ދުނިޔެ
އެމެރިކާއާއެކު އީރާނުން މަޝްވަރާ ބައްދަލުވުންތައް ފަށައިފި

އެމެރިކާ އަދި އީރާން ގެ ދިދަ
ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދެމުންދާ މި ދަނޑިވަޅުގައި، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއާ އެކު އީރާނުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި މަޝްވަރާތައް ބާއްވާފައި ވަނީ އީރާނަށް ޔަހޫދީންގެ ޙަމަލާތައް ފެށުނު ފަހުން، އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފްއާ ދެމެދު ފޯނުންނެވެ. ވިލާތުގެ ޤައުމުތަކުގެ މަޞްދަރުތަކުން ހާމަކުރެއްވި ގޮތުގައި، މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ދެ ބޭފުޅުން ވާހަކަފުޅު ދައްކަވާފައި ވަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުންނެވެ.
ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތައް ދޭން ފަށާފައި ވަނީ ޖޫން 13 ވަނަ ދުވަހުއެވެ. މި ޙަމަލާތަކަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރުހުމާ އެކު ހިންގަމުންދާ ޖަރީމާއެއްގެ ގޮތުގައި ބެލެވެއެވެ. ވިޓްކޮފާ ވާހަކަފުޅު ދައްކަވަމުން ޢަރާޤިޖީ ވަނީ، އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން އެމެރިކާއާ އެކު އަލުން މަޝްވަރާތައް ފަށާނީ ޔަހޫދީންގެ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމުން ކަމުގައި ވިދާޅުވެފައެވެ. އީރާނާއި އެމެރިކާއާ ދެމެދު އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން މަޝްވަރާތައް ފަށާފައި ވަނީ އޭޕްރިލް މަހުއެވެ. ނަމަވެސް، ޔަހޫދީންގެ ނިރުބަވެރި ޙަމަލާތައް ފެށުމާ އެކު އީރާނުން ވަނީ މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވުމަށް އިންކާރު ކޮށްފައެވެ.
މަޞްދަރުތަކުން ބުނި ގޮތުގައި، ޢަރާޤިޖީއާއި ވިޓްކޮފާ ދެމެދު ބޭއްވި މަޝްވަރާތަކުގައި ޔުރޭނިޔަމް މުއްސަނދި ކުރުމަށް އީރާނުން ކުރަމުންދާ މަސައްކަތްތައް މެދުކަނޑައިލުމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި، އެމެރިކާއިން އައު ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަމުގައެވެ. ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތް ބޭރު ޤައުމަކަށް ބަދަލު ކުރުމަށް އެމެރިކާއިން އޮތީ މޭ މަހުގެ ނިޔަލަށް އީރާނަށް މުހުލަތު ދީފައެވެ. ނަމަވެސް، އީރާނުން ވަނީ އެ ކަމަށް އިންކާރު ކޮށްފައެވެ.
ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ މަޝްވަރާތައް އަލުން ފެށުމަށް އީރާނުން ތައްޔާރަށް އޮތް ކަން، ވިޓްކޮފް ގާތުގައި ޢަރާޤިޖީ ވިދާޅުވެފައިވާ ކަމުގައި މަޞްދަރުތަކުން ބުންޏެވެ. އަދި، އީރާންގެ ޝަރުޠުތަކަށް ލުދިތަކެއްދީ، ޓްރަމްޕް ބޭނުންވާ ބަައެއް ކަންކަމަށް އެއްބަސްވުމަށް ނިންމާފައިވާ ކަން އޭނާ ވިޓްކޮފް ގާތު ވިދާޅުވެފައިވާ ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ. ނަމަވެސް، ޔަހޫދީންގެ ނިރުބަވެރި ޙަމަލާތައް ހުއްޓައިނުލާ ނަމަ މަޝްވަރާތައް އަލުން ފެށުމަށް އޭނާ ވަނީ ދެކޮޅު ހައްދަވާފައެވެ.