ޚަބަރު
ދަނޑުވެރިކަން ފުޅާކުރުމަށް ހުރި ފުރުޞަތުތައް ދެނެގަތުމަށް ވަޒީރު ތިލަދުންމައްޗަށް

ހދ ހަނިމާދޫ ކައުންސިލަށް ބަނބުކެޔޮ ގަސް ހަދިޔާކުރެއްވުން ފޮޓޯ: ވުޒާރާ
ދަނޑުވެރިކަން ފުޅާކުރުމަށް ހުރި ފުރުޞަތުތައް ދެނެގަތުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ހއ އަދި ހދ އަތޮޅަށް ދަތުރުފުޅެއް ކުރައްވައިފިއެވެ. މި ދަތުރުފުޅުގައި ވަޒީރު ވަނީ ދެ އަތޮޅުގެ އެކި ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކުރައްވާ، ދަނޑުވެރިކަމާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.
ހއ. އަތޮޅުގެ އުލިގަމާއި ކެލައަށް ކުރެއްވި ޒިޔާރަތުގައި، ވަޒީރު ވަނީ އެ ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ކައުންސިލްތަކުން ވަނީ ދަނޑުވެރިންނަށް ބޭނުންވާ ފަންނީ ތަމްރީންތަކާއި، ލުއި ލޯނުގެ ފުރުޞަތުތައް އިތުރަށް ބޭނުންވާކަން ފާހަގަކޮށްފައެވެ. އަދި ދަނޑުވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައްވެސް ވަނީ ޙިއްސާކޮށްފައެވެ.
ކެލާ ކައުންސިލާއެކު ބޭއްވުނު ބައްދަލުވުމުގައި، ވަޒީރު ވަނީ އެ ރަށުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ މަޝްރޫޢެއް ކުރިއަށްގެންދިއުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން، ވަޒީރު ވަނީ ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާ މާފައްސަށް ޒިޔާރަތްކުރައްވާ، އެ ރަށުގައި ޤާއިމްކޮށްފައިވާ ގްރީން ހައުސްތަކާއި ލެބޯޓްރީގެ މަސައްކަތްތައް ބައްލަވައިލައްވާފައެވެ.
ހދ. އަތޮޅުގެ ހަނިމާދޫއަށް ކުރެއްވި ޒިޔާރަތުގައި، ވަޒީރު ވަނީ ކާބޯތަކެތީގެ ރައްކާތެރިކަމަށް އެ ރަށުގައި ކުރެވިދާނެ ކަންކަމާއި، ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖޭގައި ކާބޯތަކެތީގެ ޔަޤީންކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ދަށުން، ހދ. ހަނިމާދޫ ކައުންސިލަށް 50 ބަނބުކެޔޮ ގަސް ހަދިޔާކުރައްވާފައިވެއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ރާއްޖޭގައި ކާނާގެ ޔަޤީންކަން އިތުރުކުރުމަށް ކުރެވެންހުރި މަސައްކަތްތައް ރަށްރަށުގެ ކައުންސިލްތަކާއި، ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ. އަދި ރިސޯޓުތަކާ ގުޅިގެން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތު ފުޅާކުރުމަށް ހުރި ފުރުޞަތުތައް ދެނެގަތުމުގެ މަސައްކަތްވެސް ވަނީ ފަށާފައިކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ.