ދުނިޔެ

އިންޑޮނޭޝިއާގެ ލެވޮޓޮބީ ލަކިލަކި އަލިފާން ފަރުބަދަ ގޮވައި، ބާލީގެ ވައިގެ ދަތުރުތައް ހުއްޓުމަކަށް

އިންޑޮނޭޝިއާގެ ލެވޮޓޮބީ ލަކިލަކި އަލިފާން ފަރުބަދަ ގޮވައި، ބާލީގެ ވައިގެ ދަތުރުތައް ހުއްޓުމަކަށް

އިންޑޮނޭޝިއާގެ ލެވޮޓޮބީ ލަކިލަކި އަލިފާން ފަރުބަދަ ގޮވުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 ޖޫން 2025، 01:07

18 ޖޫން 2025، 01:07

އިންޑޮނޭޝިއާގެ ލެވޮޓޮބީ ލަކި ލަކި ފަރުބަދަ އަނެއްކާވެސް ގޮވައި، ދުންބޯވެ ބައިބައި އެކިތަނަށް ބުރައިގެންގޮސްފިއެވެ. މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ ރަށްވެހިން ސަލާމަތްތެރި ތަންތަނަށް ބަދަލުކުރަން ޖެހުނެވެ. އަދި ފަތުރުވެރިކަމުގެ މަންޒިލެއް ކަމުގައިވާ ބާލީ އަށް ކުރާ ވައިގެ ދަތުރުތައްވެސް ހުއްޓާލަން ޖެހުނެވެ.

ބުދަ ދުވަހުގެ ހަވީރުން ފެށިގެން ބުރާސްފަތި ދުވަހުގެ މެންދުރުފަހާ ހަމައަށް ފަރުބަދަ ގޮވައި، އަޅިތައް 5،000 މީޓަރު (16،400 ފޫޓު) އުސްމިނަށް އުފުލުނެވެ. އަދި އެންމެ ބޮޑަށް ގޮވި ފަހަރު، 10،000 މީޓަރު (32،800 ފޫޓު) އުސްމިނަށް އަޅިތަކާއި ދުން އުފުލި، 150 ކިލޯމީޓަރު (93 މޭލު) ދުރުން ފެންނަ ހިސާބަށް ފެތުރުނެވެ.

ފަރުބަދަ ގޮވުމުގެ ނުރައްކާތެރިކަން އިންތިހާއަށް އޮތުމާއެކު، ފަރުބަދައިގެ 8 ކިލޯމީޓަރު (5 މޭލު) ވަށައިގެންވާ ސަރަހައްދު ހުސްކުރުމަށް އިރުޝާދު ދެވުނެވެ. އަދި ފަރުބަދަ ގޮވުމުން ބޭރުވާ ހިލަ އަދި އަޅިއާއި ދުމުގެ ސަބަބުން ފަރުބަދައިން 7 ކިލޯމީޓަރު (4.3 މޭލު) ދުރުގައި ހުރި މޮނިޓަރިންގ ޕޯސްޓުގެ މުވައްޒަފުންވެސް ސަލާމަތްތެރި ތަނަކަށް ބަދަލުކުރެވުނެވެ. މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމަށް ރިޕޯޓެއް ނުކުރެއެވެ.

ފަރުބަދަ ގޮވުމުގެ ސަބަބުން ބޯރު، ހެވާ އަދި ވަޓޯބުކު ފަދަ ރަށްތަކަށް އަޅިއާއި ވެއްޔާއި ހިލައިގެ އަސަރުކުރިއެވެ. އަދި ނުރާބެލެން ރަށުގެ ބައެއް ރައްޔިތުން ކޮންގާގައި ހުރި ސަލާމަތީ މަރުކަޒުތަކަށް ބަދަލުވިއެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޭޖެންސީގެ ތަރުޖަމާނު އަބްދުލް މުހާރީ ވިދާޅުވި ގޮތުގައި ބައެއް ރައްޔިތުން ފަރުބަދައިން 12 ކިލޯމީޓަރު (7.4 މޭލު) ދުރުގައިވާ ނިލެކްނޮހެންގް ރަށަށްވެސް ބަދަލުވެފައިވެއެވެ.

