ޚަބަރު
ޖެމްކިއު ޕިރަމިޑް ސްކީމުން ފައިސާ ނުނެގޭ ގޮތް ހަދައިފި: ސަތޭކަ މިލިއަނަށްވުރެ ގިނަ ފައިސާ ގެއްލުމުގެ ބިރު

ޖެމްކިއު ސްކީމް ފޮޓޯ:އެޓޯލް ޓައިމްސް
ގިނަ އަދަދެއްގެ ދިވެހިން އިންވެސްޓް ކޮށްފައިވާ ޕިރަމިޑް ސްކީމެއް ކަމަށް ބެލެވޭ ޖެމްކިއު އިން ފައިސާ ނުނެގޭ ގޮތް ހަދައިފިއެވެ. މި ސްކީމްގައި ބައިވެރިވެފައިވާ ދިވެހިންގެ ޓެލެގްރާމް ގްރޫޕަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޒަރީގެ ދަށުން ހިންގަމުން އަންނަ ފައިނޭންޝަލް ކްރައިމް ޑިޕާޓްމަންޓްގެ ސިޓީއެއް ކަމަށް ބުނެ ފޭކް ސިޓީއެއް ވެސް ވަނީ ފޮނުވާފައެވެ.
ޖެމްކިއު ސްކީމް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން މިއަދު ޓެލެގްރާމް ގްރޫޕްގައި ބުނެފައިވަނީ ފައިސާ ވިތްޑްރޯ ނުކުރެވެނީ އިންޓަނޭޝަނަލް ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ރިވިއުއެއް ކުރިއަށް ގެންދާތީ ކަމަށެވެ. އަދި މިއީ އާންމު އުސޫލުން ކުރިއަށްގެންދާ ރިވިއުއެއް ކަމަށާއި، ކަންކަން އާންމު ހާލަތަކަށް އައުމުން އަނެއްކާވެސް ފައިސާ ނެގޭނެ ކަމަށް ބުނެ މިހާރު ވެސް ޖެމްކިއު އަންނަނީ ޕްރޮމޯޓް ކުރަމުންނެވެ.
މި ސްކީމަކީ ޕިރަމިޑް ސްކީމެއް ކަމަށް ފުލުހުން ބުނުމާ ގުޅިގެން، ޖެމްކިއުއިން ވަނީ އިތުރު މީހުން ބައިވެރި ކުރުވުމަށް އިންވެސްޓްމަންޓަށްވުރެ އެތައް ގުނައެއް އިތުރަށް ފައިސާ ދޭނެކަމަށް އިޢުލާން ކޮށްފައެވެ. މީގެ ސަބަބުން އެތައް ބަޔަކު ވަނީ މި ޕިރަމިޑް ސްކީމްގައި އިންވެސްޓް ކޮށްފައެވެ. ބައެއް މީހުން ވަނީ ލުއި ލޯނު ނަގައިގެންނާއި، ކްރެޑިޓް ކާޑުން އަދި ދަރަންޏަށް އިތުރު ގޮތްގޮތުން ފައިސާ ހޯދައިގެން ވެސް މި ސްކީމްގައި އިންވެސްޓް ކޮށްފައެވެ.
ދިވެހި ފުލުހުން ބުނެފައިވަނީ އިންޓަޕޯލްއިން ހޯދި މަޢުލޫމާތުން ކަށަވަރު ކުރެވިފައިވާ ގޮތުގައި މިއީ ރާއްޖެ ފިޔަވައި އެހެން ޤައުމެއްގައި ހިންގާ ސްކީމެއް ނޫން ކަމަށެވެ. ބައެއް ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ޖެމްކިއުގައި ދެ ލައްކައަށްވުރެ ގިނަ ދިވެހިން ވަނީ 100 މިލިއަނަށް ވުރެ ގިނަ ފައިސާ އިންވެސްޓް ކޮށްފައެވެ.
މި މައްސަލައާ ގުޅޭގޮތުން އިތުރު ތަޙްޤީޤުތައް ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައިވާއިރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ވެސް މި މައްސަލަ ބަލަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި ޖެމްކިއުގެ ޙަރަކާތްތަކާ ގުޅޭގޮތުން ރައްޔިތުން ވަރަށް ބޮޑަށް ސަމާލުވުމަށް އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ.