ރިޕޯޓް

މިވީ ކިހިނެއް؟ ރޫޅާލަން ބުނެފަ އުނބަށްޖެހީތަ؟

މިވީ ކިހިނެއް؟ ރޫޅާލަން ބުނެފަ އުނބަށްޖެހީތަ؟

އެމްޑީޕީގެ ބައްދަލު ވުމެއްގެ ތެރެއިން ފޮޓޯ : ޓައިމްސް އޮފް އައްޑޫ

farudhun logo

ފަރުދުން

18 ޖޫން 2025، 02:22

18 ޖޫން 2025، 02:22

ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ސިޔާސީ ޕާޓީތަކުގެ އެތެރޭގައި އުފެދޭ ހަމަނުޖެހުންތަކާއި އޭގެ ސަބަބުން އުފެދޭ އާ ޕާޓީތަކެވެ. މި ގޮތުން ފަހުން އުފެދުނު ޕާޓީ ތަކުގެތެރެއިން "ދަ ޑިމޮކްރެޓްސް" ޕާޓީއަކީ ވެސް އެމްޑީޕީގެ އެތެރޭގައި އޮތް ހަމަނުޖެހުންތަކެއްގެ ނަތީޖާއެކެވެ.

އެމްޑީޕީގެ ދެވަނަ ވެރިކަމުގެ ކުރީކޮޅު ފެށުނު މި ކޯޅުން، ޚާއްޞަކޮށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި މަސައްކަތްތަކަށް ހުރަސްއެޅުމާ ގުޅިގެން، އިތުރަށް ގޯސްވެގެން ދިޔައެވެ. މިކަމާ ހިތްހަމަނުޖެހިވަޑައިގެން، ސީދާ އެމަނިކުފާނުގެ އިރުޝާދުގެ ދަށުން އުފެއްދެވި ޕާޓީއެއްގެ ގޮތުގައި "ދަ ޑިމޮކްރެޓްސް" އުފެދުނެވެ.

އަޅުގަނޑު ދަންނަވާނަން އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް. ތި ޕާޓީ އިރާދަކުރެއްވިއްޔާ އަޅުގަނޑު ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ތި ކެޔޮގަނޑުގެ ފޫ ވައް، ވެއްޓިއްޖެ، ތި ޕާޓީ އަޅުގަނޑުމެން ރޫޅާލާނަން   

އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު އެމްޑީޕީ ދޫކުރައްވައި ނުކުމެވަޑައިގަތީ އެމްޑީޕީ "ރޫޅާލާނެ" ކަމުގެ އިންޒާރާ އެކުގައެވެ. އެހެންނަމަވެސް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ސީދާ ރައީސް ނަޝީދު ނުކުމެވަޑައިނުގަތުމުން، ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ދެކޭގޮތުގައި އެއީ އެމްޑީޕީއާ ނުލައި ކާމިޔާބު ނުހޯއްދެވޭނެކަން ޔަޤީންވެވަޑައިގަތުމުގެ ސަބަބުންނެވެ.

"ދަ ޑިމޮކްރެޓްސް" އުފެދިގެން އައީ ވަރަށް ފޯރިއާ އެކުގައެވެ. ނަމަވެސް، 2008 އަދި 2018 ގެ އިންތިޚާބާ ކައިރިވިއިރު ރައީސް ނަޝީދަށް އޮތް ތާއީދު މިހާރު ނެތްކަން ފާހަގަކުރެވުނެވެ. އެ ޕާޓީއަށް ކިރިޔާ ހަމަކުރެވުނީ 3,000 މެންބަރުންނެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕާޓީގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ލިބުނީ އެންމެ 15,000 ވޯޓެވެ.

އެމްޑީޕީގެ ވެރިކަން ޕީއެންސީއަށް ފުރޮޅިގެން ދިޔުމުން، ރައީސް ނަޝީދު ވިދާޅުވި ގޮތަށް އެމްޑީޕީ "ރޫޅާލެވުނު" ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ވެރިކަން ބަދަލުވުމުގައި އެ 15,000 ވޯޓު މުހިންމު ދައުރެއް އަދާކުރިކަމަށް ބެލެވެއެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އެމްޑީޕީއަށް އިންތިޚާބު ކާމިޔާބު ނުކުރެވުނީ "ދަ ޑިމޮކްރެޓްސް" އާ ގުޅުމަށް ދެކޮޅު ހެދުމުގެ ސަބަބުންނެވެ.
މިހާރު ރައީސް ނަޝީދު ހުންނެވީ ގާނާގައި ގާއިމުކޮށްފައިވާ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައެވެ. އެހެންނަމަވެސް، 2028 ގެ ރިޔާސީ އިންތިޚާބަށް އެމަނިކުފާނުގެ ޝައުޤުވެރިކަން ހުރިކަން ގާތް ބޭފުޅުންގެ ވާހަކަތަކުން އެނގެއެވެ. ދާދި ފަހުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކުން ވެސް މިކަމަށް ބާރު ލިބެއެވެ.

