Ads by Stelco

ޚަބަރު

ދިވެހިރާއްޖެއާއި ވިއެޓްނާމާއި ދެމެދު ޤާއިމުކޮށްފައިވާ ސިޔާސީ ގުޅުމަށް 50 އަހަރު ފުރިއްޖެ

ދިވެހިރާއްޖެއާއި ވިއެޓްނާމާއި ދެމެދު ޤާއިމުކޮށްފައިވާ ސިޔާސީ ގުޅުމަށް 50 އަހަރު ފުރިއްޖެ

ދިވެހިރާއްޖެއާއި ވިއެޓްނާމްގެ ދިދަ/ފޮޓޯ: ޑްރީމްސްޓައިމް

18 ޖޫން 2025، 02:22

ދިވެހިރާއްޖެއާއި ވިއެޓްނާމާއި ދެމެދު ޤާއިމުކޮށްފައިވާ ސިޔާސީ ގުޅުމަށް މިއަދަށް 50 އަހަރު ފުރިއްޖެ އެވެ.

މިކަމުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ.އަބްދުﷲ ޚަލީލް ވަނީ، އެޤައުމުގެ ބޮޑުވަޒީރުގެ ނައިބަށް އަދި ވިއެޓްނާމްގެ ޚާރިޖީ ވަޒީރު ބުއި ތަންހް ސަން އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފައެވެ.

މި މެސެޖުގައި ވަޒީރު ވަނީ، ދިވެހިރާއްޖެއާއި ވިއެޓްނާމްއާ ދެމެދު ޤާއިމުކޮށްފައިވާ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް، އެ ޤައުމުގެ އިސްވެރިންނަށާއި، ވިއެޓްނާމް ސަރުކާރަށް، އަދި ވިއެޓްނާމްގެ ރައްޔިތުންނަށް އަރިސްކުރުމަކީ އެމަނިކުފާނަށް ލިބޭ ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، ދިވެހިރާއްޖެއާއި ވިއެޓްނާމާއި ދެމެދުގައި އޮންނަ އެކުވެރި ގާތްގުޅުން ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި އިތުރަށް ބަދަހިވެފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ދެ ޤައުމުގެމެދުގައި ބަދަހިވަމުން އަންނަ ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ދެޤައުމުގެ ތަރައްޤީއާ ރައްޔިތުންގެ މަންފާއަށް ވިއެޓްނާމްއާއިއެކު ގާތުން މަސައްކަތްކުރުމަށް އުންމީދުކުރައްވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރުގެ މެސެޖު ނިންމަވާލައްވާފައިވަނީ، އެ ޤައުމުގެ ވެރިންނަށް ދުޅަހެޔޮ ސިއްޙަތާއި ވިއެޓްނާމްގެ ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަން ލިބުމަށް އެދެމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS