Ads by Stelco

ޚަބަރު

ރައީސް މުޢިއްޒު ހުޅުމާލޭ 4،000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލައްވައިފި

ރައީސް މުޢިއްޒު ހުޅުމާލޭ 4،000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ޖޫން 2025، 06:08

19 ޖޫން 2025، 06:08

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ތަރައްގީކުރަމުން އަންނަ 4،000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަވީރު ބައްލަވައިލައްވައިފިއެވެ. މި ޒިޔާރަތުގައި މަސައްކަތް ނިމިފައިވާ މިންވަރާއި ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް އެމަނިކުފާނު އޮޅުންފިލުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ސަރަހައްދަށް ވަޑައިގަތުމުން، ސަރުކާރުގެ ބައެއް ވަޒީރުންނާއި އެފްޑީސީގެ އިސްވެރިން ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވައިފައެވެ. މި ޒިޔާރަތުގައި، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

އެމަނިކުފާނުވަނީ އެފްޑީސީން ބިނާކުރާ 4،000 ހައުސިން ޔުނިޓުތަކުގެ ޓަވަރުތައް ހުރި ސަރަހައްދަށް ޒިޔާރަތްކުރައްވައި، އެއިން ބައެއް ޓަވަރުތަކަށް ވަދެވަޑައިގެން އެތަންތަން ބައްލަވައި، މަސައްކަަތް މިހާރު ގޮސްފައިވާ ހިސާބު އޮޅުންފިލުއްވާފައެވެ. އަދި ހައުސިން ޔުނިޓުތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭ މައުލޫމާތުވެސް ރައީސް ވަނީ އޮޅުންފިލުއްވައިފައެވެ.

ކުރީ ސަރުކާރުގައި އިންޑިޔާގެ އެގްޒިމް ބޭންކުން ލޯނު ނަގައިގެން އަޅަންފެށި މި ހައުސިން ޔުނިޓުތަކުގެ މަސައްކަތް، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރުވެސް ނިންމައިލެވިފައިނުވެއެވެ. މި ސަރުކާރުން އަންނަނީ އެ ހައުސިން ޔުނިޓުތައް ނިންމުމުގެ މަސައްކަތް ހަލުއިކޮށް، މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ގިނަ ޔުނިޓުތައް ނިންމުމަށް މަސައްކަތް ކުރަމުންނެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނިމުނު ފަހުން، ކުރީ ސަރުކާރުންވަނީ 4،000 ޔުނިޓުގެ ހައްގުވެރިންގެ ލިސްޓެއް އާއްމުކޮށްފައެވެ. އެ ލިސްޓާ ގުޅޭ ގިނަ ޝަކުވާތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅުމާ ގުޅިގެން، އެ ކޮމިޝަނުން އެ މައްސަލަތައް ބެލުމަށްފަހު ނިންމާފައިވަނީ އެ ލިސްޓުގެ ބޮޑު ބައެއް ޝަރުތު ފުރިހަމަނުވާ ކަމަށެވެ.

މި ސަރުކާރުން މިކަމުގައި ނިންމާފައިވަނީ، ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ހިމެނުނު ފަރާތްތަކުގެ ތެރެއިން ކަނޑައެޅިގެން ދޮގު މައުލޫމާތު ދީފައިވާ ފަރާތްތައް ނޫން ހުރިހާ އެންމެނަށްވެސް ފުލެޓުތައް ދިނުމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ފުލެޓު ނުލިބޭ ފަރާތްތަކަށް ފުލެޓު ނުލިބުނު ސަބަބާއެކު އެކަން އަންގާނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS