ދުނިޔެ
އިސްރާއީލުގެ އިންޓެލިޖެންސް މަރުކަޒަކަށް އިރާނުން ހަމަލާދީފި

އިސްރާއީލުގެ އިންޓެލިޖެންސް މަރުކަޒު
އިސްރާއީލުގެ އަސްކަރިއްޔާގެ އިންޓެލިޖެންސް މަރުކަޒަކަށް އިރާނުން މިސައިލް ހަމަލާއެއް ދީފިއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ އިރާނުގެ ސަރުކާރުގެ ނޫސް އޭޖެންސީ އައި.އާރް.އެން.އޭ އިންނެވެ.
އައި.އާރް.އެން.އޭ އިން ޓެލެގްރާމްގައި ބުނެފައިވާ ގޮތުގައި މި ހަމަލާގެ މައިގަނޑު އަމާޒަކަށްވީ އިސްރާއީލުގެ އަސްކަރިއްޔާގެ ކޮމާންޑް އެންޑް އިންޓެލިޖެންސް (އައި.ޑީ.އެފް ސީ4އައި) މައި މަރުކަޒާއި ގަވް-ޔާމް ޓެކްނޮލޮޖީ ޕާކުގައި ހުރި އަސްކަރީ އިންޓެލިޖެންސް ކޭމްޕެވެ. މި ތަންތަން ހުރީ ބެއަރ ޝެވާގައި ހުރި ސޮރޯކާ ހޮސްޕިޓަލާ ޖެހިގެންނެވެ.
އައި.އާރް.އެން.އޭ އިން ބުނެފައިވާ ގޮތުގައި މިސައިލް ހަމަލާގެ ސަބަބުން ހޮސްޕިޓަލަށް ކުޑަ ގެއްލުމެއް ވެފައިވަނީ ހަމައެކަނި ހަމަލާގެ ސަބަބުން އުފެދުނު ޝޮކްވޭވްގެ ސަބަބުންނެވެ. އަދި އަސްކަރީ އިންފްރާސްޓްރަކްޗަރއަށް ސީދާ އަމާޒުކޮށް ދެވުނު ހަމަލާއެއްކަމަށް އެ އޭޖެންސީން ބުނެފައިވެއެވެ.
މި ހަމަލާއާ ގުޅޭގޮތުން އިސްރާއީލުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. އަދި މި ހަމަލާގެ ސަބަބުން ލިބުނު ގެއްލުމުގެ ތަފްސީލު ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.