އަޅުގަނޑަށް ފެންނަ ގޮތުގައި މި ވަގުތު ރާއްޖެއަށާއި އެމްޑީޕީއަށް އަދި ޑިމޮކްރެޓްސް އަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުން

ސޯޝަލް މީޑިއާ އަށް ދޫކޮށްލެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ލިޔުއްވާފައިވާ ބަސްފުޅެއް

ރައީސް ނަޝީދުގެ މި މެސެޖް އައިސްފައިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ މީހަކާ ބެހޭ ގޮތުން ބަހުސްކުރެވެމުންދާ ދަނޑިވަޅެއްގައެވެ. މި ވަގުތު އެމްޑީޕީގެ ރިޔާސީ ރޭހުގައި ހައެއްކަ ބޭފުޅުންގެ ނަން އިވެއެވެ. އޭގެ ތެރޭގައި ރައީސް ސޯލިހް، ޗެއަރޕާސަން ފައްޔާޒް، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ހިމެނެއެވެ.

އަޅުގަނޑަކީ އެއްވެސް ސިޔާސީ ޕާޓީއަކާ އިދިކޮޅުވާނެ މީހެއް ނޫން. އެމްޑީޕީއަކީ އަޅުގަނޑުގެ ދަރިއެއް ފަދަ ޕާޓީއެއް. އެ ޕާޓީ ވަރުގަދަވެ އޮތުން އެއީ އަބަދު ވެސް އަޅުގަނޑު އެދޭނެ ކަމެއް. އަދި ފަހުން އަޅުގަނޑު ބައިވެރިވި ޑިމޮކްރެޓްސް އަކީ ވެސް ޚާއްޞަ ގޮތެއްގައި ޒުވާނުންނަށް ސިޔާސީ މަސައްކަތުގައި ބައިވެރިވުމަށް ލިބުނު ފުރުޞަތެއް. މީގެން އެއްވެސް ޕާޓީއެއްގައި ޢަމަލީ ގޮތުން މަސައްކަތް ކުރާކަށް މި ވަގުތު އަޅުގަނޑު ނެތިން. އެހެން ނަމަވެސް ރާއްޖޭގެ ސިޔާސީ ހަރަކާތުން މުޅިން ދުރުވާކަށް ވެސް ނެތިން

ޖެނުއަރީ މަހުގެ ތެރޭގައި އެކްސްގައި ކުރީގެ ރައީސް ނަޝީދު ކުރެއްވި ޕޯސްޓެއް

"ދަ ޑިމޮކްރެޓްސް" އާއި އެމްޑީޕީ ގުޅުމުގެ ވާހަކަ ދެކެވެމުންގޮސް މިހާރު މިވަނީ ޑިމޮކްރެޓްސް އުވާލާ އެޕާޓީގެ ހުރިހާ މެމްބަރުން އެމްޑީޕީއާއި ގުޅެން ނިންމާފައެވެ. ރައީސް ނަޝީދު ހިމެނޭހެން  "ރޫޅާލާނެ" ކަމަށް ބުނެ އިންތިޚާބެއް "ގެއްލުވައިލި" ބަޔަކަށް އެމްޑީޕީން އަލުން ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

އެމްޑީޕީގެ ތާރީޚަށް ބަލާއިރު، މިއީ އަޖައިބުވާވަރު ކަމެއްނޫނެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަދަލުކުރުމަށް އެންމެ ބޮޑަށް މަސައްކަތްކުރި ގިނަ ފަރާތްތަކެއް ވެސް އެމްޑީޕީގެ އިސް މަޤާމުތަކުގައި މިހާރު ވެސް ތިބިކަން ފާހަގަކުރެވެއެވެ. އަދި "ދަ ޑިމޮކްރެޓްސް" އުފެއްދުމުގައި އިސްކޮށް އުޅުއްވި ބޭފުޅުން ވެސް މި ވަގުތު ތިއްބެވީ އެމްޑީޕީގައެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު، ރައީސް ނަޝީދަށް ވެސް އެނބުރި ވަޑައިގަތުމަށް އޮތް މަގު ބަންދުވެފައެއްނުވެއެވެ. ނަމަވެސް، މިއީ ސިޔާސީ ކުޅިވަރެއްތޯ ނުވަތަ ހަޤީޤީ އެނބުރި އައުމެއްތޯ އަދި ސާފެއް ނުވެއެވެ. ކޮންމެ ގޮތެއްވިޔަސް، ސިޔާސީ މައިދާނުގެ މި "އުނބަށްޖެހުމުގެ ސިޔާސަތު" އަކީ ރައްޔިތުންގެ މެދުގައި އެތައް ސުވާލުތަކެއް އުފައްދާ، ސިޔާސީ މަޝްރަޙު އިތުރަށް ހުސްނުވާ ވާހަކައަކަށް ހަދާފައިވާ ކަމެކެވެ.

                    

                    

މި ލިޔުން ކިޔާލުމުން

Ads by MSS