Ads by Stelco

ޚަބަރު

ޖެމްކިޔު އިންވެސްޓްމެންޓް ސްކީމް ހިންގަނީ ރާއްޖޭގައި އެކަނި: ފުލުހުން

ޖެމްކިޔު އިންވެސްޓްމެންޓް ސްކީމް ހިންގަނީ ރާއްޖޭގައި އެކަނި: ފުލުހުން

ބޭރުގެ ބައެއް ގައުމުތަކުގައި ވެސް އެ ސްކީމް ހިންގާ ކަމަށް ދައްކަނީ އޮޅުވާލައިގެން : ފުލުހުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ޖޫން 2025، 05:21

19 ޖޫން 2025، 05:21

މިހާތަނަށް ހޯދި ހޯދުންތަކުން އެނގޭ ގޮތުގައި، ޖެމްކިޔު އިންވެސްޓްމެންޓް ސްކީމް (ޖީއެމްސީއީ) ހިންގަނީ ރާއްޖޭގައި އެކަނި ކަމަށާއި ބޭރުގެ ބައެއް ގައުމުތަކުގައި ވެސް އެ ސްކީމް ހިންގާ ކަމަށް ދައްކަނީ އޮޅުވާލައިގެން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ވެރިޔާ، އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވި ގޮތުގައި، އިންޓަޕޯލް މެދުވެރިކޮށް ބެލިބެލުމުން ގިނަ ގައުމުތަކުން ޖަވާބުދީފައިވަނީ އެ ގައުމުތަކުގައި މި ސްކީމެއް ނެތް ކަމަށެވެ. އަދި މި ސްކީމަކީ ބޭރުގެ އެހެން ގައުމުތަކުގައި ވެސް ހިންގާ ސްކީމެއްކަން ދައްކަން މަސައްކަތްކޮށްފައިވަނީ ފޭކް ފޮޓޯތަކެއް ބޭނުންކޮށްގެން މަކަރާއި ހީލަތުން އޮޅުވާލަން ކަމަށް އޭނާ ވިދާޅުވިއެވެ.

ޕިރަމިޑް ސްކީމެއްކަމަށް ފުލުހުން ބުނެފައިވާ ޖެމްކިޔުއަށް 40،000 އަށްވުރެ ގިނަ ދިވެހީން ވަނީ އިންވެސްޓްކޮށްފައެވެ. ޖުމުލަ މީހުން އިންވެސްޓްކުރި އަދަދު މިލިއަން ޑޮލަރަށް އަރާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ފައިސާ އަނބުރާ ހޯދޭނެކަމުގެ އުންމީދު ވެސް ކުޑައެވެ.

ނަވީދު ވިދާޅުވި ގޮތުގައި މި ސްކީމުގައި އިސްކޮށް ހަރަކާތްތެރިވާ ހަތް ދިވެއްސެއް ވަނީ ފުލުހުންނަށް ދެނެގަނެވިފައެވެ. ނަމަވެސް، މިހާތަނަށް އެ މީހުންނާ ދޭތެރޭ އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޖެމްކިޔުއަކީ އެމެރިކާގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުންފުންޏެއް ކަމަށް ބުނެ ފޭކް ރަޖިސްޓްރީއެއް ދައްކަމުން އަންނަ ކަމަށާއި އެއީ އަސްލު ރަޖިސްޓްރީއެއް ނޫންކަން އެމެރިކާގެ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ކަމަށް ނަވީދު ވިދާޅުވިއެވެ.

ޖެމްކިޔުއަށް ފައިސާ އަޅައިގެން ތިބި ގިނަ އަދަދެއްގެ މީހުން އަންނަނީ އެ ސްކީމުން ފައިސާ ނުނެގޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރޭ ފެށިގެން އެ ސްކީމުން ފައިސާ ނުނެގޭ ގޮތް ވަނީ ހަދައިފައެވެ.

ރާއްޖޭގައި މީގެ ކުރިން ވެސް މިފަދަ އެތައް ސްކީމެއް ހިންގައިފައިވާއިރު، އެފަދަ ސްކީމުތަކަށް އިންވެސްޓް ކޮށްގެން ފުރަތަމަކޮޅު ފައިސާ ލިބުނު ނަމަވެސް ފަހުން ބޮޑެތި ގެއްލުންތައް ލިބިފައިވާކަން ފާހަގަކުރެވެއެވެ. ރާއްޖޭގެ ގާނޫނުގައި މި މައްސަލައަށް ސީދާ ގާނޫނެއް ނެތްނަމަވެސް، "ޕިރަމިޑް ސޭލްސް" ސްކީމްތައް މާނަ ކޮށްދީފައިވާ މާއްދާއެއްގާނޫނުލް އުގޫބާތުގައި އެބައޮތެވެ. ނަމަވެސް، މިއީ ތަހުޒީބު ގައުމުތަކުގައި މި ގާނޫނި މި ގާނޫނު އޮންނަ ގޮތާ އަޅާބަލާއިރު ވަރަށް އާދައިގެ މާއްދާއެކެވެ.

ޕިރަމިޑް ސްކީމްތައް ހިންގޭނީ، އެ ސްކީމަކަށް އާ މެންބަރުން ވެއްދޭ މިންވަރަކުންނެވެ. އެ ގޮތުން، ޕިރަމިޑް ސްކީމުން ފައިސާ ލިބޭނީ ވަކި އެއްޗެއް ނުވަތަ ޚިދުމަތެއް ވިއްކުމުގެ ބަދަލުގައި، އައު މެންބަރުން ސްކީމަށް ވައްދައިގެން ހޯދާ ފީއަކުންނެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ވެރިޔާ އާދަމް ނަވީދު ވިދާޅުވީ، މިފަދަ ސްކީމްތަކަށް އާ މީހުން ވައްދައި، ބޮޑެތި ޕްރޮމޯޝަންތައް ކުރިއަށް ގެންދާ ނަމަ، އެއީ ސްކީމް 'ގޮވަން' ކައިރިވެފައިވާ ކަމުގެ ނިޝާނެއް ކަމަށެވެ. ޖެމްކިޔު ވެސް މިހާރު ދަތުރުކުރަނީ މި މިސްރާބަށް ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

މި މައްސަލައިގައި ފުލުހުން މިހާތަނަށް ކުރި ހަމައެކަނި ކަމަކީ މި ސްކީމަކީ ޕިރަމިޑް ސްކީމެއްކަން އާންމުންނަށް އަންގައިދޭން ބަޔާނެއް ނެރުން ކަމަށާއި އިތުރު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ނަވީދު ވަނީ ހާމަކުރައްވާފައެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS