Ads by Stelco

ޚަބަރު

މެރކްގެ ކޮމިޓީ ބައްދަލުވުމުގައި ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހިންމު އިޖްތިމާޢީ މައްސަލަތަކަށް އަލިއަޅުވާލައްވައިފި

މެރކްގެ ކޮމިޓީ ބައްދަލުވުމުގައި ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހިންމު އިޖްތިމާޢީ މައްސަލަތަކަށް އަލިއަޅުވާލައްވައިފި

ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ޖޫން 2025، 03:02

19 ޖޫން 2025، 03:02

މާރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއޭޓިވް (އެމްއެފްއެފްއެލްއައި) ކޮމިޓީ ބައްދަލުވުމުގެ 7 ވަނަ އެޑިޝަންގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވަނީ ކުޑަކުދިންނަށް ކުރިމަތިވާ ސައިބަރ ބުލީއިންގ، ކުޑަކުދިންގެ ޢަދުލު އިންސާފާއި ކުށްވެރިވުން އަދި ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ މުހިންމު އިޖްތިމާޢީ މައްސަލަތަކަށް އަލިއަޅުވާލައްވާފައެވެ. މިގޮތުން މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރުމަށް ކުރެވޭ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

ސައިބަރ ބުލީއިންގއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ފަސްޓް ލޭޑީ ވަނީ އޮންލައިންކޮށް ކުޑަކުދިންނަށް ކުރިމަތިވާ ފުރައްސާރަ، މަލާމާތް އަދި މެނިޕިއުލޭޝަންގެ ނޭދެވޭ އަސަރުތައް ފާހަގަކުރައްވާފައެވެ. އަދި ޑިޖިޓަލް ސިޓިޒަންޝިޕް ކުރިއެރުވުމުގެ މުހިންމުކަން އަދި ރާއްޖޭގައި ސައިބަރ ބުލީއިންގއާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

ކުޑަކުދިންގެ ޢަދުލު އިންސާފާއި ކުށްވެރިވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ފަސްޓް ލޭޑީ ވިދާޅުވީ ރާއްޖެއިން އަދިވެސް އިސްކަންދެނީ ތަޢުލީމާއި، މުޖުތަމަޢަށް އަނބުރާ ގެނައުމާއި، ދެވަނަ ފުރުސަތު ދިނުމަށް އަމާޒުކޮށްގެން ރީހެބިލިޓޭޓް ކުރުމުގެ އުސޫލަށް ކަމަށެވެ. އަދި ކުށްވެރިވުމުގެ އަސްލު ސަބަބުތައް ދެނެގަތުމާއި، ކުރިއާލާ ފިޔަވަޅު އެޅުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ފަސްޓް ލޭޑީ ފާހަގަކުރެއްވީ ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ބޭރުގެ ސަޕްލައި ޗެއިންތަކަށް އަންނަ ހުއްޓުމަކުން ވަރަށް ބޮޑަށް އަސަރުކުރާނެ ކަމަށެވެ. އަދި ރައްކާތެރި، ފައިދާހުރި އަދި ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމެއް ޤާއިމުކުރުމަށް ރާއްޖެއިން ގެންގުޅޭ އަޒުމު އާކުރައްވައި، ޤައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ޔަޤީންކުރުމަށް ހައިޑްރޯޕޯނިކްސް ފަދަ އައު ގޮތްތައް މެއިންސްޓްރީމް ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ކޮމިޓީ ބައްދަލުވުމުގައި ފަސްޓް ލޭޑީ ވަނީ އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތްތައް ފުޅާކުރުމަށް އެކަމަނާ އަމިއްލަ ފުޅަށް އެންޖީއޯއެއް އުފައްދަވާފައިވާ ކަން އިޢުލާންކުރައްވާފައެވެ. އަދި މާރކް ފައުންޑޭޝަނާއެކު ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޤާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ގާތުން މަސައްކަތްކުރައްވާތީ ޝުކުރު އަދާކުރައްވައި، އެ ފައުންޑޭޝަނަކީ އެކަމަނާގެ މި އިސްނެގުމަށް އިލްހާމު ލިބިވަޑައިގަތް ފަރާތެއްކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ވީޑިއޯ ޕްރެޒެންޓޭޝަނެއްގެ ޒަރީޢާއިން ފާއިތުވި އަހަރާއި ބައިގައި މެޑަމް ސާޖިދާ އިސްނަންގަވައިގެން ކުރިއަށް ގެންދެވި ޙަރަކާތްތަކާއި އިސްނެގުންތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

ފަސްޓް ލޭޑީ މިހާރު ހުންނެވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައެވެ. މެޑަމް ސާޖިދާ ވަޑައިގެން އުޅުއްވަނީ މާރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއޭޓިވް ސަމިޓުގެ 7 ވަނަ އެޑިޝަނުގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.


                    

                    

މި ލިޔުން ކިޔާލުމުން

Ads by MSS