ފަރުބަދަ ގޮވުމުގެ ސަބަބުން އޮސްޓްރޭލިއާ، މެލޭޝިއާ، އިންޑިއާ އަދި ޗައިނާ އާ ދެމެދު ކުރާ ވައިގެ ދަތުރުތައް ހުއްޓާލަން ޖެހުނެވެ. އަދި ފްލޯރެސް ޖަޒީރާގައި ހުންނަ ލަބުއަން ބާޖޯ އިންޓަނޭޝަނަލް އެއަރޕޯޓުގެ ދަތުރުތައްވެސް ހުއްޓާލަން ޖެހުނެވެ. މިކަމުގެ ސަބަބުން އެތައްހާސް ފަތުރުވެރިންގެ ދަތުރުތަކަށް ބުރޫ އެރިއެވެ.


ލެވޮޓޮބީ ލަކި ލަކި ފަރުބަދައަކީ 1،584 މީޓަރު (5،197 ފޫޓު) އުސްމިނުގެ ފަރުބަދައެކެވެ. މިއީ ފްލޯރެސް ޓިމުރު ސަރަހައްދުގައި ހުންނަ ލެވޮޓޮބީ ޕެރެމްޕުއަން ފަރުބަދައާ އެކުވެފައިވާ ފަރުބަދައެކެވެ. މި ފަރުބަދަ ވަނީ މީގެ ކުރިންވެސް އެކި ފަހަރު މަތިން ގޮވާފައެވެ. އަދި މިދިޔަ ނޮވެމްބަރު މަހު މި ފަރުބަދަ ގޮވުމުގެ ސަބަބުން 9 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވިއެވެ. އަދި މާރިޗު މަހުވެސް މި ފަރުބަދަ ވަނީ ގޮވާފައެވެ.

އިންޑޮނޭޝިއާއަކީ 270 މިލިއަން މީހުން ދިރިއުޅޭ، ގިނަ އަދަދެއްގެ ޖަޒީރާތަކުން އެކުލެވިފައިވާ ޤައުމެކެވެ. މި ޤައުމުގައި އަލިފާން ފަރުބަދަ ގޮވުމުގެ ހާދިސާތައް އާންމުކޮށް ހިނގައެވެ. އަދި މި ޤައުމުގައި 120 ހަރަކާތްތެރި އަލިފާން ފަރުބަދަ ހުރެއެވެ. އިންޑޮނޭޝިއާ އޮންނަނީ "ރިންގް އޮފް ފަޔަރ" ގެ ނަމުން މަޝްހޫރު، ޕެސިފިކް ކަނޑުގެ ވަށައިގެންވާ އަލިފާން ފަރުބަދައިގެ ފޯލްޓް ލައިންތަކުގެ ތެރޭގައެވެ.

މި ފަރުބަދަ ގޮވުމުގެ ސަބަބުން ވައިގެ ދަތުރުތަކަށް ކުރިމަތިވެފައިވާ ދަތިތަކާ ގުޅޭގޮތުން އޮސްޓްރޭލިއާގެ ޖެޓްސްޓާރ އެއަރލައިންސްއިން ބުނެފައިވަނީ، ބުދަ ދުވަހުގެ ފަހު ވަގުތެއްގައި އަޅި އަދި ދުމުގެ އަސަރު ކެނޑި، ދަތުރުތައް އަލުން ފެށޭނެ ކަމަށެވެ. އަދި އެއަރ ނިއުޒީލަންޑުން ބުނެފައިވަނީ އޯކްލަންޑަށް ކުރަން ހަމަޖެހިފައިވާ ދަތުރެއް ކެންސަލްކޮށް، ޕަސިންޖަރުން އެހެން ދަތުރަކަށް ބަދަލުކުރާނެ ކަމަށެވެ. މީގެ އިތުރުން ނިއު ދިއްލީ، ސިންގަޕޫރު އަދި ޗައިނާގެ ޕުދޮންގްއަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައްވެސް ވަނީ ކެންސަލްކުރެވިފައެވެ.

                    

                    

މި ލިޔުން ކިޔާލުމުން

Ads by MSS