ދުނިޔެ
އެމެރިކާއިން ހަމަލާދިން ތަންތަނުގައި ރޭޑިއޯއެކްޓިވް ތަކެތި ނެތްކަމަށް އީރާނުން ހާމަކޮށްފި

އީރާންގެ އިސްފަހަންގައި ހުންނަ ނިއުކްލިއަރ ފެސިލިޓީ (2005)، ފޮޓޯ: އޭޕީ
ރޭ ފަތިހު އެމެރިކާއިން އީރާނުގެ ތިން ނިއުކްލިއަރ ފެސިލިޓީއަކަށް ހަމަލާދީފައިވާއިރު، އެ ތަންތަނުގައި ރޭޑިއޯއެކްޓިވް ތަކެތި ނެތްކަމަށް އީރާނުގެ އައިއާރުއެންއޭ ނިއުސް އެޖެންސީއިން ރިޕޯޓުކޮށްފިއެވެ.
އެހެންކަމުން، ގަބޫލުކުރެވޭ ގޮތުގައި މި ތަންތާގައި ހުރި ޔުރޭނިއަމް އެކުލެވޭ މާއްދާތައް ވަނީ ބޮން އެޅުމުގެ ކުރިން އެހެން ސަރަހައްދުތަކަށް ގެންގޮސްފައެވެ. ރޭޑިއޯއެކްޓިވް ތަކެތި ލީކުވުމަކީ އިންސާނުންނާއި ތިމާވެއްޓަށް އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ކުރިމަތި ކުރުވާނެކަމެކެވެ.
މި ހަމަލާއަށްފަހު އީރާނުގެ ސްޕްރީމް ލީޑަރު، އާޔަތުالله ޚާމަނާއީގެ ޓެލެގްރާމް އެކައުންޓުން ވަނީ މިފަދަ ހާލަތެއްގައި އީރާނުން އަމަލުކުރާނެ ގޮތް ހާމަކުރާ ވީޑިއޯތަކެއް ހިއްސާކުރައްވާފައެވެ. މިދިޔަ ބުދަ ދުވަހުގެ މި ވިޑިއޯތަކުގައި ޚާމަނާއީ ވިދާޅުވީ، އެމެރިކާއިން އީރާނަށް ހަމަލާ ދީފިނަމަ، އޭގެ ބަދަލުގައި އީރާނުން ދޭ ހަމަލާތަކުގައި އީރާނަށް ލިބުނު ގެއްލުމަށްވުރެ ބޮޑު ގެއްލުމެއް އެމެރިކާއަށް ކުރިމަތިކުރުވާނެކަމަށެވެ.
އެމެރިކާއިން ހަމަލާދިން ފޯރޑޯ، ނަޓެންޒް އަދި އެސްފަހަންގައި ހުންނަ ފެސިލިޓީތަކަކީ އީރާނުގެ ނިއުކްލިއަރ ޓެސްޓުތައް ކުރަމުންދާ މަރުކަޒުތަކެވެ.
އިންޓަނޭޝަނަލް އެޓޮމިކް އެނާރޖީ އެޖެންސީ (އައިއޭއީއޭ)ގެ 2022 ވަނަ އަހަރުގެ ރިޕޯޓެއް ބުނާ ގޮތުން، އިސްފަހަންގައި ހުންނަ ފެސިލިޓީއަކީ އީރާނުގައި ޔުރޭނިއަމް އެންމެ މުއްސަނދި މާއްދާތައް އެންމެ ގިނައިން ރައްކާކޮށްފައި ހުންނަ ފެސިލިޓީކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުން އީރާނުގައި ޖުމްލަ 6 ނިއުކްލިއަރ ފެސިލިޓީއެއް ހުރެއެވެ. އެގޮތުން އެމެރިކާއިން ހަމަލާދިން ތިން ފެސިލިޓީއަކީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމުގެ އެންމެ މުހިންމު މަރުކަޒުތައް ކަމުގައި ބެލެވެއެވެ.
މި ހަމަލާއަށްފަހު ގައުމާ މުހާތަބުކޮށް ވާހަކަ ދައްކަމުން ޓްރަމްޕް ވިދާޅުވީ، މިއީ އިޒްރޭލާ ގުޅިގެން ދިން ހަމަލާތަކެއް ކަމަށެވެ. އަދި ބޭނުމަކީ އިޒްރޭލަށް އޮތް ނުރައްކާތައް ނައްތާލުންކަމަށް ވެސް ހާމަކުރެއްވިއެވެ. އަދި މި ހަމަލާތަކުގެ ސަބަބުން އީރާނުން އަމާން ނުދީފިނަމަ، އިތުރު ހަމަލާތަކެއް ދޭނެކަމަށް ވެސް ވިދާޅުވިއެވެ.