ވިޔަފާރި / ޚަބަރު

ބޭންކުތަކުން ދައްކާ ޓެކުހުގެ އަދަދު 51 އިންސައްތަ އިތުރުވެއްޖެ

ބޭންކުތަކުން ދައްކާ ޓެކުހުގެ އަދަދު 51 އިންސައްތަ އިތުރުވެއްޖެ

ބޭންކް އޮފް މޯލްޑިވްސް ފޮޓޯ: ބީއެމްއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ޖޫން 2025، 11:07

19 ޖޫން 2025، 11:07

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކުރި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، މިދިޔަ އަހަރު ބޭންކުތަކުން ދައްކާފައިވާ ޓެކުހުގެ އަދަދު 51 އިންސައްތަ އިތުރުވެފައިވާކަމަށް އެނގިއްޖެއެވެ.

މީރާގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، "ބޭންކް އިންކަމް ޓެކްސް" ގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 51.9 އިންސައްތަ އިތުރުވެފައެވެ. މިގޮތުން 2024 ވަނަ އަހަރު ބޭންކް އިންކަމް ޓެކްސްގެ ގޮތުގައި މީރާއަށް ލިބިފައިވަނީ 1.4 ބިލިއަން ރުފިޔާއެވެ. މިއީ 2023 ވަނަ އަހަރު ލިބުނު 967 މިލިއަން ރުފިޔާއާ އަޅާބަލާއިރު ފާހަގަކުރެވޭ އިތުރުވުމެކެވެ.

އިތުރަށް ފާހަގަކޮށްލެވޭ ކަމަކީ، 2024 ވަނަ އަހަރު ލިބުނު އާމްދަނީއަކީ އެ އަހަރަށް އަންދާޒާކުރެވުނު 993 މިލިއަން ރުފިޔާއަށްވުރެ 48 އިންސައްތަ އިތުރު އަދަދެކެވެ. މި އިތުރުވުމަށް މައިގަނޑު ގޮތެއްގައި ބާރުއަޅާފައިވަނީ ފައިނޭންޝަލް ސެކްޓަރގެ ޖީޑީޕީ 8.88 އިންސައްތަ އިތުރުވެފައިވުމުންކަމަށް ބެލެވެއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ބޭންކުތަކުން ޓެކުހުގެ ގޮތުގައި ދައްކަންޖެހެނީ އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީގެ 25 އިންސައްތައެވެ. މި ޤާނޫނުގެ ދަށުން ބޭންކަކީ ޓެކްސް ނެގޭ ވަކި ފަރާތެއްގެ ގޮތުގައި ކަނޑައަޅާފައިވާ މުއައްސަސާއެކެވެ.

މީރާއިން ބުނާ ގޮތުގައި ބޭންކް އިންކަމް ޓެކްސްގެ އާމްދަނީ އަންދާޒާކުރަނީ ވޭތުވެދިޔަ އަހަރުތަކުގައި ބަލައިގަތް އާމްދަނީގެ އެވްރެޖާއި ފައިނޭންޝަލް ސެކްޓަރގެ ޖީޑީޕީ ކުރިއަރާނެ މިންވަރަށް ރިއާޔަތްކޮށްގެންނެވެ. މި އިތުރުވުމަކީ ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވިވަމުން އަންނަކަމުގެ ހެއްކެއް ކަމުގައި އިޤްތިޞާދީ މާހިރުން ދެކެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS