުލިބޭނެ. އެކަމަކު ހުރިހާ ކަމެއްވެސް ރައްޔިތުންނަށް އެނގޭނެ، އަހަންނަށް އެވަރު ފުދޭ" ޓްރަމްޕްގެ މި ބަސްތަކުން އެނގިގެންދަނީ  ސަމާސާ ރާގެއްގައި ވާހަކަ ދައްކަވާފައިވާ ކަމެވެ.

ނޯބެލް ސުލްހައިގެ އިނާމަށް ބޭރުގެ ވެރިން ނޮމިނޭޓްކުރެވިދާނެތަ؟
ނޯބެލް އިނާމުގެ ރަސްމީ ވެބްސައިޓްގައިވާ ގޮތުން ނޯބެލް ސުލްހައިގެ އިނާމަށް ކެންޑިޑޭޓުން ނޮމިނޭޓް ކުރެވޭނީ ވަކިވަކި ކަމާބެހޭ ފަރާތްތަކަށެވެ. އެ ފަރާތްތަކުގެ ތެރޭގައި:

ޤައުމީ ސަރުކާރުތަކުގެ މެންބަރުންނާއި ބައިނަލްއަގްވާމީ މަޖިލިސްތަކުގެ މެންބަރުން (ޤައުމުތަކުގެ ވެރިން، ވަޒީރުން، އަދި މަޖިލިސް މެންބަރުން ހިމެނޭ)
ބައިނަލްއަޤްވާމީ ކޯޓުތަކުގެ މެންބަރުން
ކަމާބެހޭ ދާއިރާތަކުގެ ޔުނިވަރސިޓީ ޕްރޮފެސަރުން
ނޯބެލްގެ ކުރީގެ އިނާމު ހާސިލުކުރައްވާފައިވާ ބޭފުޅުން
ނޯބެލް ނޯވޭ ކޮމިޓީގެ މެންބަރުން

މީގެ މާނައަކީ، ސަރުކާރުގެ އޮފިޝަލަކުވެސް ހިމެނޭ ގޮތަށް، ކަމާބެހޭ  ފަރާތަކަށް، އެހެން މީހަކު ނޯބެލް ސުލްހައިގެ އިނާމަށް ނޮމިނޭޓް ކުރެވިދާނެއެވެ. އެހެންނަމަވެސް، ނޮމިނޭޝަން ހުށަހަޅަންވާނީ އަމިއްލަ ހައިސިއްޔަތުން ކަމާބެހޭ ފަރާތަކުންނެވެ. ބައިނަލްއަގްވާމީ މުއައްސަސާއަކުން ނޮމިނޭޓް ނުކުރެވެއެވެ.

ކުރިން މިގޮތަށް ނޮމިނޭޓްކުރެވިފައިވާ ބޭރުގެ ވެރިން

ނޯބެލް ސުލްހައިގެ އިނާމަށް ބޭރުގެ ގައުމުތަކުގެ ބައެއް ވެރިން ކުރިންވެސް ވަނީ ނޮމިނޭޓްކުރެވިފައެވެ. މިސާލަކަށް:

އަޑޮލްފް ހިޓްލަރ (1939): ސްވީޑަންގެ މަޖިލިސް މެންބަރު އެރިކް ގޮޓްފްރިޑް ކްރިސްޓިއަން ބްރެންޑް 1939 ވަނަ އަހަރު ހިޓްލަރ ނޮމިނޭޓްކުރެއްވީ ސަމާސާއެއްގެ ގޮތުގައެވެ. މި ނޮމިނޭޝަން ފަހުން ވަނީ އަނބުރާ ނަންގަވާފައެވެ.
ވްލަޑިމިއަރ ޕޫޓިން (2014): ރަޝިޔާގެ ރައީސް ޕޫޓިން ނޮމިނޭޓްކުރެއްވީ "އިންޓަރނޭޝަނަލް އެކެޑެމީ އޮފް ސްޕިރިޗުއަލް ޔުނިޓީ އެންޑް ކޯޕަރޭޝަން އޮފް ޕީޕަލްސް އޮފް ދަ ވޯލްޑް" އިންނެވެ. ސޫރިޔާގައި ކެމިކަލް ހަމަލާތަކެއް ދިނުމަށްފަހު އެމެރިކާގެ އަސްކަރީ ހަރަކާތެއް ހުއްޓުވުމުގައި އެމަނިކުފާނު މުހިންމު ދައުރެއް އަދާކުރެއްވި ކަމަށް އެމީހުން ދައުވާކުރިއެވެ.
ޑޮނަލްޑް ޓްރަމްޕް (2025): ޔުކްރެއިންގެ މަޖިލިސް މެންބަރު އޮލެކްސަންޑްރް މެރެޝްކޯ، މިއީ ރައީސް ޒެލެންސްކީގެ ޕާޓީގެ މެންބަރެކެވެ. އެ މަނިކުފާނު ވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު 2025 ވަނަ އަހަރުގެ ނޯބެލް ސުލްހައިގެ އިނާމަށް ޓްރަމްޕް ނޮމިނޭޓްކުރައްވާފައެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވެފައިވަނީ ރަޝިޔާ-ޔުކްރެއިން ހަނގުރާމައަށް ސުލްހަ ގެނައުމަށް ޓްރަމްޕަށް އެހީތެރިވުން ކަމަށެވެ.

