ދުނިޔެ
އެމެރިކާއިން އީރާނުގެ ތިން ނިއުކްލިއަރ ފެސިލިޓީއަކަށް ހަމަލާދީފި

އެމެރިކާއިން ހަމަލާދީފައިވާ ސަރަހައްދެއް، ފޮޓޯ: އޭޕީ
އެމެރިކާއިން އީރާނުގެ ތިން ނިއުކްލިއަރ ފެސިލިޓީއަކަށް ހަމަލާދީ، ސީދާ ހަނގުރާމައިގެ ތެރެއަށް ވަދެފިއެވެ.
ފަތިހު ދިން މި ހަމަލާތައް އެމެރިކާއިން އަމާޒުކުރީ އިރާނުގެ ނިއުކްލިއަރ ފެސިލިޓީތައް ހުންނަ ފޯރޑޯ، ނަޓެންޒް އަދި އިސްފަހަންއަށެވެ.
ހަމަލާ ދިނުމަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ކާމިޔާބުކަމާއެކު އީރާނަށް ހަމަލާތަކެއް ދެވިފައިވާކަމަށެވެ. އަދި ހަމަލާއަށް ބޭނުންކުރި މަތިންދާ ބޯޓުތައް އީރާނުގެ ވައިގެ ސަރަހައްދުން ނިކުމެފައިވާކަމަށް ވެސް ހާމަކޮށްފައިވެއެވެ.
— Donald J. Trump (@realDonaldTrump) June 21, 2025
ޓްރަމްޕުގެ ޕޯސްޓުގައި އިތުރަށް ބުނީ، އެންމެ ގިނައިން ބޮން އަޅާފައިވާނީ ފުރަތަމަ ހަމަލާދިން ފޯރޑޯއަށް ކަމަށެވެ. އަދި އެމެރިކާ ސިފައިން ނޫން ބަޔަކަށް އެ އެޕޮރޭޝަން ނުހިންގޭނެކަމަށް ވެސް ބުނެފައިވެއެވެ. މެސެޖު ނިންމާލަމުން ބުނެފައިވަނީ، އަމާންކަން ގާއިމްކުރަންޖެހޭ ވަގުތު ޖެހިއްޖެކަމަށެވެ.
އެމެރިކާގެ މި ހަމަލާއާ ގުޅިގެން، ހަނގުރާމަ އިތުރަށް ވަރުގަދަވެގެން ދާނެކަމުގެ ބިރު މިވަނީ ވަރަށް ބޮޑަށް ހީވެފައެވެ.
އެމެރިކާއިން ހަމަލާދިން ނަމަވެސް، މިއީ ޓްރަމްޕަށް ލަފާދޭ ފަރާތްތަކުގެ މެދުގައި ހިޔާލު ތަފާތުވެފައިވާ ކަމެކެވެ. ޓްރަމްޕަށް ލަފާދޭ ބައެއް ފަރާތްތަކުން އިޒްރާއިލްގެ ފަރާތުން ހަނގުރާމައިގައި ބައިވެރިވުމަށް ދެކޮޅުހަދާއިރު، އަނެއްބައި ފަރާތްތަކުން އީރާނަށް ވަރުގަދަ ހަމަލާއެއް ދިނުމަށް ބާރުއަޅަމުންދެއެވެ.
އެމެރިކާގެ މި ހަމަލާއާ ގުޅިގެން ހޫތިންގެ އޮފިޝަލެއް ބުނީ، ނިއުކްލިއަރ ފެސިލިޓީއަކަށް ހަމަލާދިނުމަށްފަހު އަމަން ގާއިމްކުރަންޖެހޭ ވަގުތު ޖެހިއްޖެކަމަށް ޓްރަމްޕު ވިދާޅުވި ނަމަވެސް، އެއީ ހަނގުރާމައިގެ ފެށުން ކަމަށެވެ.
އަދި އީރާނަށް ހަމަލާދީފިނަމަ، ރަތް ކަނޑުގައި އޮތް އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެކަމަށް ރޭގެ ވަގުތެއްގައި ހޫތިން ވަނީ ބުނެފައެވެ.