Ads by Stelco

ޚަބަރު

ރާއްޖޭގެ ބޭހުގެ ނިޒާމު ހަރުދަނާކުރުމަށް ޕާކިސްތާނާއެކު ސިއްޙީ ވުޒާރާއިން މަޝްވަރާކޮށްފި

ރާއްޖޭގެ ބޭހުގެ ނިޒާމު ހަރުދަނާކުރުމަށް ޕާކިސްތާނާއެކު ސިއްޙީ ވުޒާރާއިން މަޝްވަރާކޮށްފި

ސިއްޙީ ވުޒާރާގެ އިސްވެރިން ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ (ޑްރެޕް) އާ އެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ޖޫން 2025، 01:33

20 ޖޫން 2025، 01:33

ރާއްޖޭގައި ބޭހާ ގުޅޭ ކަންކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ސިއްޙީ ވުޒާރާގެ އިސްވެރިން ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ (ޑްރެޕް) އާ އެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ސިއްޙީ ވުޒާރާގެ އިސްވެރިން މިހާރު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި ދެޤައުމުގެ މެދުގައި ރެގިއުލޭޓަރީ ކޯޕަރޭޝަން ހަރުދަނާކުރުމާއި، ބޭހުގެ ކޮލިޓީ އެޝުއަރެންސް އިތުރުކުރުމާއި، ބޭސް އިމްޕޯޓް/އެކްސްޕޯޓް ކުރުމުގެ ނިޒާމުތައް ރަނގަޅުކުރުމާއި، ކެޕޭސިޓީ ބިލްޑިންގ ފުރުސަތުތައް ހޯދުމާ ގުޅޭގޮތުން ދެފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. މި މަޝްވަރާތަކުގެ އެންމެ ބޮޑު މަޤްޞަދަކީ ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހައިން ބޭސް ލިބޭނެ ގޮތް ހެދުމެވެ.



ރާއްޖޭގައި ބޭހާ ގުޅިގެން މިހާރު ހުރި މައްސަލަތައް ޙަލުކުރުމަށް ސަރުކާރުން ދަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މިދިޔަ އަހަރު 213 ބޭހެއްގެ އަގު ކޮންޓްރޯލްކުރެވިފައިވާއިރު، އެސްޓީއޯގެ ބޭސް ސަޕްލައި ހަރުދަނާކޮށް، އަސާސީ ބޭސްތައް އެސްޓީއޯ މެދުވެރިކޮށް ގެނައުމުގެ މަސައްކަތް ވަނީ ވަރަށް ބޮޑަށް ހަރުދަނާކޮށްފައެވެ. މީގެ އިތުރުން، މެދުކެނޑުމެއް ނެތި ބޭސް ރާއްޖެ އެތެރެކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ބޭރުގެ ބައެއް ޤައުމުތަކާ ގުޅިގެންވެސް މިހާރު ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅުގައި، ސިއްޙީ ވުޒާރާގެ އިސްވެރިން ޕާކިސްތާނުގެ ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް އެންޑް ޔުނިވަރސިޓީގެ އިސް ބޭފުޅުންނާވެސް ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ނަރުހުންގެ މަސައްކަތުގެ ހުނަރުތައް ތަރައްޤީކުރުމާއި ގުޅިގެން ތަމްރީން ޕްރޮގްރާމްތައް ހިންގުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. 

                    

މި ލިޔުން ކިޔާލުމުން

Ads by MSS