ވިޔަފާރި / ޚަބަރު
ހުޅުމާލެ ވަގުތީ އިންޖީނުގެއަށް ބޭނުންވާ ޖުމްލަ 160،000 ލީޓަރުގެ ތެޔޮ ރައްކާކުރެވޭ ދެ ޓޭންކްގެ މަސައްކަތް ނިމިއްޖެ

ހުޅުމާލޭ އިންޖީނުގޭ ފިއުލް ސްޓޯރޭޖް ޓޭންކްތައް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތް ނިމިއްޖެ ފޮޓޯ:އެމްޓީސީސީ
މާލެ ސަރަހައްދުގައި އެންމެ ހަލުވި މިނެއްގައި އާބާދުވަމުން އަންނަ ހުޅުމާލޭގެ އިތުރުވަމުން އަންނަ އާބާދީއަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތް ފުރިހަމައަށް ފޯރުކޮށްދިނުމަށްޓަކައި، އެ ސިޓީގެ ވަގުތީ އިންޖީނުގެއަށް ބޭނުންވާ ތެޔޮ ރައްކާކުރާ 2 ޓޭންކް ބެހެއްޓުމުގެ މަސައްކަތް ނިމިއްޖެއެވެ.
ޖުމްލަ 160،000 ލީޓަރުގެ ތެޔޮ ރައްކާކުރެވޭ މި ދެ ޓޭންކް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ.
މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ މިދިޔަ މާރިޗު މަހުގެ 10 ވަނަ ދުވަހުއެވެ. އެމްޓީސީސީން މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. މި މަސައްކަތުގެ ތެރޭގައި، ފެބްރިކޭޓެޑް ޓޭންކްތަކުގައި އިތުރު ފަށަލައެއް ލުމުގެ ގޮތުން، ކޮންކްރީޓު ޖެހުމުގެ މަސައްކަތްތަކާއި، 80،000 ލީޓަރުގެ ދެ ފިއުލް ޓޭންކް ބަހައްޓާ ފެބްރިކޭޓު ކުރުމުގެ މަސައްކަތް ހިމެނެއެވެ.
ހުޅުމާލޭގައި ސްޓެލްކޯއިން ވަގުތީގޮތުން ހަދާފައިވާ އިންޖީނުގެއަށް ބޭނުންވާ ތެޔޮ ރައްކާކުރުމަށް ބެހެއްޓި މި ޓޭންކުތަކަކީ، ގްރޭޓަރ މާލެ ޕަވަރ ޖެނެރޭޝަން ބެކަޕެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާ އިންޖީނުގެއަށް ވަރަށް ބޭނުންތެރި ވަސީލަތެކެވެ. މި ވަގުތީ އިންޖީނުގޭގައި އިންޖީނުތައް ބެހެއްޓުމުގެ މަސައްކަތް މިދިޔަ މާރިޗު މަހު ނިންމާފައިވާއިރު، މި ޕްރޮޖެކްޓުގައި ޖުމްލަ 13 އިންޖީނު ވަނީ ބަހައްޓާފައެވެ. މި އިންޖީނުތަކުން 17 މެގަވޮޓްގެ ކަރަންޓު ކެޕޭސިޓީ އުފައްދާއިރު، މިހާރު ދަނީ އެ އިންޖީނުތައް ބޭނުންކުރަމުންނެވެ. މި އިންޖީނުތައް ބަހައްޓާފައިވަނީ ހުޅުމާލޭގެ އެމްޑަބްލިއުއެސްސީ ފެކްޓްރީގެ ބިއްދޮށުން އޮންނަ ބިމުގައެވެ.
ހުޅުމާލޭ އިންޖީނުގޭ ފިއުލް ސްޓޯރޭޖް ޓޭންކްތައް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތް ނިމިއްޖެ
— MTCC Plc (@MTCCPlc) June 19, 2025
ޕްރެސް ރިލީޒް:https://t.co/mw7ssbQznF pic.twitter.com/40cyCFnXxi
ސްޓެލްކޯއިން ހުޅުމާލޭގައި އަޅާ ދާއިމީ އިންޖީނުގޭގެ މަޝްރޫޢު ކުރިއަށްގެންދެވެންދެން، އެ ސިޓީގެ ކަރަންޓުގެ ޚިދުމަތަށް ބުރޫއެރިޔަނުދީ ޚިދުމަތް ކުރިއަށްގެންދެވޭކަން ކަށަވަރުކުރުމަށް މި ވަގުތީ އިންޖީނުގެއަކީ އެޅި ވަރަށް މުހިންމު ފިޔަވަޅެކެވެ.
މުޅި މާލެ ސަރަޙައްދުގައި މިހާރު ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންކުރަނީ، ހުޅުމާލޭގައި ފިފްތް ޕަވަރ ޕްރޮޖެކްޓްގައި ޤާއިމުކުރި އިންޖީނުގެއެވެ. އެގޮތުން ހުޅުމާލެ، މާލެ އަދި ހުޅުލޭގެ ކަރަންޓު ވަނީ މި ވިއުގައިން ގުޅާލާފައެވެ.