މި މިސާލުތަކުން ދައްކައިދެނީ، ނޯބެލް ސުލްހައިގެ އިނާމަށް ބޭރުގެ ވެރިންނަށް ގާނޫނީ ގޮތުން ނޮމިނޭޓް ކުރެވޭނެކަމެވެ. އެހެންނަމަވެސް، ނޮމިނޭޝަން ހުށަހަޅަންވާނީ ކަމާބެހޭ ފަރާތަކުންނެވެ.

ނޯބެލް ސުލްހައިގެ އިނާމު ހާސިލުކުރެއްވި އެމެރިކާގެ ރައީސުން

ނޯބެލް ސުލްހައިގެ އިނާމު ހާސިލުކުރައްވާފައިވާ އެމެރިކާގެ ހަތަރު ރައީސެއް ހުންނެވިއެވެ. އެންމެ ފަހުން މި އިނާމު ހާސިލުކުރެއްވީ ބަރަކް އޮބާމާއެވެ.

ތިއޮޑޯ ރޫޒްވެލްޓް: އެމެރިކާގެ 26 ވަނަ ރައީސް. މެކިންލީ އަވަހާރަކޮށްލުމަށްފަހު 1901 ވަނަ އަހަރު ރައީސްކަމަށް ވަޑައިގަތެވެ. ރަޝިޔާ-ޖަޕާން ހަނގުރާމައިގަ  ސުލްހަ ޤާއިމުކުރުމަށް އެހީތެރިވެދެއްވި ކަމަށްޓަކައި 1906 ވަނަ އަހަރު ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގަތެވެ.
ވުޑްރޯ ވިލްސަން: އެމެރިކާގެ 28 ވަނަ ރައީސް. 1913 އިން 1921 އަށް ރައީސްކަން ކުރެއްވިއެވެ. ލީގް އޮފް ނޭޝަންސް އުފެއްދުމުގައި އެމަނިކުފާނު އަދާކުރެއްވި ދައުރަށްޓަކައި 1919 ވަނަ އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގަތެވެ.
ޖިމީ ކާޓަރ: އެމެރިކާގެ 39 ވަނަ ރައީސް. 1977 އިން 1981 އަށް ރައީސްކަން ކުރެއްވިއެވެ. ދުނިޔޭގެ ސުލްހައާއި، އިންސާނީ ހައްގުތަކާއި، ތިމާވެށީގެ ވަކާލާތުކުރުމުގައި އެމަނިކުފާނު ކުރެއްވި ގްލޯބަލް މަސައްކަތްތަކަށްޓަކައި 2002 ވަނަ އަހަރު ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގަތެވެ. އެމަނިކުފާނު ނިޔާވީ ފާއިތުވި އަހަރު 100 އަހަރުގައެވެ.
ބަރަކް އޮބާމާ: އެމެރިކާގެ 44 ވަނަ ރައީސް. ބައިނަލްއަގްވާމީ ޑިޕްލޮމެސީއާއި ގުޅުންތައް ވަރުގަދަކުރުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްތަކަށްޓަކައި 2009 ވަނަ އަހަރު ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގަތެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS