ޚަބަރު
ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުން ކަރެކްޝަނަލް މަރުކަޒުތަކުގެ ޤަވާއިދު އާންމުކޮށްފި

ކ.މާފުށީ ޖަލު
ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުން ޤާއިމުކުރާ ކަރެކްޝަނަލް މަރުކަޒުތަކުގެ ޤަވާއިދު، ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފިއެވެ. މި ޤަވާއިދު އާންމުކުރުމާއެކު، ކުޑަކުދިންގެ އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ކުށްކޮށްފައިވާ ކުޑަކުދިން އިސްލާޙުކޮށް އަލުން މުޖުތަމަޢަށް ގެނައުމުގެ މަގު ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
މި ޤަވާއިދު ހިންގާނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން ކަމަށް ބަޔާންކޮށްފައިވެއެވެ. މި ޤަވާއިދުގެ ދަށުން ދެ ބާވަތެއްގެ ކަރެކްޝަނަލް މަރުކަޒު ޤާއިމުކުރެވޭނެއެވެ. އެއީ ޖުވެނައިލް ޑިޓެންޝަން ސެންޓަރާއި ލޯންގް ޓަރމް ސެކިޔޯ ފެސިލިޓީއެވެ. ޖުވެނައިލް ޑިޓެންޝަން ސެންޓަރުތަކަކީ ދިގު މުއްދަތަކަށް ބަންދުކުރަން ކޯޓުން ކަނޑައަޅާ ކުދިންގެ ތެރެއިން ނުރައްކާތެރި ކުށްކުރާ ކުދިން ފިޔަވައި އެހެން ކުދިން ބައިތިއްބަން ހަދާ މަރުކަޒުތަކެވެ. އަދި ލޯންގް ޓަރމް ސެކިޔޯ ފެސިލިޓީތަކަކީ ޖިނާއީ ބޮޑެތި ކުށްކުރާ، އަދި މުޖުތަމަޢުއާ އެކަހެރިކޮށްގެން ގެންގުޅެން ޖެހޭ ކުދިން ބައިތިއްބަން ހަދާ މަރުކަޒުތަކެވެ.
މި ދެ ބާވަތުގެ މަރުކަޒުތައް ޤާއިމުކުރަންޖެހޭނީ ބޮޑެތި މީހުން ބައިތިއްބާ ތަންތަނާ ވަކިންނެވެ. މި މަރުކަޒުތައް ހުންނާނީ ކުއްޖާގެ އުމުރާއި ކޮށްފައިވާ ކުށާ އެކަށޭނެ ގޮތަށެވެ. މީގެ އިތުރުން، މި މަރުކަޒުތަކުގައި ތިބޭ ކުދިންނަށް ދީނީގޮތުންނާއި އިޖުތިމާޢީ، ތަޢުލީމީ، ނަފްސާނީ، ސިއްޙީ އަދި ޖިސްމާނީގޮތުން އެކަށީގެންވާ އަޅައިލިމާއި ރައްކާތެރިކަން ކަށަވަރުވެފައި ހުންނަންޖެހޭނެ ކަމަށް ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
މި މަރުކަޒުތަކުގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި ކުދިންގެ ސަމާލަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމާއި، ބަންދުކޮށްފައި ތިބޭ ކުދިންގެ އާންމު ހާލަތު ބެލެހެއްޓުމާއި، މަރުކަޒުގައި ތިބޭ ކުދިންގެ ޢަމަލުތައް ބަލައި މޮނިޓަރކުރުމާއި، ތަނުގެ އަމާންކަން ބެލެހެއްޓުން ހިމެނެއެވެ. އަދި މަރުކަޒުގައި ހަދާފައިވާ އުޞޫލާ ޚިލާފުވާ ކުދިންނަށް އަަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ކުދިންގެ އިންސާނީ ޙައްޤުތައް ކަށަވަރުކޮށް ރައްކާތެރިކުރުންވެސް މި މަރުކަޒުތަކުގެ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން، މަރުކަޒުގައި ތިބޭ ކުދިން މުޖުތަމަޢުއަށް އަހުލުވެރިކޮށް އަލުން މުޖުތަމަޢަށް ނެރެން ތަފާތު އެކި ޕްރޮގްރާމުތައް ރާވައި ހިންގުމަކީވެސް އެ މަރުކަޒުތަކުގެ ޒިންމާއެކެވެ.
މި ޤަވާއިދުގެ ދަށުން، ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކުގައި ބަންދުގައި ތިބޭ ކުޑަކުދިންނާ ގުޅޭ ކަންކަމާއި، ޕްރޮބޭޝަން ނުވަތަ ޕެރޯލްގެ ދަށުން ދޫކުރާ ކުޑަކުދިންގެ ކަންކަން ބަލަހައްޓައި، މޮނިޓަރ ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގައި ޚާއްސަ ޔުނިޓެއް ޤާއިމުކުރަންޖެހޭނެއެވެ.
މި ޔުނިޓުގައި މަސައްކަތް ކުރާ އޮފިސަރުންނަކީ ކުޑަކުދިންނާއެކު މަސައްކަތް ކުރުމަށް ޚާއްސަ ތަޢުލީމާއި ތަމްރީނު ލިބިފައިވާ ދެ ޖިންސުގެ އޮފިސަރުންނަށް ވާންޖެހޭނެ ކަމަށްވެސް ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުން ޖިނާޢީ ކުށްތަކުގެ ޒިންމާ ނަގަންޖެހޭ އުމުރުފުރައަކީ 15 އަހަރުން މަތި ނަމަވެސް، އެ އުމުރު ކުޑަކުރުމަށް މިހާރުގެ ސަރުކާރުން ވަނީ ނިންމަވާފައެވެ. މި ނިންމުމާއެކު މިފަދަ މަރުކަޒުތަކުގެ ބޭނުންތެރިކަން އިތުރުވެ، ކުޑަކުދިންގެ ކުށްތައް މަދުކޮށް، އެކުދިންނަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދިނުމަށް މި ޤަވާއިދު މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އުންމީދުކުރެވެއެވެ.